ކައިވެނިކުރާއިރު އެކުގަ ޢުމުރަށް ދިރިއުޅުމަށް އިޚްލާޞްތެރިކަމާއި ނިޔަތްގަނެގެން ކައިވެނިކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެހެނީ ކޮންމެ އަމަލެއްވެސް ވަނީ އެމީހަކު ނިޔަތްގަތް ގޮތެއްގެ މައްޗަށެވެ. އަދި މާތް ﷲ ގެ ވާގިފުޅާއިއެކު އެކަމެއް ކާމިޔާބުވުން އޮތީ އެކަމަށް އެދިގެން މަސައްކަތްކުރި މިންވަރެއްގެ މައްޗަށެވެ.
ކައިވެންޏަކީ އަޖުމަބަލައިލަން ނުވަތަ ވަގުތީ އުފަލެއް ޙާޞިލުކުރަން ނިޔަތްގަނެގެން ކުރަންވާނެ ކަމެއް ނޫނެވެ. އެހެނީ ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ހަދަން ހެޔޮނުވާނެތީއެވެ. ތިމާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައަކީ ކައިވެނިކަމުގައިވާތީއެވެ.
إنَّمَا الْأَعْمَالُ بِالنِّيَّاتِ
މިޙަދީޘްފުޅުގައިވާ الأعمال އަށް ބަލައިފިނަމަ ޢަމަލުތަކުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތައް ހިމެނެއެވެ.
ވީމާ ކައިވެންޏާއި ގުޅުވައިގެން ބަލާނަމަ ނިޔަތުގައި އިޚްލާޞްތެރިކަން އޮތުމާއިއެކު ދުލުން ބުނާ ބަސްތަކާއި އެމީހާ ކުރާ ޢަމަލުތައް ނިޔަތާއި ގުޅިގެންދެއެވެ. ވީމާ ތިމާގެ ނިޔަތް ރަނގަޅުކަމަށްބުނެ ދުލުން ނުބައިބަސްތައް ބުނާނަމަ އަދި އަނެކާ ނުރުހޭނެ ޢަމަލުތައް ކުރާނަމަ ކައިވެނި ދަމަހައްޓަން އޭނާގެ ކިބައިގައި ރަނގަޅު ނިޔަތެއް އޮތްކަމަކަށް ނުބެލެވޭނެއެވެ.
މިހާރަކަށް އައިސް ކުރެވޭ ބައެއް ކައިވެނިތައް ކުރާތަނުން މައްސަލަތައް ޖެހެންފަށަނީ ހިތުގެ ޢަމަލުތަކާއި ދުލުގެ ޢަމަލުތަކާއި އަދި ގުނަވަންތަކުން ކުރާ ޢަމަލުތައް ދިމާނުވާތީއެވެ. މިޘާލަކަށް ބުނާނަމަ ކައިވެނިކުރަމުން ދެމީހުންވެސް ދުލުން ބުނަނީ ކައިވެނި މިކުރަނީ ޖެހޭ މައްސަލަތައް ޙައްލުކޮށްގެން ޢުމުރަށް އެކުގައި ދިރިއުޅެން މަސައްކަތްކުރުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް ޢަމަލުތަކުން ފެންނަނީ އެގޮތެއް ނޫނެވެ.
ވީމާ ދެމަފިރިންވެސް މިކަންކަމަށް ސަމާލުކަންދޭނަމަ ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވެގެންދާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން