ހުރިހާ މައިންބަފައިންނަކީ ހުރިހާ ކަމަކަށް ފުދިގެން ތިބޭނެ ބައެއް ނޫން! އަޅާލައި އެހީތެރިނުވި ދަރިއަކަށް މަންމަ އެޅި ފިޔަވަޅު- ހުރިހާ ދަރިންނަށްވެސް ޢިބްރަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހުރިހާ މައިންބަފައިންނަކީ ހުރިހާ ކަމަކަށް ފުދިގެން ތިބޭނެ ބައެއް ނޫން! އަޅާލައި އެހީތެރިނުވި ދަރިއަކަށް މަންމަ އެޅި ފިޔަވަޅު- ހުރިހާ ދަރިންނަށްވެސް ޢިބްރަތެއް!

އެއީ ތަނަވަސް ބައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ބައްޕަގެ މަސައްކަތުން ގެ ހުރީ ދެބުރިއަށް އަޅައި މަތީބުރި ކުއްޔަށް ދީފައެވެ. ދަރިފުޅު ބޮޑުވެ ކައިވެނިކުރުމުން އެބައިގައި ތިބި މީހުން ނެރެ ދަރިފުޅަށް ދިނެވެ. އެހިސާބުން އެމީހުންގެ ކަންކަން ދަރިފުޅު ބަލަހައްޓާނެ ކަމުގެ އުންމީދުގައެވެ.  

ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ދަރިފުޅުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ދެފްލޯ ބަދަލުވީ ދެގެއަކަށެވެ. މައިންބަފައިންނަށް ޖެހެނީ ބަލިހާލުގައި އުޅެމުންވެސް އަމިއްލައަށް ކައްކާށެވެ. އެއިގެ އިތުރުން އެހީތެރިވުމުގެ ގޮތުން އެއްވެސް އެއްޗެއް ދިއްކޮށްވެސް ނުލައެވެ.  

ހައަކމަސް ފާއިތުވުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ހުރި އެންމެ ދަރިފުޅާ ޒުވާބުކުރާކަށް ނެތީމެވެ. ރީތި ގޮތުގަ މަތީބުރި ހުސްކޮށްލައިދޭށެވެ. މިމަހުގެ ފަހު ދުވަހު އެތަނަށް މީހުން އަންނާނެއެވެ. ކުލި ލިބެން ފެށުމުން މިހާރުހެން ނުކައި ނުބޮއި ތިބޭކަށް ނުޖެހޭނެއެވެ. ބަލިވެ އޮންނަންޖެހޭ ދުވަސްދުވަހު ގަދަކަމުން ތެދުވެ ކައްކާކަށްވެސް ނުޖެހޭނެއެވެ. ކައްކައިލަދޭނެ މީހަކުވެސް ހޯދައިފީމެވެ. މާދަމާ އޭނާ މަސައްކަތް ފަށާނެއެވެ. މުސާރަދޭންޖެހޭއިރަށް ކުލި ލިބޭނެއެވެ."  

ދަރިފުޅު ވަރަށް ދެރަވެ އާދޭސްކުރުމުންވެސް މަންމަ ބުނީ މަންމަގެ ނިންމުން ބަދަލުނުކުރާނެ ކަމަށެވެ. ކުއްޔަތަނެއް ހިފައިގެން ދަރިފުޅު އުޅުމަށެވެ. އެހެން ގޮތަކަށް ވިސްނާނީ ދަރިފުޅުގެ އަނބިމީހާއަށް ފިލާވަޅެއް ލިބި އިޞްލާޙްވީމައެވެ. ދަރިފުޅަށް މަހަކު 30000 ރުފިޔާ ލިބެއެވެ. ތަނެއް ކުއްޔަށް ހިފައިގެން އުޅެވޭނެއެވެ. މިހާރުގޮތަށް އުޅޭށެވެ. މަންމައާ ބައްޕައަށް އެއްވެސް އެއްޗެއް ދޭނެ ކަމެއް ނެތެވެ.  

މުސާރައިން އެއްބައި ކުއްޔަށް ދައްކައިގެން އުޅެން ވަރަށްދަތިވާނެކަމަށް ދަރިފުޅު ބުނުމުން ބުނީ އެކަން ދަރިފޫލުގެ އަނބިމީހާއަށް އެނގެން އެބަޖެހޭ ކަމަށެވެ. ކަންކަން އިޞްލާޙްކުރެވޭނީ އެއިރުން ކަމަށެވެ.

ލޮބުވެތި އެކުވެރިންނޭވެ! މިހުރި ދަރިން ވިސްނަންޖެހޭނެ ކަންކަމެވެ. ދަރިފުޅު ބޮޑުވުމުން މައިންބަފައިން އެންމެ ބޮޑަށް އުންމީދުކުރާނީ ދަރިންގެ އަޅައިލުމާއި އެހީތެރިކަމަށެވެ. މައިންބަފައިން އެންމެ ބޮޑަށް އުފާވާނީ ދަރިންގެ އަޅައިލުމާއި އެހީތެރިކަން ލިބުމުންނެވެ. އެކަންކަން ދަރިންގެ ފަރާތުން ނުލިބޭނަމަ ހުރިހާ މައިންބަފައިންނަކީ ފުދިގެން ތިބޭނެ ބައެއް ނޫނެވެ. އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން