ސަމާލުވެލައްވާ!: މިއީ ތިމާއާ އަނބިދަރިން އިޞްލާޙްވެ އާޚިރަތަށްޓަކާ އެންމެ ބޮޑަށް މަސައްކަތްކުރަންޖެހިފައިވާ ވަޤުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 57ސ
ސަމާލުވެލައްވާ!: މިއީ ތިމާއާ އަނބިދަރިން އިޞްލާޙްވެ އާޚިރަތަށްޓަކާ އެންމެ ބޮޑަށް މަސައްކަތްކުރަންޖެހިފައިވާ ވަޤުތު!

މިއީ ގިނަގިނައިން ހަދުމަކޮށްދޭންޖެހިފައިވާ ވާހަކަތަކެކެވެ. ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވެފައިވާ ތިރީގައިވާ ވާހަކަފުޅުތަކަކީ ގިނަގިނައިން ހަނދާންކުރަންޖެހޭ ވާހަކަފުޅުތަކެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އަޅާނުލައި ތިބެވެން ނެތް ވާހަކަފުޅެކެވެ.  

އަމިއްލަ ދަރިން ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ލަދުން މޫނު ފޮރުވައިގެން ތިބެގެން ސަލާމަތެއް ނުވެވޭނެއެވެ. މިދުނިޔޭގައި ލަދުން މޫނު ފޮރުވިދާނެއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަންޖެހޭ ވަޤުތު އިސް ތިރިކޮށްލެވޭނީވެސް ﷲ ތަޢާލާ އެކަމަށް އިޛްނަ ދެއްވެވިނަމައެވެ. ބިރުވެތިވާންވީ އެ ވަޤުތަށެވެ. އަދި އެންމެ މުހިންމު ކަމަކީ ތިމާ އިޞްލާޙްވުން ކަމުގައިވެސް ޤަބޫލުކުރާށެވެ. ދަރިން އިޞްލާޙްކުރެވޭނީވެސް ފުރަތަމަ ކަމަކަށް ތިމާ އިޞްލާޙްވެގެން ކަމުގައިވާތީއެވެ.

ޝައިޚް ފަރީދުގެ ބަސްފުޅު: 

ލޮބުވެތި އެއްމެހާ ޢިއްޒަތްތެރި ބޭކަލުންނާ ކަނބަލުންނޭ! ޤިޔާމަތް އޮތީ ވަރަށް ކައިރިވެފައި. (إِنَّ السَّاعَةَ لآتِيَةٌ لا رَيْبَ فِيهَا ) ހަމަކަށަވަރުން ޤިޔާމަތަކީ އަންނާނޭ ދުވަހެކޭ. އެދުވަސް އައުމާމެދު އެއްވެސް ޝައްކެއް ނެތޭ.  އަޅުގަނޑުމެނަށް ޝައްކުކުރެވެނީތޯ އެދުވަސް އައުމާމެދު. އެދުވަސް އަންނާނެ. އެދުވަސް އައުމުން އަޅުގަނޑުމެން ދެން ކީއްތޯ ކުރާނީ.  

މިހާރު މިޒަމާނަކީ ފަހު ޒަމާން. ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ (بُعِثْتُ أنَا وَالسّاعَة كَهَا تَيْنِ) ތިމަންކަލޭގެފާނު ފޮނުއްވުނީ ނަބީކަމައިގެން ފޮނުއްވުނީ ޤިޔާމަތް މިހާ ކައިރިވެފައި ވަނިކޮށޭ. މިދެއިނގިލީގެ ތަފާތު އެބަހުރިތޯ! ވަރަށް ކުޑަ ތަފާތެއް. އާދެ މިހާ ޤިޔާމަތް ކައިރިވެފައިވަނިކޮށް ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަ ނަބީކަމައިގެން މިދުނިޔެއަށް ފޮނުއްވުނީ.  

ދެންފަހެ އެކަލޭގެފާނު އިންޒާރު ކުރައްވަނީ މީސްތަކުންނަށް، އޭ މީސްތަކުންނޭ ޒަމާން ފަސްވެއްޖެއޭ. މަސައްކަތްކުރާށޭ ބުރަކޮށް، ޤިޔާމަތް އަތުވެދާނޭ ޤިޔާމަތްއޮތީ ވަރަށް ކައިރީގައޭ. އެބައާދެއޭ ޤިޔާމަތް. އެހިނދުގައި އަޅުގަނޑުމެންގެ ބީރު ކަންފަތްތަކެއް އެޔަށް ދީފިކަމަށްވާނަމަ އަޅުގަނޑުމެންނަށް ހެޔޮ ޢަމަލެއް ރަނގަޅަށް ކުރެވޭނެތޯ؟   

"اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ" ޤިޔާމަތް ކައިރިވެއްޖޭ! ހަނދު ދެފަޅި ކުރެވިއްޖޭ! "وَإِن يَرَوْاْ ءَايَةً يُعْرِضُواْ وَيَقُولُواْ سِحْرٌ مُّسْتَمِرٌّ" އަދި އެބައިމީހުން އެކަމުގެ ހެއްކެތް އެބައިމީހުންނަށް ފެންނަނީކަމުގަ ވާނަމަ އެމީހުން ބުނެތޭ. ތިޔައީ ސިޙުރެކޭ. ތިޔަ ސިޙުރުވެސް ނިމޭނޭ. ދުރަށް ދެމިގެންވާ ސިޙުރެކޭ ތިޔައީ. މިހެން ބުނެ އެމީހުން އީމާންނުވީ. އެމީހުން ބުނި، ހަނދު ދެފަޅި ކުރައްވައިފިކަމަށްވާނަމަ އީމާން ވާނަމޭ. ދެން ފަހެ ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒުރަތަށް ދުޢާ ދެންނެވި، ހަނދު ދެފަޅިކުރެއްވުމަށް. އެހިނދުގައި ހަނދު ދެފަޅިވެގެން ދިޔަ. ދެފަރާތަށް ދެފަޅި. އެހިނދުގައި އެމީހުން ބުނީ " هذا سِحْرٌ مُّسْتَمِرٌّ"  ތީ ބޮޑު ސިޙުރެކޭ ތީ! އެކަލޭގެފާނަކީ ސިޙުރުވެރިޔަކަށް އެންމެފަހުންމިވީ. ބޮޑުވެގެންވާ ހެއްކެއް، މުޢުޖިޒާތެއް އެމީހުނަށް ފެނުނުހިނދުގައި. އާދެ މިއީ މީސްތަކުންގެ ޙާލު ހުރިގޮތް.  

އާދެ މީގެތެރެއިން ބަޔަކު މީހުން ފަހުން، މައްކާގެ އަހުލުވެރީންގެ ތެރެއިން ވަރަށް ގިނަމީހުން އީމާންވި، އެހެންނޫންތޯ. ވަރަށް ގިނަ މީހުން އީމާންވި. އެހެންނަމަވެސް އީމާން ނުވާ ބަޔަކު އުޅުނު. ކާފަރު ކަންމަތީގަ މަރުވެދިޔަ ބަޔަކު އުޅުނު. އެހެންވީމާ އެގޮތަށް، މިޒަމާނުގަވެސް ހަމަ އެހެން ވާނެ. ކާފަރު ކަންމަތީގަ މަރުވާ ބަޔަކާ، އިސްލާމް ދީން މަތީގަ ސާބިތުވާ ބަޔެއް އުޅޭނެ. އާދެ! އިސްލާމް ދީން ޤަބޫލުނުކުރާ މީހުންވެސް އެބައުޅޭ.  

ލޮބުވެތި އެއްމެހާ ޢިއްޒަތްތެރި ބޭކަލުންނާ ކަނބަލުންނޭ! އަޅުގަނޑުމެންގެ ދީން ދިފާޢުކުރުމަށްޓަކައި، އަޅުގަނޑުމެން ތެދުވުމުގެ ވަޤުތު އައިސް ޖެހިއްޖެ. އަޅުގަނޑުމެންނަކަށް މިހެން ތިބެވޭކަށް ނެތް. އިސްލާމްދީނަށްޓަކައި ދޭންޖެހޭ ހުރިހާ ޤުރުބާނީއެއް ދިނުމުގެ ވަޤުތު އައިސް އޮތީ ޖެހިފައި. އުއްމަތަށްޓަކައި، އުއްމަތުގެ ދިފާޢުގައި، އުއްމަތް ނެގެހެއްޓުމަށްޓަކައި، އިސްލާމްދީން ނެގެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް އެންމެ ފުރަތަމަ ރަނގަޅުކުރަންވީ. އަޅުގަނޑުމެންގެ އަނބިދަރީން ރަނގަޅުކުރަންވީ. ދެން އުއްމަތުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރެވޭތޯ ބަލަންވީ. އަޅުގަނޑުމެންނަށް މިހެން ތިބެވޭކަށް ނެތް. އަތް އުރާލެވޭކަށް ނެތް. އަތް އުރާލައިގެން ތިމަންނަ ނަމާދުކުރަމޭ، ތިމަންނަ މައްސަލައެއްނެތޭ، އެހެންމީހުން ކޮންމެ ގޮތަކަށް އުޅުނަސް ހެވޭ.  

އަޅުގަނޑުމެންވީ ގިނަގިނައިން ދަރުސްތައް ބާއްވަން. ގިނަގިނައިން ދަޢުވަތު ފޯރުކޮށްދޭން. އާދެ! އެއީ ނަބީބޭކަލުންގެ މަސައްކަތް. ނަބީ ބޭކަލުން ވަނީ ވަރަށް ބުރަކޮށް އެބޭކަލުންގެ ދަޢުވަތު، އެބޭކަލުން ޙަޤީޤީ މަސައްކަތްޕުޅުތައް ފުރިހަމައަށް އަދާކުރައްވަވާފަ. އާދެ ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަ ކިހާ ބުރައެއްތޯ އެކަލޭގެފާނު އުފުއްލެވީ، އެކަލޭގެފާނު ދަޢުވަތު ފޯރުކޮށްދިނުމަށްޓަކައި. އެހެންވީމާ އަޅުގަނޑުމެންނަށް އެދަޢުވަތު އެގޮތަށް ފޯރުކޮށްދީ، އިސްލާމްދީން ޙިމާޔާތްކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރުމުގެ ވަޤުތު އައިސް ޖެހިއްޖެ.

އާދެ! މީސްތަކުންނަށް ނަސޭޙަތްދީ އިރުޝާދުދީ، އެމީހަކަށް ކުރެވުނު ހުރިހާކަމެއް މިވަގުތުން މިވަގުތަށް، މިހިނދުން މިހިނދަށް ކުރުމަށް އަޅުގަނޑުމެން ތައްޔާރުވާން އެބަޖެހޭ ލޮބުވެތި އެއްމެހާ ބޭކަލުންނާ ކަނބަލުންނޭ. ނުވޭތޯ! އެވަޤުތު އައިސް ނުޖެހެނީތޯ! އަޅުގަނޑުމެން މަރުނުވާނީތޯ! ޤިޔާމަތް އައުމުންތޯ އަޅުގަނޑުމެން މަރުވާނީ؟ އޭގެ ކުރިންވެސް އަޅުގަނޑުމެން މަރުވެދާނެ.  

އެހެންވީމަ ލޮބުވެތި އެއްމެހާ ޢިއްޒަތްތެރި އަޚުންނާ އުޚުތުންނޭ! އަޅުގަނޑުމެން އެކަމަށް ތައްޔާރުތޯ؟ އަޅުގަނޑުމެން އެކަމަށް ތައްޔާރުކަމަށް ވާނަމަ އެކަމަށް ތައްޔާރަށް ތިބި ކޮންމެ ބޭކަލަކު އަތްޕުޅު މައްޗަށް ނަންގަވާބައްލަވާ! ﷲ ގެ ދީނުގެ ދިފާޢުގައި ތިއްބެވި އެންމެހާ ބޭކަލުންނާ ކަނބަލުން އަތްޕުޅު މައްޗަށް ނަންގަވާބައްލަވާ! އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމައިގެން އަޅުގަނޑުމެނަށް ކުރެވުނު ހުރިހާކަމެއް ކުރުމަށް ތައްޔާރުވާ ހުރިހާ ބޭފުޅުން. 

އާދެ! ޖަޒާއަކަﷲޚައިރަ. ތިޔަ ހުރިހާ ބޭފުޅުންވެސް އަތްޕުޅު މައްޗަށް ނަންގަވައިފީމު. ﷲ ގެ ދީނުގެ ދިފާޢުގައި މަސައްކަތްކުރުމަށް ތިޔަ އެންމެހާ ބޭކަލުންނާ ކަނބަލުން ތައްޔާރަށް ތިއްބެވިކަން ތިޔަ ބޭކަލުން ހާމަކޮށްދެއްވައިފީމު. ޢިއްޒަތްތެރި ކަނބަލުން ހާމަކޮށްދެއްވައިފީމު.

އާދެ! ދެން އޮތީ އަޅުގަނޑުމެންނަށް ކުރެވޭ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިޔުން.  

އަދި ނުނިމޭ 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން