ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 4 ވަނަ އާޔަތް- ކުރާ އަޅުކަން ޤަބޫލުފުޅު ކުރެއްވެވުމާ ވަރަށް ބޮޑަށް ގުޅިފަވާ އާޔަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 28ސ
ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 4 ވަނަ އާޔަތް- ކުރާ އަޅުކަން ޤަބޫލުފުޅު ކުރެއްވެވުމާ ވަރަށް ބޮޑަށް ގުޅިފަވާ އާޔަތެއް!

ﷲ ތަޢާލާގެ ވަޙީބަސްފުޅު: (إياك نعبد و إياك نستعين)

މާނައި: "އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަ އިލާހަށެވެ. އަދި ވާތްގަށް އެދެނީ ހަމައެކަނި އިބަ އިލާހުގެ ޙަޟުރަތުންނެވެ." 

މި އާޔަތުގައި މި ވާ إياك މި ލަފުޒަކީ މަފްޢޫލުން ބިހީ އެވެ. ނުވަތަ އެބަހެއްގެ މައްޗަށް ޢަމަލުވެވިގެންވާ ބަހެވެ. އަދި މީގެ މައްޗަށް ޢަމަލުކުރި ޢާމިލަކީ نعبد މި ލަފުޒެވެ. މި އާޔަތުގައި إياك މިވަނީ އޮންނަންޖެހޭ ތަނަށްވުރެ ކުރިޔަށް ގެނެވިފައެވެ. މީގެ ބޭނުމަކީ ޚާއްޞަކޮށް ވަކިކުރުމެވެ. ( މިގޮތުން إياك  ކުރިޔަށް ގެނެވިފައި އޮތުމުން ދޭހަކޮށްދެނީ "ހަމައެކަނި" ﷲ އަށް އަޅުކަން ކުރާކަމެވެ. އަދި "ހަމައެކަނި" ﷲ ގެ ހަޟުރަތުން ވާތްގަށްއެދޭކަމެވެ. ). އަދި إياك އަކީ ލަފުޒާއި ނުގުޅޭ ގޮތަށް އައިސް ފައިވާ ޟަމީރެކެވެ. ނުވަތަ ޟަމީރު މުންފަސިލް އެކެވެ. ނުވަތަ ލަފުޒާއި ނުގުޅޭ ގޮތަށް އައިސްފައިވާ ބަދަލު ނަމަކެވެ. 

މިއާޔަތުގައި ވާ نعبد ގެ މާނައީ ތިމަންމެން އިބައިލާހަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި ނިކަމެތިވެގެންވަމެވެ. އެހެންކަމުން މުއުމިނުން ﷲ އަށްޓަކައި އެބައިމީހުންގެ ހަށިގަނޑުގައިވާ އެންމެ މާތް ގުނަވަން، ފައިއަޅައި ހިނގާތަނުގައި ﷲ އަށް ޓަކައި  ނިކަމެތިވުމުގެ ގޮތުން ޖައްސާތަން ތިބާޔަށް ފެންނާނެއެވެ. އެބައިމީހުން ސަޖިދަ ޖަހަނީ ވެލީގެ މަތީގައެވެ. އެހިނދު އެބައިމީހުންގެ ނިތްކުރިތައް ފުރިފައި ހުންނަނީ ވެލިންނެވެ. މިހުރިހާ ކަމެއް އެބައިމީހުން ކުރަނީ ﷲ އަށްޓަކައި ނިކަމެތިވުމުގެ ގޮތުންނެވެ. މިސާލަކަށް މުއުމިނެއް ގާތު މީހަކު ބުނެފާނެއެވެ. ތިބާ ތިމަންނަޔަށް ސަޖިދަ ޖަހާށެވެ! އޭރުން މުޅި ދުނިޔެ ތިބާޔަށް ދޭނަމެވެ. ފަހެ މުއުމިނަކު މިކަމަށް ދުވަހަކުވެސް އެއްބަސް ނުވާނެއެވެ. އެހެނީ މިފަދައިން ނިކަމެތިވުން ވަނީ ﷲ އަށް އެކަނި ކަމުގައި ވާތީއެވެ. 

އަޅުކަމުގެ ތެރޭގައި ﷲ އަމުރުކުރެއްވި އެންމެހާ ކަންތައް ކުރުމާއި ﷲ ނަހީކުރެއްވި އެންމެހާ ކަމަކުން ދުރުހެލިވުން ހިމެނިގެންވެއެވެ. އެހެނީ މިފަދައިން ޢަމަލު ނުކޮށްފި މީހަކީ އަޅުވެރިޔެއްކަމުގައި ނުބެލެވޭނެތީއެވެ. އެހެންކަމުން ﷲ އަމުރުކުރެއްވި ކަންތައް ނުކުރާ ކަމުގައި ވާނަމަ އޭނާއީ ޙައްޤު ގޮތުގައި އަޅުކަންކުރާ މީހަކަށް ނުވާނެއެވެ. އަދި އެއިލާހު ނަހީކުރެއްވި ކަންތަކުން ދުރުހެލިނުވާކަމުގައި ވަނީ ނަމަ ޙައްޤުގޮތުގައި އަޅުކަންކުރާ މީހަކަށް ނުވާނެއެވެ.  

عبد ނުވަތަ އަޅާ އަކީ އަޅުކަންވެވޭ އިލާހު ޝަރުޢީގޮތުން ބޭނުންވެވޮޑިގަންނަވާކަންތަކާއި އެއްބަސްވެ އެގޮތަށް ޢަމަލުކުރާމީހާއެވެ. އަޅުކަން ލާޒިމްކުރަނީ އިންސާނާ ﷲ އަމުރުކުރެއްވި ހުރިހާކަމެއް ކުރުމުގައި ދެމިހުރުމެވެ. އަދި ﷲ ނަހީ ކުރެއްވި ހުރިހާ ކަމެއް ދޫކޮށްލުމެވެ. ފަހެ މިގޮތަށް އަޅުކަންކުރުމަކީ ﷲ ގެ މަދަދާއިއެކު މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ.  

މި އާޔަތުގެ ފަހުބައިގައި (وإياك نستعين ) އޭ އައިސްފައި ވަނީ މިހެންވެއެވެ. މާނައީ: " އަދި އަޅަމެން ވާތްގަށް އެދެނީ ހަމަ އެކަނި އިބަ އިލާހުގެ ޙަޟުރަތުންނެވެ. " މިފަދައިންނެވެ.  

ފަހެ މި އާޔަތުގެ މުރާދަކީ އަޅަމެން އަޅުކަމުގައިވެސް އަދި އެހެން ކަންކަމުގައިވެސް އިބަ އިލާހު ފިޔަވައި އެހެން ފަރާތެއްގެ ގާތުން މަދަދާއި ވާތްގަށް ނޭދެމެވެ. ފަހެ ޢަރަބި ބަހުގައި استعانة ގެ މާނައަކީ މަދަދާއި ވާތްގަށް އެދުމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ އެތަށް ތަނެއްގައި އަޅުކަމާއި ވާތްގަށް އެދުމާއި އަދި އަޅުކަމާއި ވަކީލް ކުރުން އެއްކޮށް ގެންނަވާފައިވެއެވެ. އެހެނީ ﷲ ތަޢާލަގެ މަދަދާއިނުލާ އަދި އެއިލާހަށް ބަރޯސާވެ ވަކީލްކުރުމާއި ނުލާ އެއިލާހަށް އަޅުކަން އަދާކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ކުރެވޭނޭ ކަމެއްނޫނެވެ. 

މިއާޔަތުގައި ހިމެނޭ ފާއިދަތައް: 

1.    ﷲ ތަޢާލާއަށް އަޅުކަންތައް ޚާލިސްކުރުން. މި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި މިވަނީ (إياك نعبد) މިފަދައިންނެވެ. މާނައީ: " އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބަ އިލާހަށެވެ. " މި އާޔަތުގައި إياك ކުރިޔަށް އައިސްފައި ވުމުން "ހަމައެކަނި" މި މާނަ ދޭހަކޮށްދެއެވެ. 

2.    މަދަދާއި ވާތްގަށް އެދުމުގައި ﷲ އަށް ޢިޚްލާޞްތެރިވުން. މި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަފައިވަނީ ( إياك نستعين ) މިފަދައިންނެވެ. މާނައި: " އަޅަމެން ވާތްގަށްއެދެނީ ހަމައެކަނި އިބަ އިލާހުގެ ހަޟުރަތުންނެވެ." މި އާޔަތުގައި އެބަހެއްގެ މައްޗަށް ޢަމަލުކުރެވިގެންވާ ބަސް ނުވަތަ މަފްޢޫލުބިހީ އަކީ إياك އެވެ. މިތާގައި إياك އައިސްފައި މިވަނީ އޮންނަން ޖެހޭތަނަށް ވުރެ ކުރިޔަށެވެ. ޢަރަބި ބަހުގެ ޤަވާއިދުގައި މިގޮތަށް މަފުޢޫލުބިހީ އައިސްފިކަމުގައި ވަނީނަމަ ޚާއްޞަވުމުގެ މާނަ ނުވަތަ "ހަމައެކަނި" މި މާނަ ދޭހަވެއެވެ. 

3.    

މީހަކު އަހާފަނެއެވެ. ވާގީހޯދުމުގައި ﷲ އަށް އެކަނި އިޚްލާސްތެރިވުމޭ ބުނެވޭނީ ކިހިނެއްތޯއެވެ. ފަހެ ﷲ ތަޢލާ ވަޙީކުރައްވާފައިވެއެވެ. (وتعاونوا على البر والتقوى) މާނައީ: " ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމިހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ." ފަހެ މި އާޔަތުގައި މިވަނީ ﷲ ފިޔަވައި އެހެން ފަރަތަކުން ވާގިހޯދަން އަންގަވާފައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޙަދިޘްކުރައްވާފައިވެއެވެ. (تعين الرجل في دابته فتحمله عليها أو ترفع له عليها متاعه صدقة) أخرجه البخاري މާނައީ: " މީހަކަށް އޭނާގެ ސަވާރީ ބޭނުންކޮށްގެންވެސް ވާގިދެވިދާނެއެވެ. އެއީ އޭގެ މަތީގައި އޭނާ އުފުލައި ދީގެންނެވެ. އަދި އެ ސަވަރީގައި އޭނާގެ މުދާ އުފުލައި ދިނުމަކީވެސް ޞަދަޤާތެކެވެ."  

ފަހެ މި ސުވާލުގެ ޖަވާބަކީ މިއީއެވެ: استعانة ނުވަތަ ވާތްގަށް އެދުމުގައި ވަނީ ދެ ވައްތަރެކެވެ. އެއީ استعانة تفويض އާއި مشاركة ގެ މާނައިގައި އަންނަ استعانة އެވެ. استعانة تفويض އަކީ ވާތްގަށް އެދެވޭފަރާތާއި އޭނާގެ ކަންތައް ޙަވާލުކޮށްލާ އެފަރާތަށް ފުރިހަމަޔަށް ބަރޯސާވާ ފަދަގޮތަކަށް ވާތްގަށް އެދުމެވެ. މިއީ ﷲ އަށް ޚާއްސަ ގޮތެއްގައި އެދެވޭ އެދުމެކެވެ. އަދި މިގޮތަށް ވާތްގަށް އެދުމުގައި އޭނާގެ ވަށައިގެންވާހައި ފަރާތްތަކާއި އޭނާގެ އަމިއްލަ ބާރުން ވާގިހޯދުމުން ބަރީއަވާން ޖެހެއެވެ. مشاركة ގެ މާނައިގައި އަންނަ استعانة  އަކީ ވާގިވެރިވުމުގައި ބައިވެރިވެވޭފަދަ ވާތްގެވެ. މިފަދަ ވާތްގަށް އެދޭހިނދު އެ މީހެއްގެ ފަރާތުން ވާތްގަށް އެދެވޭމީހާއީ ދުނިޔޭގައި ހުރި އެކަމަށް ކުޅަދާނަވެގެންވާ މީހެއްކަމުގައި ވާންވާނެއެވެ. ފަހެ މިފަދައިން ވާތްގަށް އެދުމަކީ ހުއްދަ ކަމެކެވެ. އެހެނީ މިކަމަކީ އަޅުކަމެއް ނޫނެވެ. ކުރީގައި ބުނެވުނު އާޔަތް (وتعاونوا على البر والتقوى) ގައި ﷲ ތަޢާލާ އެފަދައިން ވަޙީކުރއްވާފައި ވަނީ މިހެންވީމައެވެ.

މީހާކު ބުނެފާނެއެވެ. މަޚުލޫޤުންގެ ގާތުން ވާތްގަށް އެދުމަކީ ހުރިހާ ހާލަތެއްގައިވެސް ހުއްދަކަމެއްތޯ އެވެ؟ 

ފަހެ އޭގެ ޖަވާބަކީ: ނޫނެކެވެ. މަޚްލޫޤުންގެ ގާތުން ވާތްގަށް އެދުން ހުއްދަވެގެންވަނީ ވާތްގަށް އެދެވޭ ވަގުތު އެ މަޚްލޫޤަކީ އެކަމަށް ކުޅަދާނަވެގެންވާ މީހެއްކަމުގައި ވާނަމައެވެ. އަދި ކުޅަދާނަވެގެން ނުވާނަމަ އޭނާގެ ގާތުން ވާތްގަށް އެދުން ހުއްދަވެގެން ނުވެއެވެ. މިސާލަކަށް ޤަބުރުގައިވާ މީހެއްގެ ގާތުން ވާތްގަށް އެދިއްޖެކަމުގައި ވަނީނަމަ އެއީ ޙަރާމްކަމެކެވެ. އަދި ބޮޑު ޝިރުކުގެ ޢަމަލެކެވެ. އެހެނީ ޤަބުރުގެ އަހުލުވެރިޔާއަށް އޭނާގެ އަމިއްލަ ނަފްސަށްވެސް ކަމެއް ކޮށް ނުދެވެއެވެ. ދެންފަހެ އެހެން މީހަކަށް ކަމެއް ކޮށްނުދެވުން މާ އައުލާވެގެންވެއެވެ. އަދި ހަމަ މިގޮތަށް އެތަނުގައި އެވަގުތު ޙާޟިރުވެ ނެތް މިހެއްގެ ކިބައިން އޭނާޔަށް ކުޅަދާނަވެގެން ނުވާ ކަމެއް ކޮށްދިނުމަށް އެދުމަކީވެސް ބޮޑު ޝިރުކުގެ ޢަމަލެކެވެ. މިސަލާކަށް ދުނިޔޭގެ އިރުމަތީގައި ހުރި ވަލީވެރިޔަކަށް ވާތްގަށް އެދޭމީހާގެ ޤައުމުގައިވާ މުހިއްމުކަމެއް ކޮށްދެވިދާނޭކަމަށް އިޢުތިޤާދުކުރުމަކީ ބޮޑުޝިރުކުގެ ޢަމަލެކެވެ. އެހެނީ އެހާ ދުރުގައި ހުރެގެން ވާތްގަށް އެދޭ މީހާއަށް ވާގިވެރިވުމަކީ އެ ވަލީވެރިޔާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. 

މީހަކު ބުނެފާނެއެވެ: ވާގިވެރިވުން ހުއްދަވެގެންވާ ކަންކަމުގައި މަޚްލޫގުންގެ ކިބައިން ވާގިވެރިކަން ހޯދުމަކީ ހުއްދަކަމެއްތޯއެވެ؟ 

ފަހެ ޖަވާބަކީ: އެދެވިގެންވާ ގޮތަކީ ޙާޖަތެއްނެތި އެއްވެސަ މީހެއްގެ ކިބައިން ވާގި ނުހޯދުމެވެ. އެހެން ނަމަވެސް ވާގިވެރިކަން ހޯދުމުގެ ސަބަބުން މީހަކު އުފާވާނެކަން އެނގިއްޖެނަމަ އޭނާ އުފާކޮށްދިނުމުގެ ގޮތުން އޭނާގެ ކިބައިން ވާގި ހޯދުމަކީ ހުއްދަކަމެކެވެ. އަދި ނުބައި ކަމަކަށް ނުވަތަ ޢުދުވާނެއް ނޫން އެހެން ކަމަކަށް ވާގިވެރިވުމަށް އެދެވިއްޖެ ޙާލަތެއްގައި އިޖާބަދިނުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ. 

-ނުނިމޭ- 

- އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ

 

މިއަދު އޮންލައިން