ފައިސާގެ ތަނަވަސްކަން ނެތިވެސް ޙަރަމްފުޅަށް ދިއުމަށް ދަހިވެތިވެ އުންމީދުކޮށް މަސައްކަތްކުރާނަމަ އެކަމަށް މަގުފަހިކޮށްދެއްވަވާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ފައިސާގެ ތަނަވަސްކަން ނެތިވެސް ޙަރަމްފުޅަށް
ދިއުމަށް ދަހިވެތިވެ އުންމީދުކޮށް މަސައްކަތްކުރާނަމަ އެކަމަށް
މަގުފަހިކޮށްދެއްވަވާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-


މަހަކު ކިތަންމެ ކުޑަ މިންވަރެއް އެއްކުރާ މީހަކަށްވެސް މައްކާގެ ޙަރަމްފުޅަށް ދެވޭނެކަމަށް މީހުން ބުނާއަޑުއަހަމެވެ. އެކަމަކު އަޅުގަނޑަށް އެއްކުރެވޭވަރު މަދުކަމުން ޢުމުރުގައިވެސް އެވަރަށް ފައިސާ ޖަމާޖަމާނުކުރެވިދާނެއެވެ.

މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވުމުން މިގެނެސްދެނީ އުންމީދު އައުވެ ހިތްވަރު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ކޮންމެ މުސްލިމަކުވެސް ޙައްޖާއި ޢުމްރާވާން ބޭނުންވާނެއެވެ. އެންމެ ފަޤީރު މީހުންވެސް އެކަމަށް އެދޭނެއެވެ. އެކަމަށް ބޭނުންވި ނަމަވެސް ތަނަވަސްކަން ނެތްނަމަ ގިނަ މީހުން ތިބެނީ އުންމީދުކަނޑާލައިގެންނެވެ. އެއީ ވަރަށް ދެރަކަމެކެވެ. އެކަމަށް އުންމީދުކުރަންވާނެއެވެ. ދުޢާކުރަންވާނެއެވެ. އަދި ކުރެވެން އޮތްވަރަކަށް މަސައްކަތްވެސް ކުރަންވާނެއެވެ.  

ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހްއެވެ. އަތުގައި އެންމެ ރުފިޔާއެއް ނެތަސް އެކަން ހިންމަވައިދެއްވަވަން ކުޅަދުންވަންތައެވެ. މިންވަރުކުރެއްވެވުމުން އެކަން ޙާޞިލުކުރެވެއެވެ. އެކަން ޔަޤީންކުރެވޭނެ ޙާދިސާތައް ވަރަށް ގިނައިން ހިނގައެވެ.

އަޅުގަނޑަކީ ފަޤީރެކެވެ. އެހެނަސް އަޅުގަނޑު އެންމެ ބޮޑަށް ދާން ބޭނުންވާތަނަކީ މައްކާގެ ޙަރަމްފުޅެވެ. ދެން މަސްޖިދުއްނަބަވީއެވެ. އެކަމަށް އެދި އަބަދުވެސް ދުޢާކުރަމެވެ.

މައްކާއަށް ދެވޭ ބައެއް އެކުވެރިން އަޅުގަނޑަށް އަތަރުގެ ބާވަތެއް ގެނެސްދެއެވެ. އަދި އެވަހަކީ މައްކާގެ ޙަރަމްފުޅުގައިވާ އުރަކޮޅުން ދުވާ ވަސްކަމަށް ބުނެއެވެ. އެއީ އަޅުގަނޑަށް ވަރަށް މީރު ވަހެކެވެ.

އެއީ އަނދިރި ރެއެކެވެ. މަގުމަތީގެ ގިނަ ބައްތިތައްވަނީ ނިވިފައެވެ. ޢިޝާނަމާދުން ފައިގެން ދަނިކޮށް މިބުނިވަސް އަޅުގަނޑަށް ވަރަށް ގަދައަށްދުވިއެވެ. ނަމަވެސް އެއްވެސް މީހަކު ނުފެނެއެވެ. ވީމާ ވަސް އައިގޮތެއް ނުއެނގުނެވެ.

އެރޭ ފަތިހު މިސްކިތުގެ އިމާމް ގާތު އެވާހަކަބުނުމުން ބުނީ އެވާހަކަ އެހެން މީހުންގެ ގާތުގައި ނުދައްކައި ކެތްތެރިވުމަށެވެ. އިތުރު ބަހެއް ނުބުންޏެވެ. އެހެން ހުއްޓާ އެއިގެ 3 މަސްދުވަސްފަހުން ބޮޑުބޭބެއަކު އައިސް ބުނީ އޭނާގެ ދަރިއަކު ޢުމުރާއަށްދާން ފައިސާ ދައްކާފައިވަނިކޮށް ފައިބިދިގެން ދެވެން ނެތްކަމަށާއި ބޭނުމީ ބަދަލުގައި އަޅުގަނޑު ފޮނުވަންކަމަށެވެ.

އަޅުގަނޑު ވަގުތުން އެކަން ޤަބޫލުކޮށް ދަތުރުގޮސް ޢުމްރާވީމެވެ. އިން ޝާ ﷲ  

--މިއީ ޣާނާގެ މުސްލިމަކު ލިޔެފައިވާ ޕޯސްޓެއް ކަމަށް ބެލެވޭ ޕޯސްޓެއްގައިވާ ވާހަކަކޮޅެކެވެ. ޢުމުރާއަށް ދިއުމުގެ ދަހިވެތިކަން އެހާބޮޑަށް އުވެފައި އެކަމަށް އެދި ދުޢާކުރަމުން ގެންދިއުމުން ކަންކަން މެދުވެރިވި ގޮތް ނިކަން ދެކިބަލާށެވެ!  

ތަނަވަސްކަން ނެތް ނަމަ އެކަމަށް އެދިގެން މސައްކަތްކުރަމުން ދުޢާކުރައްވާށެވެ! މަގެއް ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ  

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން