ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 5 ވަނަ އާޔަތުގެ ތަފްސީރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 3ސ
ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 5 ވަނަ އާޔަތުގެ ތަފްސީރު-

ﷲ ތަޢާލާގެ ވަޙީބަސްފުޅު: (اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ)

މާނައީ: " އަޅަމެއްނަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދައްކަވާނދޭވެ! " 

(الصِرَاطُ) މި ބަހުގައި ދެ ޤިރާއަތެއް ވެއެވެ. އެއް ޤިރާއަތުގައި ވަނީ “ސީން” އަކާއި އެކީގައެވެ. އެއީ (السِرَاطُ) މިފަދައިންނެވެ. އަނެއް ޤިރާއަތުގައި ވަނީ "ޞޯދު" އަކާއި އެކީގައެވެ. އެއީ (الصِرَاطُ) މިފަދައިންނެވެ. (الصراط) ގެ މާނައަކީ މަގެވެ.

އަދި މި އާޔަތުގައި މިވާ މަގުގެ މުރާދައަކީ ﷲ ތަޢާލާގެ ހިދާޔަތެވެ. ހިދާޔަތުގެ ދެ ވައްތަރެއްވެއެވެ. މި އާޔަތުގެ މުރާދައިގައި މި ދެ ވައްތަރުވެސް ހިމެނެއެވެ. އެއީ هِدَايَةُ الْإِرْشَادِ އާއި هِدَايَةُ التَّوْفِيْقِ އެވެ. هِدَايَةُ الْإِرْشَادِ ގައި ހިމެނެނީ މަންފާކުރަނިވި ޢިލްމު ފޯރުކޮށްދެއްވުމެވެ. هِدَايَةُ التَّوْفِيْقِ ގައި ހިމެނެނީ ހެޔޮ ޢަމަލު ކުރުމުގެ ތަވްފީޤުދެއްވުމެވެ.  އެހެންކަމުން ތިބާ ﷲ ތަޢާލާގެ ވަޙީބަސްފުޅު (اهدنا الصراط المستقيم) ކިޔަވާއިރު އެއިލާހުގެ ހަޟުރަތުން  އެދެނީ މަންފާކުރަނިވި ޢިލްމަށެވެ. އަދި ޞާލިޙު ޢަމަލަށެވެ. (المستقيم) ގެ މާނައަކީ ސީދާވުމެވެ. 

މި އާޔަތުގައި ހިމެނޭ ފާއިދާތައް: 

1.    އަޅުކަންކުރުމަށްޓަކައި ﷲ ތަޢާލާގެ ހަޟުރަތުން ވާތްގަށް އެދުމަށްފަހު އެއިލާހު ތަޢާލާގެ ހަޟުރަތުން ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށް އަޅާ އެދޭ އެދުން މި އާޔަތުގައި އައިސްފައިވެއެވެ. ފަހެ އަޅުކަމުގައި އިޚްލާޞްތެރިވުމަކީ ކޮންމެހެންވެސް ލާޒިމް ކަމެކެވެ. ފަހެ ﷲ ތަޢާލާގެ ވަޙީބަސްފުޅު إياك نعبد އިން ދަލީލްކޮށްދެނީ އިޚްލާޞްތެރިކަމަށެވެ. އަދި އަޅުކަން ކުރުމަށްޓަކައި ވާގި ބޭނުންވެއެވެ. މި ކަމަށް ދަލީލްކޮށްދެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅު و إياك نستعين އިންނެވެ. އަދި އަޅުކަމަކީ ޝަރީޢަތާއި އެއްގޮތަށް ކުރެވޭ އަޅުކަމަކަށް ވާންޖެހެއެވެ. މިކަމަށް ދަލީލްކޮށްދެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅު اهدنا الصراط المستقيم މި ބަސްފުޅެވެ. މާނައީ " އަޅަމެއްނަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދައްކަވާނދޭވެ! ". އެހެނީ صراط المستقيم ނުވަތަ ސީދާވެގެންވާ ތެދުމަގަކީ އެއީ ރަސޫލުﷲ صلى الله عليه وسلم ގެނެސްދެއްވި ޝަރީޢަތެވެ. 

2.    މި އާޔަތުގައި ހިމެނޭ ފާއިދާތަކުގެ ތެރޭގައި ޤުރުއާނުގެ ބަލާޣާތްތެރިކަން ހިމެނެއެވެ. ފަހެ މި އާޔަތުގައިވާ اهدنا މި ބަސްފުޅު އައިސްފައި މި ވަނީ ހިދާޔަތް ދެއްކެވުމުގެ މާނައިގައެވެ. ފަހެ هدى މި ފިޢުލު ނުވަތަ "ކަން" ޢަރަބި ބަހުގައި އަންނަނީ ކަމަކަށް މަގުދެއްކުން ނުވަތަ ކަމެއް ކުރުމަށް ތަވްފީޤުދެވުން މި ދެ މާނައިގައެވެ. هدى މި ފިޢުލު އެހެން އެއްޗެއްސާ ގުޅިގެން އަންނަނީ ދެ ގޮތަކަށެވެ. އެއީ "ބަސް ގުޅުވުމަށް ބޭނުން ކުރާ ބަހެއް" ނުވަތަ حَرْفُ جَرٍ އަކާއި އެކީ ނުވަތަ حَرْفُ جَرٍ އެއް ނުލައެވެ. މިސާލަކަށް "إلى" އަކީ  حَرْفُ جَرٍ އެކެވެ. "إلى"  އާއި ގުޅިގެން އަންނައިރު އަންނާނީ "اهدنا إلى الصراط" މިގޮތަށެވެ. މިގޮތަށް އައިސްފި ކަމުގައި ވަނީ ނަމަ هدى ގެ މާނައަކަށް ވާނީ ހަމަ އެކަނި ކަމަކަމަށް މަގުދެއްކުމެވެ. ނުވަތަ ކަމެއް ކުރާނެ ގޮތުގެ ޢިލްމު ފޯރުކޮށްދިނުމެވެ. އެހެން ނަމަވެސް އާޔަތުގައި ވާ ފަދައިން " اهدنا الصراط " އައުމުން ނުވަތަ حَرْفُ جَرٍ ނުލާ އައުމުން ޢަރަބި ބަހުގައިވާ هدى ގެ ދެ މާނަ ވެސް ދޭހަވެއެވެ. އެއީ ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުން ނުވަތަ އެ މަގުގެ ޢިލްމު ފޯރުކޮށްދެއްވުމާއި އަދި އެމަގުގެ މަތީގައި ޢަމަލު ކުރުމުގެ ތަވްފީޤު ދެއްވުމެވެ. އެހެންކަމުން މި އާޔަތުގައި حَرْفُ جَرٍ "إلى" އައިސްފައި ނެތުމުން ލިބޭ ފައިދާ އަކީ މި އާޔަތުން ލިބިދޭ ޤުރުއާންގެ ބަލާޣާތްތެރިކަމުގެ ފާއިދާއެކެވެ. ފަހެ މި އާޔަތުގައި حَرْفُ جَرٍ "إلى" އައިސްފައި ނެތުމުން މި އާޔަތުގައި އަޅާ އެދޭ ހިދާޔަތަކީ ހިދާޔަތުގެ ދެ ވައްތަރުކަމުގައިވެސް ވެދެއެވެ.

3.    

އެހެނީ ހިދާޔަތުގެ ދެ ވައްތަރެއް ވެއެވެ. އެއީ هِدَايَةُ الدَّلَالَةِ وَ الْإِرْشَادِ އާއި هِدَايَةُ التَّوْفِيْقِ وَالْعَمَلِ އެވެ. هِدَايَةُ الدَّلَالَةِ وَ الْإِرْشَادِ ގައި ހިމެނެނީ އިންސާނާ އަށް ފައިދާހުރި ކަންކަމަށް މަގުދައްކަވައި އެކަންކަމުގެ ޢިލްމު ފޯރުކޮށްދެއްވުމެވެ. هِدَايَةُ التَّوْفِيْقِ وَالْعَمَلِ ގައި ހިމެނެނީ ހެޔޮޢަމަލު ކުރުމަށް ތަވްފީޤުދެއްވައި އެ ޢަމަލު ނިމެންދެން ދެމިހުރުމުގެ ތަވްފީޤާއި ޘާބިތުކަންދެއްވުމެވެ. ފަހެ ﷲ ތަޢާލާ ވަނީ އެންމެހާ މިސްތަކުންނަށް هِدَايَةُ الدَّلَالَةِ وَ الْإِرْشَادِ ދެއްވާފައެވެ.  

މިގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( شهر رمضان الذي أنزل فيه القرآن هدىً للناس ) މާނައީ " ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ ޤުރުއާން ބާވައިލެއްވުނީ މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައެވެ. " މި އާޔަތުގައި މިވާ ހިދާޔަތުގެ މުރާދައަކީ މީސްތަކުންނަށް ޢިލްމު ފޯރުކޮށްދެއްވުން އެކަނިއެވެ. ފަހެ ހިދާޔަތުގެ ދެވަނަ ވައްތަރުކަމުގައިވާ هِدَايَةُ التَّوْفِيْقِ وَالْعَمَلِ ގައި ހިމެނެނީ ހެޔޮޢަމަލު ކުރުމަށް ތަވްފީޤު ދެއްވުމާއި ޝަރީޢަތަށް ތަބަޢަ ވުމުގެ ތަވްފީޤު ދެއްވުމެވެ. 

މި ކަންކަން ދެއްވާފައި ވަނީ މީސްތަކުންގެ ތެރެއިން ވަކި ބަޔަކަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( ذلك الكتاب لا ريب فيه هدى للمتقين ) މާނައީ " އެފޮތަކީ ( ޤުރުއާންއަކީ ) އެފޮތާއިމެދު ޝައްކެއްނުވާ، ތަޤުވާވެރިންނަށް ވާ ހިދާޔަތެކެވެ." 

ފަހެ މި އާޔަތުގައި ﷲ ތަޢާލާ މިވަނީ ތަޤުވާވެރިންނަށް ހިދާޔަތް ޚާއްޞަކުރައްވާފައެވެ. އެހެންކަމުން މި ހިދާޔަތަކީ ހެޔޮކަންކަން ކުރުމަށް ތަވްފީޤުދެއްވުމެވެ. މި ހިދާޔަތުން ބައެއް މީހުން މަޙުރޫމްވެގެންވެއެވެ. މިގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( و أما ثمود فهديناهم فاستحبوا العمى على الهدى ) މާނައީ: " އަދި ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަން އިލާހު އެއުރެންނަށް ހިދާޔަތް ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބިގަތުމުގެ މައްޗަށް، ކަނުކަމަށް (އެބަހީ: މަގު ފުރެދުމަށް) ލޯބި ކުރޫއެވެ. " ފަހެ މި އާޔަތުގައި މިވާ ހިދާޔަތުގެ މުރާދައަކީ އެބައިމީހުންނަށް ޙައްޤު ބަޔާންކޮށްދީ މަގުދެއްކެވި ވާހަކައެވެ. މިއީ هِدَايَةُ الدَّلَالَةِ وَ الْإِرْشَادِ އެވެ. އެހެން ނަމަވެސް އެބައިމީހުން މަގުފުރެދުން އިޚްތިޔާރުކުރީ އެބައި މީހުންނަށް ﷲ ތަޢާލާ އެޔޮ ޢަމަލުކުރުމުގެ ތަވްފީޤު ނުދެއްވުމުންނެވެ. ނުވަތަ هِدَايَةُ التَّوْفِيْقِ وَالْعَمَلِ ނުދެއްވުމުންނެވެ. 

4.    މި އާޔަތުން އެނގޭގޮތުގައި މަގުގެ ދެ ވައްތަރެއްވެއެވެ. އެއީ ސީދާވެގެންވާ މަގާއި ސީދާ ނޫން މަގެވެ. ފަހެ ޙައްޤާއި އެއްގޮތް ވެއްޖެ މަގަކީ ސީދާވެގެންވާ މަގެވެ. މިގޮތުން ﷲ ތާޢާލާ ވަޙީކުރައްވާފައިވެއެވެ. ( و أن هذا صراطي مستقيما فاتبعوه ) މާނައީ: " އަދި މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! " އަދި ޙައްޤާއި ޚިލާފުވެއްޖެ ކޮންމެ މަގަކީ ސީދާ ނޫން މަގެކެވެ. 

- ނުނިމޭ-  

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު 

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެ

 

މިއަދު އޮންލައިން