އެއީ 12 އަހަރުގެ އަންހެން ކުއްޖެކެވެ. ކޮންމެ ދުވަހަކުހެން އޭނާއަށް އެއް މަންޒަރެއް ފެނެއެވެ. އެއީ ބައްޕަ މަންމައަށް އަނިޔާކުރާ މަންޒަރެވެ. މިކަމަށް ކެތް ނުކުރެވިގެން އެއްދުވަހަކު އައިސް ބައްޕަގެ ކުރިމަތީގައި ހުއްޓި ވަޅިއެއް ދައްކާފައި ބުނީ މިއުޅެނީ މިއަދު މިކަން ގޮތަކަށް ނިންމަން ކަމަށެވެ. އެއްގޮތަކީ މިވަޅީގައި ބައްޕަ ހިފައި މަންމަގެ ކަރު ބުރިކޮށްލުން ކަމަށާއި ދެވަނަ ގޮތަކީ ބައްޕަ އެކަން ނުކުރާނަމަ އަޅުގަނޑު އަމިއްލައަށް މަންމަގެ ކަރުބުރިކޮށްލުން ކަމަށެވެ.
ބައްޕައަށް ލިބުނު ސިހުން ބޮޑުކަމުން ބިންމައްޗަށް ނުވެއްޓުނީ ހަމަކިރިޔާއެވެ. ތެޅިގެންފައި ބުނީ މަންމައަށް މިކުރަނީ އަނިޔާ ނޫންކަމަށާއި މަންމަ އިޞްލާޙްކުރަން މަސައްކަތްކުރަނީ ކަމަށެވެ. ދަރިފުޅު ބުނީ ކޮންމެ ދުވަހަކު ތިއަގޮތަށް އަޅުގަނޑު އިޞްލާޙްކުރާ މީހަކާއި އަޅުގަނޑުގެ ކައިވެނިކޮށްދޭނަން ހެއްޔެވެ؟ ބައްޕައަށް ބުނެވުނީ ކޮށްނުދޭނެ ކަމަށެވެ.
ދަރިފުޅު ބުނީ "އެހެންވީމާ ކުށްވެރިއަކީ ކާފަ ކަމަށެވެ. އެއީ ތިއަފަދަ ބޮޑު އަނިޔާވެރިއަކާއި މަންމަގެ ކައިވެނި ކޮށްދިނިތީ ކަމަށެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! މަންމަގެ ކުށްތައް އިޞްލާޙްކުރާނީ ތިއަ ގޮތަށް ކަމަށް ކާފަގެ ގާތުގައި އެންމެ ފަހަރަކުވެސް ބުނިން ހެއްޔެވެ؟ ނުބުނާނެކަން ޔަޤީނެވެ. ވީމާ ބައްޕަ ތިއަކުރިކަމަކީ ކާފައަށް މަކަރުހަދައިގެން ކާފަގެ ދަރިފުޅު އަތުލައިގަތުމެވެ. އެހެންވީމާ ބައްޕަގެ މައްސަލައަށް ކޯޓުން ޙުކުމެއް ކުރުވަން އެބަޖެހެއެވެ. ކުށްވެރިއަކީ ކާފަކަން ނުވަތަ ބައްޕަކަން ކަނދައަޅަން އެބަޖެހެއެވެ. ވީމާ ފުލުހުންނަށް މިގުޅަނީއެވެ."
ބައްޕައަށް ޖެހުނީ ދަރިފުޅުގެ ދެފައިމައްޗަށް ތިރިވެ އާދޭސްކުރާށެވެ! ދަރިފުޅާއި އަނބިމީހާގެ ގާތުން މާފަށް އެދޭށެވެ. ދަރިފުޅުގެ ފަހުބަހަކަށްވީ "ތިއައީ ބައްޕައެވެ! އެކަމަކު މިއީ ފަހުބަހެވެ! މީގެފަހުން ދުލުން ބުނާ ބަސްތައްވެސް ހިމެނޭހެން އެއްވެސް އަނިޔާއެއް މަންމައަށް ކޮށްފިނަމަ ވާނެގޮތް މިދައްކައިލަނީއެވެ."
އެހެންބުނެފައި ފްލެޓުގެ ދޮރުހުޅުވުމުން އެތެރެއަށް ވަނީ 2 ފުލުހުންނެވެ. ބައްޕަ އަނެއްކާވެސް ބިރުން ހަލާކުވާވަރުވުމުން ދަރިފުޅު ބުންޏެވެ. "މިރެއަކު ބައްޕަ ހައްޔަރެއް ނުކުރާނެއެވެ. މިރޭ މިތަނުގައި އެތިބީ ބައްޕަ ހައްޔަރުކުރާކަށް ނޫނެވެ. ހެކިންގެ ގޮތުގައެވެ. އެއީ ކްލާސް ކުއްޖެއްގެ ބޭބެއާއި ބޭބެގެ އެކުވެރިއެކެވެ."
އެއިގެ ފަހުން އެބައްޕަ ދުވަހަކުވެސް ވަރަށް ލޯބިން ނޫނީ އަނބިމިހާއާއި އެއްވެސް މުޢާމަލާތެއް ނުކުރެއެވެ. ކަންކުރަންވީ ގޮތް ދަރިފުޅަށް ދަސްކޮށްދިނީ އޭނާގެ އެކުވެރިޔާގެ ބޭބެއެވެ. ކަންކުރީ ބޭބެ ބުނެދިން ގޮތަށެވެ.
އަޅުގަނޑުގެ އިލްތިމާސަކީ މިފަދަ މައްސަލަތަކުގައި އެކުއްޖާގެ އެކުވެރިޔާގެ ޢާއިލާއިން ކުއްޖާއަށް އެހީތެރިވެދިން ފަދައިން އެންމެންވެސް އެހީތެރިވުމެވެ. މިބާވަތުގެ ކަންކަން ހުއްޓުވޭނީ ބުއްދީގެ ބޭނުންކޮށްގެންނެވެ. އަދަބުދިންނަމަ ދެމައިން ނިކަމެތިވީއެވެ. ވީމާ އެޢާއިލާއަށް އަހުރެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް