ސިޙުރަކީ އެންމެ ބޮޑު އަނިޔާ! ސިޙުރު ހެދުމާ ސިޙުރު ހެއްދުވުމަކީ ދުނިޔެއާ އާޚިރަތް ގެއްލިގެންދާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 57ސ
ސިޙުރަކީ އެންމެ ބޮޑު އަނިޔާ! ސިޙުރު ހެދުމާ ސިޙުރު ހެއްދުވުމަކީ ދުނިޔެއާ އާޚިރަތް ގެއްލިގެންދާ ކަމެއް!

އަޅުގަނޑުމެންގެ ގޭގައި ވަރަށް ނުރައްކައުތެރި މީހަކު އެބައުޅެއެވެ. އޭނާ ބުނަނީ އޭނާ ޞިޙުރު ނުހަދާ ކަމަށެވެ. އެކަމަކު ސިޙުރު ހައްދުވަން މީހުން ކޮންމެ ދުވަހަކު އައިސް އޭނާއާއި ވާހަކަދައްކާކަން އެނގެއެވެ.  

ސިޙުރުހަދާ މީހުންނާއި ސިޙުރު ހައްދުވާ މީހުންގެ ޙުކުމަކީ ކޮބައިތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެމީހުންނަށް އޮތް ޙުކުމާއި ސިޙުރާ ސިޙުރުގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.  

މުސްލިމް އަޚުންނޭވެ! މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ސިޙުރެވެ. ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވެއެވެ. ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދެއެވެ. ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅެއެވެ. ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހެއެވެ. އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ z ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ. މިނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމަޢަށް ޢާންމުވެފައެވެ.  

މުސްލިމް އަޚުންނޭވެ! މި ސުންޕާ ޢަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ޙަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަޚުންނާއި އުޚުތުން ހެއްޔެވެ؟ ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ ދަނީ ކިތައް ޢާއިލާ ހެއްޔެވެ؟ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިޙުރުގެ ސަބަބުންނެވެ.   

މުސްލިމް އަޚުންނޭވެ! ސިޙުރަކީ ޙަޤީޤަތެކެވެ. އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެކެވެ. ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫނެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެވެ. މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި،ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނެއެވެ. ކީރިތި ރަސޫލާ z އަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރެކެވެ. لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާ z އަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެންނެވެ. ކީރިތި ރަސޫލާ z އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެންނެވެ.[1]  

މުސްލިމް އަޚުންނޭވެ! ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ."އަދި سُلَيْمَانُ ގެފާނުގެ ވެރިކަމުގެ ޒަމާނުގައި، شَيْطَانُ ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تَبَعَ ވޫއެވެ. سُلَيْمَانُ ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شَيْطَانُ ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سِحْرُ އުނގަންނައިދިނުމުންނެވެ. އަދި بَابِلُ ގައިވާ هَارُوْت އާއި، مَارُوت އާއި ދެ مَلَائِكَةُ ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާ ވެސް (އެއުރެން تَبَعَ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ، (إِيـْمَان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) اِمْتِحَان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ ވިދާޅުވެ (نَصِيْحَة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ مَلَائِكَةُ ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި، އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް، ވަކިކުރާނޭ ގޮތް، އެ ދެ مَلَائِكَةُ ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. الله ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخِرَةُ ގައި އެއްވެސް نَصِيْب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ. އެއުރެންގެ نَفْسُ ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ."[2] މި އާޔަތުގައި "ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ" އޮތް ބަސްފުޅުން ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން އެނގެއެވެ. އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވަމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ސިޙުރާއި، ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިވެގެންވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންނީ އެންމެހައި ކަންކަމުގައި މާތް الله ގެ ޙަޟްރަތުން ވާގިއެދި އެކަލާނގެއަށް ދުޢާ ދަންނަވާ ޞާލިޙު އަޅުން ކަމުގައި ލައްވާނދޭވެ!

މުސްލިމް އަޚުންނޭވެ! ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެކެވެ. އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެކެވެ. ތިޔަބައިމީހުން ސިޙުރުހާހޫރައާ ދުރުހެލިވާށެވެ! އަދި މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާ އެކު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. -- މާނައީ: "އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ وَحِيْ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް دُعَاء ކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ دُعَاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއަށް (دُعَاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حَالُ، އެއުރެން ނަރަކަޔަށް ވަންނާނެތެވެ." 

މުސްލިމް އަޚުންނޭވެ! ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުމެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. ---- މާނައީ: "އަދި ހަމަކަށަވަރުން، شَيْطَان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، މާތް الله ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ތިންވަނަ ކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ z ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުމެވެ.  

ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރޭވެ އަނދިރިވާ ހިނދު، ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެވަގުތު ޝައިޠާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި، ތިޔަބައިމީހުންގެ ފެންޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައި މަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!"[3] 

--ޝައިޚް އަހްމަދު ފަހުމީ ދީދީގެ ޚުޠުބާއަކުން  

[2] البقرة: ١٠٢‏

 

މިއަދު އޮންލައިން