މައިންބަފައިންގެ ހިތުގަ ޖެއްސުވުމަކީ މަޙްޝަރު ދުވަހު ﷲ ގެ ޙަޟްރަތުގަ ހުއްޓިހުންނަންޖެހޭއިރު އިސްއުފުލައި ނުލެވިދާނެ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
މައިންބަފައިންގެ ހިތުގަ ޖެއްސުވުމަކީ މަޙްޝަރު ދުވަހު ﷲ ގެ ޙަޟްރަތުގަ ހުއްޓިހުންނަންޖެހޭއިރު އިސްއުފުލައި ނުލެވިދާނެ ބިރުހުރި ކަމެއް!

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މައިންބަފައިންނަށް ޝުކުރުވެރިވެ ހެޔޮކޮށް ހިތަންޖެހޭނީ އެމީހުން ތިމާއަށް ކަންކަން ކުރި ގޮތަށް ބަލައިގެންކަމަށެވެ. އެމީހުން ތިމާގެ ހިތް ފުރައިދީފައިވާނަމަ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަންގަވާފައިވަނީ އެއްވެސް ޝަރުޠަކާ ލައިގެނެއް ނޫނެވެ.  

މައިންބަފައިންގެ ތެރޭގައިވެސް ތަފާތުމިޒާޖުގެ މީހުން ތިބޭނެއެވެ. ވީމާ ދަރިންނާއިމެދު ހުރިހާ މައިންބަފައިންނަށް ކަންކަން ކުރެވިފައި ހުންނާނީ އެއްގޮތަކަށް ނޫނެވެ. އެމީހުން އިހްމާލުވެފައިވާނަމަ އެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ދަރިންނަށް އޮތީ ކިޔަމަންތެރިވެ ޝުކުރުވެރިވެ މައިންބަފައންނަށް ހެޔޮކޮށް ހިތުމެވެ. ސަބަބަކީ ކީރިތި ޤުރްއާނުގައި އެކަން އެގޮތަށް ކުރަން ބަޔާންކުރައްވަވާފައިވުމެވެ.  

ﷲ ތަޢާލާގެ ވަހީބަސްފުޅުގައިވަނީ މިފަދައިންނެވެ. " ތިމަން އިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ.  އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."  

މިވަޙީ ބަސްފުޅަށް ބަލައިފިނަމަ ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށާއި މައިންބަފައިންނަށް ޝުކުރުވެރިވުމަށް ﷲ ތަޢާލާ އެވަނީ އަންގަވައިފައެވެ. އަދި މުރުވެ އެނބުރިދާންޖެހޭނީ އެކަލާނގެ ޙަޟްރަތަށްކަންވެސް އެވަނީ އަންގަވައިފައެވެ.  

މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ވިދާޅުވެދެއްވެވުމުގެ ޙިކުމަތަކީ އިސްލާމްދީނުގައި މައިންބަފައިންނަށް ދޭ ދަރަޖަ ބަޔާންކޮށްދެއްވަވައި އެފަދަ އަމަލުތަކަށް މީހުންނަށް ހިތްވަރު ދެއްވެވުމެވެ. މިކަމުން  މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ.  

ކީރިތި ޤުރުއާނުގައިވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައިވަނީ މުޅި އިންސާނިއްޔަތަށެވެ. 

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.  

"وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ" (لقمان 14)  

މާނައީ: "އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަން އިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ.  އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން