ކައިވެނި ރޫޅުމަކީ ޝައިޠޯނާ އެންމެ އުފާވާ
ކަންތަކެވެ. ޝައިޠޯނާ އެންމެ މަތީ ޝަރަފާއި ޢިއްޒަތްދެނީވެސް ކައިވެނި ރޫޅުވުމުންނެވެ. ފުރަތަމަ އުފައްދުވާނީ ޝައްކުތަކެވެ. އެކަމަށް ސަމާލުކަން ނުދީ ލަސްކުރާނަމަ މައްސަލަތައް ގިނަވެ ދާދިފަސޭހައިން އޮންނާނީ ކައިވެނި ރޫޅިފައވެ.
އެހެންވެ ގިނަ ޢިލްމްވެރިން ވިދާޅުވަނީ ބައިވެރިޔާއާއިމެދު ސީރިޔަސް ތުހުމަތެއް ކުރެވިއްޖެނަމަ އިސްތިޚާށކުރަން އަވަސްވެގަތުމަށެވެ. ޝަކުވާކުރުމުގެ ކުރިން އެކަން ޔަޤީންކުރަން މަސައްކަތްކުރުމަށެވެ. ނޫންނަމަ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ ކަމަށެވެ.
އެންމެ ދެރަކަމަކީ މިކަންކަމަށް ގިނަ ބައަކު ސަމާލުކަން ނުދޭކަމެވެ. ކުރެވޭ ޝައްކުތަކަށް ބުރެވެ ރުޅިއިސްކުރެވޭ ކަމެވެ. ޒުވާބުކުރެވި ދެމީހުން ވަކިވާ ކަމެވެ. އެހެންވެ ހޭލންތެރިވެލެއްވުމަށް ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ވަރަށް ލޯބިން ދިރިއުޅެމުން އައި އަޅުގަނޑުގެ ވަރަށް ގާތް ދެމަފިރިއެއްގެ މެދުގައި ފިތުނަ އުފައްދަން ބައަކު ކުރިމަސައްކަތް ކާމިޔާބުވެ ކައިވެނި ރޫޅުނެވެ. އަނބިމީހާ ޢިއްދަ ހަމަކޮށް ދެވަނަ ކައިވެނިކުރިފަހުން މައްސަލައިގެ ޙަޤީޤަތް ވަނީ އެނގިފައެވެ. ދެރަވީވަރުން ފިރިމީހާ މިހާރު ހުރީ ވަރަށް ސަކަރާތް ޙާލަތެއްގައެވެ. މިޙާލަތުގައި ކުރެވޭނެ ކަމަކީ ކޮބައިތޯ؟
ޖަވާބުގައި ބުނަން އޮތީ ތިއައީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެއް ކަމަށެވެ. އަނބިމީހާ ދެވަނަ ކައިވެނިކޮށްގެން ހުރުމުން ތިއޮތީ އަނބިމީހާގެ ބާރުވެސް ކެނޑިފައެވެ. ދެމީހުން އަލުން ގުޅެން ކިތަންމެ ބޭނުންވި ނަމަވެސް ގަދަކަމުން ވަރިވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެކަންވާނީ މިހާރުގެ ފިރިމީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ.
ވީމާ ކުރީގެ ފިރިމީހާއަށް އޮތް އެންމެ ރަނގަޅު ގޮތެއްކަމަށް ވިސްނެނީ އެދެމަފަރިން ދުރުކުރުވަން މަސައްކަތް ނުކޮށް ހިތްވަރުކޮށްލާފައި އަލުން ދިރިއުޅުމެއް އުޅެން ފެށުމެވެ. ދެން ބުނެލަން އޮތީ ތިރީގައިވާ ލިޔުމަކީ ތިއަބާވަތުގެ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ޙައްލުކަމަށް ޤަބޫލުކުރެވޭ ކަމެވެ.
މިރޭގެ ނަޞޭޙަތްކޮޅު ފަށާނީ ކުޑަކުޑަ ވާހަކަކޮޅަކުންނެވެ.
ދެމަފިރިއެއްގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ފިރިމީހާ އުޅުނީ އަނބިމީހާ ވަރިކުރާށެވެ! އެއީ އަނބިމީހާގެ މައްޗަށް ކުރެވުނު ތުހުމަތަކާއި ގުޅިގެންނެވެ. އެވަގުތު އަނބިމީހާ ބުންޏެވެ. "ވަރިކުރަން ބޭނުންނަމަ ވަރިނުކުރާކަށް ނުބުނަމެވެ. ނަމަވެސް ދަރިން ލިބިފައި ތިއްބައި ދެމީހުން ވަކިވާއިރު އެއީ ކުޑަކަމެއް ނޫނެވެ. ވަރަށް ބޮޑުކަމެކެވެ. ވީމާ ވަރިނުކޮށް އިސްތިޚާރާ ކޮށްލައިބަލާށެވެ!"
އަނބިމީހާގެ އެބަސް ފިރިމީހާ ޤަބޫލުކުރިއެވެ. އިސްތިޚާރާކުރަން ފެށިއެވެ. 3 ވަނަ ދުވަހު ޙަޤީޤަތް ފަޅާއެރިއެވެ. ފަޅާއެރުމުން އެނގުނީ އަނބިމީހާގެ މައްޗަށް ކުރެވުނީ ދޮގު ތުހުމަތެއް ކަމެވެ. އެއީ ފިތުނަ އުފައްދަން ބައަކު ދެއްކި ވާހަކައެއް ކަމެވެ. ސުވާލަކީ އެދުވަހު ނުވިސްނައި ވަރިކުރެވުނުނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ ކިހައި ބޮޑުވީސްހެއްޔެވެ؟
ދިރިއުޅުމުގައި ދިމާވާނީ އެއްބާވަތެއްގެ ކަންކަމެއް ނޫނެވެ. ތަފާތު ކަންކަން ކުރިމަތިވާނެއެވެ. އެހެންނަމަވެސް ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް ޢަމަލުކުރާނެ ގޮތް ނިންމަންޖެހޭނެއެވެ. އެއީ ފިޔަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމާއި އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުން ނަމަވެސް މެއެވެ.
ބައެއްފަހަރު ކަންކަންކަމުގައި ނިންމޭ ގޮތުގެ ސަބަބުން މައްސަލަ ޙައްލުވެ ފައިދާކުރެއެވެ. އަނެއްބައި ފަހަރު މުޅި ޢުމުރުގައި ހިތާމަކުރަންޖެހޭ ފަދަ ގޮތަކަށްވެސް ކަންކަން އެބަ ނިންމެއެވެ. އެހެން އެވަނީ ވިސްނަންވީ ވަރަށް ނުވިސްނައި ގޮތް ނިންމޭތީއެވެ. އަދި ވިސްނި ނަމަވެސް ނިންމަންވީ ގޮތް ނުއެނގޭތީއެވެ.
ކަނަކަމުގައި ގޮތް ނިންމަވާއިރު ނުވަތަ ޙުކުމްކުރައްވަވާއިރު ރަނގަޅަށް ނުވަތަ ޢަދުލަށް ޙުކުމް ޚުރެއްވެވުމުގެ ކުޅަދާނަކަން ދެއްވެވުން އެދިވަޑައިގެން ސުލައިމާންގެފާނު ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއެވެ. ވީއިރު އަހަރެމެން ފަދަ ތަންދިރު ނުއެނގޭ ބައަކަށް އެކަން ބޭނުންވާނެ މިންވަރު ހިތަށް ގެންނާށެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކޮންމެ މީހަކުވެސް އެންމެ ބޭނުން ނުވާނެ އެއްކަމަކީ އެމީހަކު ލޯބިވާ އަނބިމީހާ އެހެން މީހެއްގެ ގައިގައި ބީހުމެވެ. ޚާއްޞަކޮށް އެހެން މީހަކާއިއެކު ރޭކުރުމެވެ. އެހެނަސް އަންނަ ރުޅީގައި ވަރިކުރަމުން ގެންދިއުމުން އެބަ 3 ފަށްވެއެވެ. އެޙާލަތުގައި އަނބިމީހާއަށް އެހެން މީހަކާއި ކައިވެނިކުރަން މަޖުބޫރުވެއެވެ. އަދި އަނބުރާ އަނބިމީހާ ތިމާއަށް ލިބޭނީވެސް އެމީހަކު ވަރިކޮށްފިނަމައެވެ. ވީމާ އަނބިމީހާ އެކައިވެނިކުރާ ހިސާބުން ތިމާގެ ހުރިހާ ބާރުތައް އެބަ ކެނޑިގެންދެއެވެ.
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ކުރިން ބުނި ސަބަބާއިހުރެއެވެ. ކަންކަން ނިންމަންވީ ރަނގަޅު ގޮތާއިމެދު ވިސްނާ ނުލައި ގޮތް ނިންމޭތީއެވެ. މިޙާލަތު ދިމާވާ ކިތަންމެ ގިނަ މިސާލުތަކެއްވެސް ދެއްކިދާނެއެވެ.
ވީމާ ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކަށްވެސް ގޮތް ނިންމަންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. ޚާއްޞަކޮށް ބޮޑެތި ކަންކަމުގައި ގޮތް ނިންމަންވާނީ އިސްތިޚާރާވެސް ކޮށްފައެވެ. ނޫންނަމަ ގިނަ ފަހަރު އޮންނާނީ ހިތާމަކުރަންޖެހިފައެވެ.
އެކަމުގެ ހެކި ދަރުސް ފަށަމުން މިހާމަކުރީއެވެ.
ހަމައެކަނި ވަރިކުރަންވުމަކުން ނޫނެވެ. ދިރިއުލުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ގޮތް ނިންމަންވާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައެވެ. އިސްލާމް ދީނުގައި އޮތީ އެގޮތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން