ތިބާ ދޫކޮށްދާން ބޭނުންވާ މީހަކު ދިއަނުދީ ގަދަކަމުން ހިފަހައްޓަން މަސައްކަތްކުރުމަކީ ކުރެވޭ މޮޔަކަމެއް! އެކަމުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިބާ ދޫކޮށްދާން ބޭނުންވާ މީހަކު ދިއަނުދީ ގަދަކަމުން ހިފަހައްޓަން މަސައްކަތްކުރުމަކީ ކުރެވޭ މޮޔަކަމެއް! އެކަމުން ކުރާނެ ފައިދާއެއް ނެތް!

ލޯބިވެރިޔާކަމަށްވީނަމަވެސް އަދި ބައިވެރިޔާކަމަށްވީނަމަވެސް ތިމާއާއި ވަކިވާން ނިންމުމުންވެސް ވަކިވިޔަ ނުދީ ހިފަހައްޓަން މަސައްކަތްކުރާ ބައަކު އުޅެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން ބައެއް ކަންކަން ބުނެލާނަމެވެ!  

މިވާހަކަ މިބުނަނީ ވަކިމީހަކަށް އަމާޒުކޮށްގެނެއް ނޫނެވެ. އެންމެންނަށް އަމާޒުކޮށެވެ. ތިބާއާއި ދުރުހެލިވާން ބޭނުންވާ މީހާ އެކަންކުރިއަދޭށެވެ. ތިބާއާއިއެކު ގަދަބާރުން ގެންގުޅެން މަސައްކަތްނުކުރާށެވެ! އެއްވެސް މީހަކާއިއެކު ގަދަބާރުން ގުޅުން ބަހައްޓަން ކިތަންމެ ވަރަކަށް މަސައްކަތެއް ކުރިނަމަވެސް އެކަން މާގިނަ ދުވަހަކަށް ދެމިގެނެއް ނުދާނެއެވެ. އެއީ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް، ލޯބިވެރިޔާ ނަމަވެސް އަދި ޙަޔާތުގެ ބައިވެރިޔާ ނަމަވެސްމެއެވެ.  

ގިނަ މީހުން ތިބާއާއި ދުރުވާން މަސައްކަތްކުރާނީ ތިބާގެ ހުރި ނުބައި ސިފައެއްގެ ސަބަބަކުން ނޫނެވެ. އެކުގައި އުޅެން ބޭނުން ނުވާތީއެވެ. އެކަން އެގޮތަށް ކުރަން ނިންމައިފިނަމަ އެމީހަކަށް އަވަހަށް އެފުރުޞަތުދޭށެވެ. ލަސްކުރިވަރަކަށް ތިބާގެ ހިތަށް ލިބޭ އުނދަގޫތައް ދާނީ ބޮޑުވަމުންނެވެ.  

މަދުން ނަމަވެސް ތިބާގެ ކިބައިގައި ހުންނަ އުނިސިފައެއްގެ ސަބަބުންވެސް ތިބާއާއި ދުރުވާން މީހަކު ނިންމައިފާނެއެވެ. އެޙާލަތުގައި ތިބާގެ ކިބައިގައި ހުރި އުނި ސިފަ އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އިޞްލާޙްކުރަން މަސައްކަތްކުރާކަން އެމީހަކަށް އަންގަންވެސް ވާނެއެވެ. އަދި އިޞްލާޙްކޮށްފައި އެމީހަކަށް އެކަން ދައްކަންވެސްވާނެއެވެ. އެކަމުން ތިބާއަށް ފައިދާކުރާނެތީއެވެ.  

ތިބާ އެމީހަކު ދެކެ ލޯބިވާ މީހަކު ތިބާއާއި ވަކިވާން ބޭނުންވާކަން އެނގުމުންވެސް އެކުގައި އުޅެން މަސައްކަތްކުރަމުން ދަނިކޮށް އެމީހަކު ތިބާއާއި ވަކިވެއްޖެނަމަ ވަރަށް ދެރަވާނެއެވެ. ހިތަށް ވަރަށް އަސަރުކުރާނެއެވެ. އެކަމުގެ ސަބަބުން ވޭންތައް ކުރިމަތިވާނެއެވެ.  

ކޮންމެ މީހަކާއިވެސް ގުޅިގެން އުޅެންވާނީ ކޮންމެ ވަޤުތަކުވެސް އެމީހާ ތިމާ އާއި ވަކިވެދާނެ ކަމަށް ބަލައިގެންނެވެ. މީގެ މާނައަކީ އެމީހަކަށް ހެޔޮކޮށް ނުހިތުމެއް ނޫނެވެ. އެންމެންނަށްވެސް ހެޔޮކޮށް ހިތާށެވެ. އެއިރުން އެކަމުގެ ބަދަލު ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން