އެއްވެސް މީހަކަށް މާފްކުރަންޖެހޭ ޙާލަތުގައި މާފުކުރަން ފަސްނުޖެހޭށެވެ. އެކަމުން ލިބޭ ވަރަށް ބޮޑު ދެ ފައިދާއެއް ވެއެވެ. ފުރަތަމަ ފައިދާއަކީ ﷲ ތަޢާލާއަށްޓަކައި މީހަކަށް މާފުކުރުމުން ﷲ ތަޢާލާ އެމީހަކަށް ލައްވަވާ ރަހްމަތެވެ. ދެވަނަ ފައިދާއަކީ އެކަމަށް އިތުރަށް ވިސްނަން ނުޖެހޭނެ ކަމެވެ. އެކަމުގެ ސިކުނޑިއަށް ލުއިލިބޭނެ ކަމެވެ.
ވީމާ އަބަދުވެސް މީހުންނަށް މަޢާފުކޮށް މިބުނި ފައިދާތައް ލިބިގަންނާށެވެ! އެކަމަކު ހަމަހިލާ ކުރިން ކުރިވަރާ ގާތަކަށްވެސް އެމީހުންނަށް އަލުން އިތުބާރު ނުކުރާށެވެ. ދެވަނަ ލަނޑު ދިނުމުގެ ފުރުޞަތުނުދޭށެވެ!
އެމީހުން ތިބާ ނާއުއްމީދުކޮށް ތިބާގެ އިތުބާރު ގެއްލުވާލީއެވެ. އަދި އެކަނިވެރިކަމާއެކު ވޭން ތަހައްމަލް ކުރުމަށް ދޫކޮށްލީއެވެ. އެވަގުތު އެމީހުން ތިބާގެ އިޙްސާސްތަކާމެދު ވިސްނައިވެސް ނުލިއެވެ. އެމީހުން ހަމައެކަނި ވިސްނީ އެމީހުންނާއިމެދުގައެވެ.
އެފަދަމީހުންނަށް އެކަން ތަކުރާރު ކުރުމުގެ އިތުރު ފުރުސަތެއް ނުދޭށެވެ. މާފްކުރުން އިޚްތިޔާރު ކުރުމަކީ ތިބާގެ އަމިއްލަ ކުރިއެރުމަށްޓަކާ އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. އެމީހުންގެ އެއް ނޫނެވެ. މާފުލިބޭ ލިބޭ މީހާއަށް އެލިބެނީ ނިކަމެތިކަމެކެވެ.
މާފަށް އެދުމުން މާފުކުރަންވީ އެމީހުން ފަރުވާ ކުޑަކަމާއެކު، ގަދަބާރު ގެނުވި ނާއިންސަފުގެ ބުރައިން ތިބާގެ އަމިއްލަ ނަފްސު މިނިވަންކުރުމަށްޓަކައެވެ. މުހިންމީ ތިބާގެ ފަރުވާއެވެ. އަދި ތިބާގެ އިތުބާރު މާމަތިވެރިއެވެ. އެކަމަށް ވިސްނުންތެރިކަމާއެކު ސަމާލުވާށެވެ.
އަދި ތިބާގެ އިތުބާރަށް އިޙްތިރާމް ކޮށް ތިބާއަށް ހެޔޮއެދޭ މީހުން ތިބާގެ ވަށައިގެން ގެންގުޅޭށެވެ. ތިބާއަށް ޙައްޤީ އިޙްތިރާމާއި އިތުބާރާއި އަދި ތެދުވެރިކަމުގެ މައްޗަށް ބިނާވެފައިވާ، ތިބާގެ ނަފްސާނީ ދުޅަހެޔޮކަމާއި އިހްސާސްތަކަށް ޤަދަރުކުރާ ގުޅުމެކެވެ. ފައިދާކުރާނީ އެނޫން ގުޅުންތަކާއި ދުރުހެލިވުމުންނެވެ!
މިއީ ބުއްދިވެރި ޢިލްމުވެރިއަކު ބުނެފައިވާ ވާހަކައެކެވެ.
--އަލަފް / މިއަދުނޫސް