ތިމާގެ އަޞްލު އޮޅުވާލައިގެން ބައިވެރިން ހޯދަން އުޅޭ މީހުންގެ އަޞްލު އެނގުނީމަ ދުރަށްދާނެ! އެއީ އަނެކާ ކުށްވެރިކުރެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާގެ އަޞްލު އޮޅުވާލައިގެން ބައިވެރިން ހޯދަން އުޅޭ މީހުންގެ އަޞްލު އެނގުނީމަ ދުރަށްދާނެ! އެއީ އަނެކާ ކުށްވެރިކުރެވޭނެ ކަމެއް ނޫން!

މިހާރަކަށް އައިސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމީހެއްގެ ކިބައިގައި ނެތް ފެންވަރު ދައްކައިގެން ބައިވެރިން ހޯދަން އުޅޭކަމެވެ. އެގޮތަށް އުޅުމުންވެސް ބައެއް ފަހަރު ކާމިޔާބުވެސް ކުރެވެއެވެ.

ނަމަވެސް ޙަޤީޤަތް ފަޅާއެރުމުން ދުވެފިލައެވެ. ދުވެފިލުމުން އެމީހަކު ކުށްވެރިވެސް ކުރެއެވެ.  

ބުނަންހެއްޔެވެ؟ ޙަޤީޤަތް އޮޅުވާލައިގެން ކައިވެނިކުރާތަނުން ހަޤީޤަތް ފަޅާއެރުމުން ބައިވެރިޔާ އަވަސްއަވަހަށް ވަކިވެގަތް ނަމަވެސް ޝަކުވާކުރަން ނުހަދާށެވެ! އެއީ ތިބާ އަމިއްލައަށް ލިބިގަތް ޙާލަތެކެވެ.  

ގިނަ ބައަކު އެމީހުންގެ ޙަޤީޤަތް 4 ކަމެއްގައި އޮޅުވާލައެވެ! 1 މާލީ ފެންވަރު، 2 ކުރީގެ މާޒީ، 3 ބަލަންޖެހިފައި ދަރިން ތިބިކަން، 4 ތިމާގެ ދިރިއުޅުމުގެ ޙަޤީޤަތް.

މިކަންކަމުގެ ތެރެއިން ތިމާގެ ދިރިއުޅުމުގެ ޙަޤީޤަތުގެ ތެރޭގައި، 1 ތެދުވެރިވުން، 2، އަޅާލައި އެހީތެރިވުން، ބައިވެރިޔާއަށް ވަޤުތުދިނުން ފަދަ ކަންކަންވެސް ހިމެނެއެވެ.  

އެކުވެރިންނޭވެ! ﷲ ތަޢާލާ ހުރިހާ އެންމެން އުފައްދަވާފައިވަނީ އެއް ފެންވަރެއްގައެއް ނޫނެވެ. މުއްސަނދިން ތިބޭ ފަދައިން ފަޤީރުންވެސް ތިބޭނެއެވެ. ވީމާ ތަނަވަސްކަން ނެތްނަމަ ތަނަވަސްކަން ހުރިކަމަށް ނުހެދޭށެވެ. ތަނަވަސްކަން ނެތުމަކީ މައްސަލައެއް ނޫނެވެ. ޙަޤީޤަތް އޮޅުވައިލުމަކީ މައްސަލައެކެވެ.  

އަދި ތަނަވަސްކަން ނެތުމަކީ ލަދުގަންނަން ޖެހެންވީ ކަމެއްވެސް ނޫނެވެ. ލަދުގަންނަން ޖެހެންވީ ކަންނެތްވެ ތަނަވަސްކަން ހޯދަން މަސައްކަތްނުކުރެވޭނަމައެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމުން އެއޮތީ ވާޖިބު އަދާކުރެވިފައެވެ. ދެއްވެވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  

ވީމާ ކައިވެނިކުރާނެ ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރު މިކަންކަމަށް ސަމާލުކަންދޭށެވެ. ތިމާ ކިތަންމެ ބޮޑަށް ބޭނުންވާ މީހަކު ޙާޞިލުކުރަންވެސް ތިމާގެ ޙަޤީޤީ ޙާލަތާއި ސިފަ އޮޅުވައިނުލާށެވެ! ތެދުވެރިވީމާ ދެއްވަވާ ބައިވެރިޔާގެ ކިބައިން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން