މީސްތަކުންގެ ޖާހިލުކަން ބޮޑުވުމުން ޢިލްމް އުފުއްލަވާނެ ދުވަސް ބައްދަލުކުރާނެ!

ކިޔުމަށް ހޭދަވާނީ 4މ 55ސ
މީސްތަކުންގެ ޖާހިލުކަން ބޮޑުވުމުން ޢިލްމް އުފުއްލަވާނެ ދުވަސް ބައްދަލުކުރާނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

عن عبد الله بن عمرو بن العاص رضي الله عنهما ، قال: سمعت رسول الله صلى الله عليه وسلم يقول: «إنَّ اللهَ لاَ يَقْبِضُ العِلْمَ انْتِزَاعاً يَنْتَزعهُ مِنَ النَّاسِ، وَلكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِماً، اتَّخَذَ النَّاسُ رُؤُوساً جُهَّالاً، فَسُئِلُوا فَأفْتوا بِغَيْرِ عِلْمٍ، فَضَلُّوا وَأضَلُّوا». 

މާނައީ: ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ޢިލްމު ދެއްވުމަށް ފަހުގައި އެޢިލްމު އެކައްޗަކަށް އަޅުތަކުން ތެރެއިން ނުހިއްޕަވާނެތެވެ. އެހެންނަމަވެސް އެކަލާނގެ ޢިލްމު ހިއްޕަވަނީ ޢިލްމުވެރީންގެ ފުރާނަ ހިއްޕެވުމުގައެވެ. އެގޮތުންގޮސް އުއްމަތުގައި އެއްވެސް ޢިލްމުވެރިއަކު ބިންމަތީގައި ނުވާނެއެވެ. އެހިނދު މީސްތަކުން އެބައިމީހުންގެ މައްޗަށް ތަންދޮރު ފިލާފައި ނުވާ ޖާހިލުން ޢިލްމުވެރީންގެ ގޮތުގައި އިސްކުރާނެއެވެ. އަދި އެބައިމީހުންގެ ގާތުން ސުވާލުކުރުމުން އެއަށް އެޖާހިލުކަމުގައިވާމީހުން ޖަވާބު ދޭނެއެވެ. ފަހެ، އެމީހުންގެ އަމިއްލަ ނަފްސާއި އަދި އެހެނިހެން މީސްތަކުން މަގުފުރެދިގެންދެއެވެ."

ޢިލްމު ހޯދުމަކީ ވަރަށް މަތިވެރި ޢަމަލެކެވެ. އެކަމުގެ ޘަވާބު ﷲ ތަޢާލާ ދެއްވާނެއެވެ. ޢިލްމުގެ ސަބަބުން މީހުންނަށް ހިދާޔަތް ލިބިގެން ދެއެވެ. ޢިލްމުވެރީންނާއި ޖާހިލުންގެ ދެމެދުގައި ތަފާތުތަކެއްވެއެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އެވާހަކަ ބަޔާން ކޮށްދެއްވާފައިވެއެވެ. އަދި ޞަހާބީ ބޭކަލުންވެސް ތާބިޢީ ބޭކަލުންވެސް އަދި އޭގެ ފަހުން އައި ބޭކަލުންވެސް، ޢިލްމުވެރީންނަށް ވަރަށް އިޙްތިރާމް ކުރެއެވެ.  

ﷲ ތަޢާލ ޒުމަރު ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ ‎﴿٩﴾‏

މާނައީ: ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) سجدة ގައްޔާއި، قيام ގައި މަޑުމޮޅިވެ، آخرة ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ رحمة އަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ. (9) 

މި ޙަދީޘުން ލިބޭ ބައެއްފައިދާތައް: 

·      ޢިލްމު ޙާޞިލް ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަން

·      ޢިލްމުވެރީން ގިނަވުމުގެ ސަބަބުން މީސްތަކުންނަށް ފައިދާވެ މުޖުތަމަޢަށް ހެޔޮ އަސަރެއް ކުރާނެކަން

·      ރަނގަޅު ޢިލްމެއް ނެތި ޖާހިލުކަމާއެކީ މީހުންނާ ޖަދަލު ކުރުމަކީ ފާފަވެރިވާނެ ކަމެއްކަން

·      ޢިލްމެއް ނެތި ޖަދަލުކުރުމުން ދުރުހެލިވުން

·      ދީނުގެ ޢިލްމު މީހުންނަށް ނޭނގުމަކީ ޤިޔާމަތުގެ ޢަލާމާތުގެ ތެރެއިން ވާކަމެއްކަން

·      ޢިލްމުވެރީން މަރުވުމަކީ އުއްމަތައް ލިބޭނެ ވަރަށް ބޮޑު ދެރައެއްކަން

މިއަދު އޮންލައިން