ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 3 ވަނަ އާޔަތުގެ ފައިދާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 3 ވަނަ އާޔަތުގެ ފައިދާތައް-

ﷲ ތަޢާލާގެ ވަހީބަސްފުޅު: (مَالِكِ يَوْمِ الدِّينِ) މާނައީ: ” ޤިޔާމަތްދުވަހުގެ ވެރި އިލާހެވެ. “ 

މި އާޔަތުގައި ހިމެނޭ ފާއިދާތައް: 

1      ﷲ ތަޢާލާ އަށް އެންމެހާ ތަކެތީގެ މިލްކުވެރިކަން ލިބިވޮޑިގެންވާކަން މި އާޔަތުން ޘާބިތުކޮށްދެއެވެ. އަދި ޤިޔާމަތްދުވަހުގައިވާ ﷲ ގެ މަތިވެރި ބާރުގަދަ ވެރިކަން މި އާޔަތުން ޘާބިތުކޮށްދެއެވެ. އެހެނީ އެ ދުވަހުން މީސްތަކުންގެ އެންމެހާ މިލްކިއްޔާތުތައް ހަލާކުވެގެން ދާނެއެވެ. އަދި އެންމެހާވެރިންވެސް ފަނާވެ ދާނެއެވެ. 

މި އާޔަތުގައި ޤިޔާމަތް ދުވަހުގެ ވެރި އިލާހޭ އައިސްފައި އޮތުމުން މީހަކު ސުވާލުކޮށްފާނެއެވެ. ﷲ ތަޢާލާއީ ޤިޔާމަތްދުވަހާއި ދުނިޔޭގެވެސް މިލްކުވެރި އިލަހު ނޫންތޯއެވެ؟ 

ޖަވާބަކީ: އާދޭހެވެ. ނަމަވެސް އެއިލާހުގެ މިލްކުވެރިކަމާއި ބާރުވެރިކަން ބޮޑަށް ފާޅުވާނީ ޤިޔާމަތް ދުވަހުގައެވެ. އެހެނީ އެ ދުވަހުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. (لمن الملك اليوم) މާނައީ: ” މިއަދު ވެރިކަން މިލްކުވެގެންވަނީ ކޮންފަރާތަކަށްހެއްވެ؟"  ދެންފަހެ އެއްވެސް ފަރާތަކުން ޖަވާބެއް ނުދޭނެއެވެ. ދެންފަހެ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ( لله الواحد القهار ) މާނައީ: ”ވެރިކަން މިލްކުވެގެންވަނީ އެއްކައުވަންތަ ޤައްހާރުވަންތަ ﷲ އަށެވެ."   

ފަހެ ދުނިޔޭގައި ވެރިންތަކެއް ފާޅުވެގެންވެއެވެ. އަދި އެމީހުންގެ ރައްޔިތުން އެމީހުން ފިޔަވައި ވެރިފަރާތެއް ނެތްކަމުގައި އިޢުތިޤާދުކުރާ (ޤަބޫލުކުރާ) ވެރިންތަކެއްވެސް ވެއެވެ.  ފަހެ ކޮމިއުނިސްޓުން ދެކޭގޮތުގައި އުޑާއި ބިމުގެ ވެރި ރައްބެއް ނުވެއެވެ. އެ މީހުން ދެކޭގޮތުގައި ޙަޔާތަކީ މަޚްލޫޤުން ނެރޭ ރަޙިމްތަކެކެވެ. އަދި މަޚްލޫޤުން ދިރުވާލާ ބިންގަނޑެކެވެ. އަދި އެ މީހުންގެ ރައީސަކީ އެ މީހުންގެ ރައްބެވެ. 

2.    މި އާޔަތުގައި ހިމެނޭ ފާއިދާތަކުގެ ތެރޭގައި އަލުން ދިރުއްވުމާއި ޖަޒާދެއްވުން ޘާބިތުކުރެއްވުން ހިމެނެއެވެ. އެހެނީ ﷲ ވަޙީކުރައްވާފައި ވަނީ ( مالك يوم الدين ) އެވެ. މާނައީ: ” އެއީ ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.". މި އާޔަތުގައި ޤިޔާމަތްދުވަސް ޘާބިތުކުރައްވާފައިވުމުން ޤިޔާމަތްދުވަހުގައި ހިނގާނޭ ހުރިހާކަމެއް ޘާބިތުވެގެންވެއެވެ. އަލުން ދިރުއްވުމާއި ޖަޒާދެއްވުން (ޘަވާބާއި ޢަޒާބު ދެއްވުން) މިއީ ޤިޔާމަތްދުވަހުގައި ހިނގާނޭ ދެކަމެކެވެ. 

3.    އަދި މިއާޔަތުގައި ހިމެނޭ ފައިދާތަކުގެ ތެރޭގައި އިންސާނާއަށް ޤިޔާމަތްދުވަހަށް ތައްޔާރުވުމަށް ބާރުއެޅުން ހިމެނެއެވެ. އެދުވަހަކީ ޢަމަލުކުރި މީހުންގެ ޢަމަލުތަކަށް ޖަޒާ ދެއްވާ ދުވަހެވެ.  

-ނުނިމޭ- 

އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

މިއަދު އޮންލައިން