މިލިޔުން ރަނގަޅަށް ވިސްނަވައިގެން ވިދާޅުވެލައްވާށެވެ! ހުރިހާ ކަންބޮޑުވުންތަކަކާއި މާޔޫސްކަމެއް ފިލައިގެންދާނެއެވެ. އިން ޝާ ﷲ
މުއުމިނު އަޅާއަށް ކުރިމަތިވާ މުސީބާތްތަކަކީ ނިއުމަތެކެވެ. ރަޙްމަތެެކެވެ. އަދި ބަލިތަކާއި ދަތި އުނދަގޫކަމަކީ އޭނައަށްޓަކައި ވާ ހެވެކެވެ. އަޅުގަނޑުމެންގެ ވެރި ހުސްޠާހިރުވަންތަ އިލާހު، މުޞީބާތުގެ ޙާލަތްތަކުގައި އެއިލާހުގެ އަޅުތަކުންނަށް، ރަހުމަތް ވަންތަވެ ވޮޑިގަންނަވައެވެ. އަދި ނިޢުމަތުގައިވާ ޙާލަތްތަކުގައި އެއިލާހުގެ އަޅުތަކުން އިމްތިޙާނު ކުރައްވައެވެ.
ދުނިޔެވީ ހަޔާތުގައި ހިތިކަމާއި ކުރިމަތިލާން ޖެހުނަސް، އީމާނުގެ އަހުލުވެރިން ބަލާނީ އާޚިރަތުގައި އޭނާއަށް ލިބޭނެ ފޮނިމީރުކަމަށެވެ. ނިޢުމަތުގެ ތެރެއިން އިންސާނާއަށް ދެއްވެވި ނިޢުމަތް އޭނާގެ މައްޗައްހުރި ބަލިމަޑުކަމަކަށް ބަދަލުވެގެން ދިޔައީ ކިތައް ފަހަރުގައިތޯއެވެ؟. އަދި އެނިޢުމަތްލިބޭނެ މަގުބަންދުވެ މަހުރޫމުވި ނިޢުމަތަކީ، އޭނާއަށް ޝިފާއެއްކަމުގައި ވެގެންދިޔައީ ކިތަށް ފަހަރު ތޯއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
(وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ) البقرة: (216)
މާނައީ: "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."
ތިބާއަށް ކުރިމަތިވާ މުޞީބާތްތަކަކީ، ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގެންނަވާކަމުގެ ޢަލާމާތެކެވެ. އަދި އެއީ ސުވަރުގެ އަށް ވާސިލު ވުމަށް ތިބާއަށް ކޮށިގެންދާ މަގެއްކަމުގައި ވެގެން ދެއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.
(إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا ، وَمَنْ سَخِطَ فَلَهُ السُّخْطُ)
މާނައީ: "ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަލިބުންވަނީ، ބޮޑުވެގެންވާ މުޞީބާތް ކުރިމަތި ވުމަށް ފަހުގައެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބަޔަކުމީހުންދެކެ ލޯބި ވެވޮޑިގަންނަވައިފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ އެކަމަށް ރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ރުއްސެވުން އެމީހެއްގެ މައްޗަށްވެއެވެ. އަދި އެކަމާއި ނުރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ކޯފާ، އެމީހެއްގެ މައްޗަށްވެއެވެ."
(السلسلة الصحيحة) 1 / 227
- އައްޝައިޚް އަޙްމަދު ޚާލިދު