އެއީ ތަނަވަސް މީހަކާ ކައިވެނިކޮށްގެން އުޅުނު އަންހެނެކެވެ. އަނބިމީހާދެކެ ފިރިމީހާ އިންތިހާއަށް ލޯބިވެއެވެ. އެކަން ޔަޤީންކުރެވުނު ހިސާބުން ޢާއިލާއިން މަސައްކަތްފެށީ އެންމެ ބުވައިކޮށެވެ. ފިރިމީހާއަށް ހެޔޮވެގެން އެޙީތެރިކަން ހޯދަން އުޅުމުގެ ބަދަލުގައި މަސައްކަތްފެށީ ދެމަފިރިން ދުރުކުރުވުމަށެވެ. އެއީ ފިރިމީހާގެ އަތުން ރަނގަޅު ބަދަލެއް ހޯދުމުގެ ބޭނުމުގައެވެ.
އަނބިމީހާގެ ބޮލަށް ސަވާރުވަމުންގޮސް ވަރިއަށް އެދުނެވެ. ފިރިމީހާ ދުވަސްކޮޅަކު ކެތްތެރިވުމުންވެސް ބޮލުގައި ކޮށުން ހުއްޓާނުލުމުން ވަރިކުރިއެވެ. ވަރިކުރަމުން އަނބިމީހާނުވެސް އެދެނީސް އޭނާއަށް އަމިއްލައަށް މަސައްކަތެއް ފެށޭވަރަށް ފައިސާދިނެވެ. މަސައްކަތްކޮށްގެން ތަނަވަސްކަން އިތުރުކުރަން ނަޞީޙަތްދިނެވެ. ފިރިމީހާ ބުނީ ފައިސާ މިދެނީ ދެން ގުޅޭ މީހަކަށް ބަރޯސާނުވެ އަމިއްލަ ތަނަވަސްކަމުގައި ދިރިއުޅެން މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ވަރިކުރުމަށްފަހު ފިރިމިހާއަށް އަނބިމީހާ ފެނުނީ ވަރިކުރިތާ އަހަރެއްހައި ދުވަސްފަހުން ރެސްޓޯރަންޓަކުންނެވެ. ވެއިޓަރަކަށް އުޅެނިކޮށެވެ. ފެނުމާއިއެކު ފިރިމިހާ ދިއައީ ތަރިބުރައިގެންނެވެ.
އެއްފަރާތަކަށް ގެންގޮސް ސުވާލުތައް ކުރުމުން ބުނީ ފިރިމިހާއަތުން ލިބުނު ފައިސާތައް މައިންބަފައިން ދިނީ ދޮންބެ ލައްވައި ޢާއިލީ ވިޔަފާރިއެއް ފަށަން ދޮންބެއަށް ކަމަށެވެ. އެހިސާބުން ފައިސާތަކަށް ވީގޮތް އެނގުނު އެކަކުވެސް ނެތްކަމަށެވެ. ބޮޑަށް ލަފާކުރެވެނީ ދޮންބެ ފްލެޓެއް ގަތީ ކަމަށެވެ. އަތްމަތި ދަތިވެ އުޅެވެން ނެތުމުން އެކުވެރިއެއްގެ ރެސްޓޯރަންޓުގައި މަސައްކަތްކުރަނީ ކަމަށެވެ. ކަންތައް ކުރެވުނު ގޮތުން ލަދުން މިއިން ޥާހަކައެއް ފިރިމިހާގެ ގާތުގައި ބުނަންވެސް ނުކެރުނީ ކަމަށެވެ.
ފިރިމީހާ ދަޢުވަތުދީގެން ގެނައި އެކުވެރިންނާއިއެކު ކައިނިމިގެން ދަމުން އަނބިމީހާގެ ގާތުން އެދުނީ މިއަދަށް ޗުއްޓީނަގައިގެން އޭނާއާއިއެކު ދިއުމަށެވެ. އަނބިމީހާ އެކަން ޤަބޫލުކޮށް އެކުގައި ދިއުމުން ފުރަތަމަވެސް އެދުނީ ފެންވަރައި ރީތިވުމަށެވެ. އަނބިމީހާގެ އަލަމާރީގައި ބަހައްޓާފައިދިއަ ހެދުންތަކާއި ސާމާނުތައް އަދިވެސް ހުންނާނެ ކަމަށެވެ.
ރީތިވެގެން ސިޓިންގ ރޫމަށް އައުމުން ބުންޏެވެ. "ގެއަށް ގޮސް ޕާސްޕޯޓް ހިފައިގެން އަންނާށެވެ! މިރޭ ފުރާނީއެވެ. ފުރަން މިނިންމީ ރާއްޖޭގައި ކައިވެނިކުރާނަމަ ބައްޕަގެ ވަލީ ބޭނުންވާނެތީއެވެ. ތިބާގެ ޢާއިލާގެ އެއްވެސް މީހަކާ ދެން ބައްދަލުކުރާކަށް ބޭނުމެއް ނޫނެވެ. ތިބާ އެމީހުންނާ ބައްދަލުކުރާކަށް ދެކޮޅެއް ނުހަދަމެވެ. އެކަމަކު ބައްދަލުކުރަންވާނީ އެއީ އެމީހުންކަން ވިސްނައިގެން ހުރެއެވެ. ކައިވެނިކުރާނީ މިކަންކަމަށް ރުހޭނަމައެވެ."
އަލުން އެދެމީހުންގެ ކައިވެނިކުރެވުނެވެ. ނަމަވެސް ފިރިމީހާ ކަންތައްކުރީ އޭނާ ބުނިގޮތަށެވެ. އަނބިމިހާގެ ޢާއިލާގެ މީހަކާ ބައްދަލުވެސް ނުކުރެއެވެ. އެކަމަކު ބަލިވެއްޖެނަމަ އެހީތެރިވެއެވެ. އަނބިމިހާގެ ޢާއިލާއަށް ޖެހުނީ ކުށްޤަބޫލުކޮށްގެން މަޑުން ތިބޭށެވެ!
އަޅުގަނޑު ބުނާނީ މިޙާދިސާއަކީ ހުރިހާ އަނބިންވެސް ފުންކޮށް ވިސްނަންޖެހޭނެ ޙާދިސާއެއް ކަމަށެވެ. ތަނަވަހަސް ތަނަވަސް ނޫނަސް ހެޔޮލަފާ ފިރިއަކު ލިބުމުން ދުރުކުރުވަން އުޅޭނަމަ އެކަމަށް ހޭލުންތެރިވާންވާނެއެވެ. އެއީ ތިމާއަށް ހެޔޮއެދޭ މީހަކު ކުރާނެ ކަމެއް ނޫންވީމައެވެ. އެކަމުގެ ފަހަތުގައި މަކަރުވެރި ރޭވުމެއް އޮންނާނެތީއެވެ.
- ސިއްތި / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ