މައިންބަފައިންނަށް އުރެދޭ ދަރިންނަށާ ދައްޔޫޘުންނަށް އާޚިރަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑި ނުގަންނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 48ސ
މައިންބަފައިންނަށް އުރެދޭ ދަރިންނަށާ ދައްޔޫޘުންނަށް އާޚިރަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑި ނުގަންނަވާނެ!

عَنْ سَالِمِ بْنِ عَبْدِ اللَّهِ عَنْ أَبِيهِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلَاثَةٌ لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ وَثَلَاثَةٌ لَا يَدْخُلُونَ الْجَنَّةَ الْعَاقُّ لِوَالِدَيْهِ وَالْمُدْمِنُ عَلَى الْخَمْرِ وَالْمَنَّانُ بِمَا أَعْطَى ‏ 

މާނައީ: ސާލިމް ބިން ޢަބްދުﷲ ޢަން އަބީހި ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. ޤިޔާމަތް ދުވަހުން ﷲ ތަޢާލާ ބައްލަވާވޮޑިނުގަންނަވާނެ 3 މީހެއް ބަޔާން ކުރައްވާފައިވެއެވެ. އެއީ މައިންބަފައިންނަށް އުރެދޭ މީހާއާއި، ފިރިހެނުންނާއި އެއްވައްތަރުވެގެން އުޅޭ އަންހެނުނާއި، ދައްޔޫޘުންނެވެ. (ދައްޔޫޘުންނަކީ އަނބިމީހާ ފާޙިޝް ޢަމަލު ހިންގާކަން އެނގި ހުރެ އެކަމާ އަޅާނުލާ ތިބޭ ފިރިން) އަދި ޤިޔާމަތް ދުވަހުން ސުވަރުގެ ނުވަންނަ ތިން މީހުންވެއެވެ. އެއިގެ ތެރެއިން އެއް ބަޔަކީ މައިންބަފައިންނަށް އުރެދޭ މީހާއާއި، ބަނގުރާ ބުއިމަށް ދެވިހިފައިފާވާ މީހާއާއި، ޞަދަޤާތް ކުރުމަށްފަހު އެވާހަކަ އެހެން މީހުންނަށް ފާޅުކުރާ މީހުންނެވެ." 

މި ޙަދީޘުފުޅުން އެނގޭ ގޮތުގައި އެންމެ ފުރަތަމަ ކަމަކަށްވެސް ބަޔާން ކުރައްވާފައިވަނީ މައިންބަފައިންނަށް އުރެދުމަކީ ބޮޑުވެގެންވާ ފާފައެއް ކަމާއި އެކަމުގެ ސަބަބުން ސުވަރުގެ ނުވަންނާނެ ވާހަކައެވެ. އަދި ﷲ ތަޢާލާ އެމީހަކާއި ދިމާއަށް ޤިޔާމަތް ދުވަހުން ބައްލަވާ ވޮޑިނުގަންނަވާނެކަން ވެސް މި ޙަދީޘުފުޅުގައި ބަޔާންކަޮށް ދެއްވާފައިވެއެވެ.

އެގޮތުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ އިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި މައިންބަފައިންނާ މެދުގައި ޢަމލުކުރަން ޖެހޭގޮތް ވަޙީ ކުރައްވާފައިވެއެވެ.  

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ‎﴿٢٣﴾‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ‎﴿٢٤﴾‏'

މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)" 

މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.  

(جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ .قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ) މާނައަކީ: “ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް މީހަކު އައިސްދެންނެވިއެވެ. “ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ”. އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ”. އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ”. އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ ބައްޕަ އަށެވެ”.

އިސްލާމްދީނުގައި މައިންބަފައިންނަށް ވަރަށް ޚާއްސަ މަޤާމެއް ދެއްވާފައިވެއެވެ. އަދި ވަކިން ޚާޢްސަކޮށް މަންމައަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްބާކުރައްވާފައިވާ ލިޔުމެއް!

 

 

މިއަދު އޮންލައިން