މިއަދު އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށްވެސް އަދި ކަންބޮޑުވުމަކަށްވެސް ވެފައި އޮންނަ އެއްކަމަކީ އެމީހަކަށް އެހެން މީހުންގެ ކިބައިން އަނިޔާ ޢާއި ހިތްދަތިކަން ލިބެމުންދާއިރު އެމީހުންނަށް ހިތްހެޔޮކުރާނީ ކިހިނަކުންކަމާއިމެދުގައެވެ. އެކަމަށް ހިތްވަރާއި ބާރު ލިބިގަންނާނެ ގޮތަކާއިމެދުގައެވެ. އެމީހުންނަށް ޙަސަދަނުލައި ކުރެވޭނެ ގޮތަކީ ކިބައިހެއްޔެވެ؟
ގިނަ ބައަކަށް އަނިޔާ އާއި ހިތްދަތިކަން ލިބެމުން އަންނަނީ އެމީހެއްގެ އެންމެ ޣާތް މީހުންގެ ކިބައިންނެވެ. އެކަން ޢާންމުވަމުން އައިސް އެކުވެރިންގެ އިތުރުން ދަރިންނަށް މައިންބަފައިންގެ ކިބައިންވެސް އަނިޔާ އާއި ހިތްދަތިކަން އެބަލިބެއެވެ. އަދި މައިންބަފައިންނަށް ދަރިންގެކިބައިންވެސް އަންނަނީ އަނިޔާއާއި ހިތްދަތިކަން ލިބެމުންނެވެ.
އެހެންވެ ދީނީ ދަރުސްތަކުގައިވިޔަސް އަދި ސެޝަންތަކުގައިވެސް އެންމެ ގިނައިން ކުރިމަތިވާ ސުވާލަކަށް މިސުވާލުވެއްޖެއެވެ. މައްސަލަ ޢާންމުވަމުން އައިސް ކިރިޔާ ތަންދޮރުވިސްނޭވަރުގެ ކުޑަކުދިންވެސް އެސުވާލު އެބަކުރެއެވެ. އެކަމުން އެނގެނީ މިމައްސަލަ ކުރިމަތިނުވާ މީހަކު މިހާރު މަދުވެއްޖެކަމެވެ. މައްސަލަ ކުރިމަތިވާން ވަކިޢުމުރެއް ނެތް ކަމަށެވެ.
އަހުރެން ބުނެލަން ބޭނުންވަނީ ފުރަތަމަ ކަމަކަށް މިއީ ދުނިޔެކަމާއި ދުނިޔޭގައި މިކަންކަން ކުރިމަތިވާނެކަން ޤަބޫލުކުރާށެވެ. އަދި ޤުރްއާނުން ފެންނަން އޮތް މިދުޢާކުރަމުން ގެންދާށެވެ.
رَبَّنَا لَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ
"އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
(އަލް ޙަޝްރް: 10)
ދެން ބުނެލަން އޮތީ ތިބާއަށް ހިތްދަތިކަންދޭ މީހުންނާއި ދުރުގައި ހުންނަން މަސައްކަތްކުރާށެވެ. އެފަދަ މީހަކު އެއްޗެއް ބުނި ނަމަވެސް ރައްދުނުދޭށެވެ. އެއިރުން އޭނާދޭ ރައްދުން ކުރާނެ އަސަރުމާބޮޑުވާނެއެވެ.
އިތުރަށް ބުނެލަން އޮތީ އަނިޔާދިނަސް ހިތްދަތިކުރިޔަސް އެމީހަކަށް ތިބާގެ ހިތުގައި ބުރަކަމެއް ނުބާއްވާށެވެ. އޭނާކުރިކަންތައް އޭނާއަށް ދޫކޮށްލާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން އޭނާއަށް މާފުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނެވެ.
މިއީ މިކަމުގައި އަހުރެންނަށް ވިސްނޭގޮތެވެ. އަދި އިސްލާމް ދީނުން އަހުރެންނަށް ފެންނަން އޮތްގޮތްވެސްމެއެވެ.
- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން