ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ހެޔޮލަފާ ބައިވެރިއަކު ނުލިބުމެވެ. އެކަމުން އެނގެނީ ހެޔޮލަފާ މީހުން މަދުކަމެވެ. އެމަދު މީހުންގެ ތެރެއިންވެސް މާތް ﷲ އެމީހަކަށް ހެޔޮލަފާ ރަނގަޅު ބައިވެރިއަކު ދެއްވަވައިފިނަމަ ގިނަ ބައަކަށް އޮންނަނީ ތިމާއަށް ދެއްވެވި ބޮޑު ނިޢުމަޓާއިމެދު ވިސްނައިވެސް ނުލެވިފައެވެ. އެހެން ބުނަންޖެހެނީ އެނިޢުމަތް ދަމަހައްޓަން މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުކަމުންނެވެ.
ވީމާ މިއާޔަތަށް ވިސްނައިލަމާ ހިނގާށެވެ!
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ."
(އިބްރާހީމް: 7)
މިއާޔަތަށް ވިސްނައިލުމުން އަހުރެންގެ ހިތަށް ބިރުވެރިކަންވަންނަ ދެކަމެއް ފާހަގަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިނުވެވޭކަމެވެ. ޙަލާލް ނޫން ގޮތުގައިވިޔަސް އިތުރަށް ބޭނުންވާކަމެވެ. އެއިގެ ތެރެއިން އެއްކަމަކީ ދެއްވަވަވާ މިންވަރަށް ޝުކުރުވެރިނުވެ ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދާކަމެވެ.
ދެވަނަ ކަމަކީ އެތައް މިލިއަން މީހުން އެމީހުންނަށް ޒަވާޖީ ޙަޔާތެއް ފަށާނެ ބައިވެރިއަކު ނުލިބި އެކަމުގެ ހިތާމައިގައި ތިއްބައި ތިމާއަށް ބައިވެރިއަކު ދެއްވެވުމުން ޝުކުވެރިނުވެވޭކަމެވެ. ކައިވެނީގައި ހުރެ ހިލޭ އަންހެނުންނާއި އަދި ފިރިހެނުންނާއި ޙަރާމް ގުޅުންތައް ބާއްވައި ޙަރާމްކުރެއްވެވި ކަންކަން ކުރެވޭނަމަ ޝުކުރުވެރި އެބަވެވޭހެއްޔެވެ؟ އަދި ހިލޭ އަންހެނުންނަށް ނުވަތަ ހިލޭ ފިރިހެނުންނަށް ޚަރަދުކުރާނަމަ ޝުކުރުވެރިނުވުން ހައްދުފަހަނައަޅައި ނުދޭހެއްޔެވެ؟
ﷲ ތަޢާލާ ދެއްވެވި ރިޒުޤު ނުވަތަ ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށާއި ތިމާ ޚަރަދުކުރަންޖެހޭ ފަރާތްތަކަށް ޚަރަދުކުރުމަށެވެ. އެއްވެސް ޙާލެއްގައި ޙަރާމް ކަންކަމަށް ޚަރަދުކުރާކަށް ނޫނެވެ. އިސްރާފްކުރާކަށްވެސް ނޫނެވެ.
ކާފިރުކަން މާނަކުރަންވީ ހަމައެކަނި އިސްލާމް ދީން ދޫކުރުމަކަށް ނޫނެވެ. އީމާންކަންމަތީގައި ހުރެ ވައްކަމެއް ނުކުރާނެއެވެ. ޚިޔާނާތްތެރިއެއްވެސް ނުވާނެއެވެ. ކޮރަޕްޝަނުގެ ފައިސާއެއްގައި ނުހިފާނެއެވެ. ރިބާއެއް ނުކާނެއެވެ. އެހެންކަމަށްވާއިރު މިކަންކަން ކުރުމުން ތިމާއަށް ކުރެވެނީ ކޮންކަމެއްކަމާއިމެދު ވިސްނައިލާށެވެ.
ހަމައެފަދައިން އީމާންކަނމަތީގައި ހުރެ އެއްވެސް މީހަކު ޒިނޭއެއް ނުކުރާނެއެވެ. ހިލޭ އަންހެނުންނަށް ފިރިހެނުންނަށް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން ހޭދައެއްވެސް ނުކުރާނެއެވެ. ވީއިރު އެކަންކަން ކުރާ މީހާއަށް އެހުރެވެނީ އިސްލާމް ދީނުގައި ހެއްޔެވެ؟ ޝަހާދަތުގެ ދެކަލިމަމަތީގައި ހެއްޔެވެ؟
ޝަހާދަތުގެ ދެކަލިމަ ކިޔައި ޤަބޫލުކުރާ މީހަކަށް ކާފިރެކޭ ނުބުނެވުނުނަމަވެސް މިބަޔާންކުރި ކަންކަމަށް ސަމާލުކަން ނުދެވޭނަމަ ޝަހާދަތުގެ ދެކަލިމައަށް ސަމާލުކަން ދެވުނު ކަމަކަށް ނުވާނެއެވެ. އަދި ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެވޭ އަޅަކަށްވެސް ނުވާނެއެވެ. ވީމާ އެހިސާބުން އާޔަތުގެ ފަހުބައަށް ވިސްނާލަން އެބަޖެހެއެވެ. "-- އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ."
މީސްތަކުންނޭވެ! ކޮންމެ މުސްލިމަކުވެސް ތަނަވަސްކަން އިތުރުވުމަށް އެދޭނެއެވެ. އުފާވެރި ޒަވާޖީ ޙަޔާތަކަށްވެސް އެދޭނެއެވެ. އާޚިރަތުގައި ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން އަދި ޢަޛާބުން ސަލާމަތްވުމަށްވެސް އެދޭނެއެވެ. ވީއިރު މިކަންކަމަސް ވިސްނައިލުން ކީއްހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން