"ހެވިފަ ހުރެގެން ރޭގަނޑު ބައްދަލުކުރާ މީހާ ހެނދުނުވާއިރަށް ބަދަލުވަނީ މަދަކުން ނޫނެވެ! ރޭގައި ލޯބިވީ މީހާ މާދަމާ ހެދުނު ލޯބިވާނެ ކަމުގެ ޔަޤިންކަމެއް ނެތެވެ. ދަރިފުޅަށް ސަލާމަތްކަމާއި އުފާވެރިކަން ލިބެން އޮތް ޙައްލަކީ ހަމައެކަނި ﷲ އަށް އިތުބާރުކުރުމެވެ. ﷲ ތަޢާލާއަށް އިތުބާރުކުރުމަކީ ކިތަންމެ ބޮޑަށް މީހަކުދެކެ ލޯބިވިޔަސް އޭނާއަށް އިތުބާރުކޮށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ނުކޮށް ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމެވެ.
ތިމާއަށް ދެރަގޮތެއް މިންވަރުނުކުރައްވަވާނެކަމަށް ޔަޤީންކުރަންއޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށްފަހުގައެވެ."
މިއީ ބައްޕައަކު އޭނާގެ ދަރިފުޅަށް ދިން ނަޞީހަތެކެވެ. އަހުރެން ބުނާނީ މިއީ މައިންބަފައިންނަށް ކޮންމެ އަންހެން ދަރިއަކަށްވެސް ދެވޭނެ އެންމެ އަގުހުރި ނަޞީޙަތް ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ ތެދުވެރިން މަދުވުމުން ލޯބީގައި އެއްވެސް ގަރަންޓީއެއް ނެތުމެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމަށްފަހު ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމަށް ޔަޤީންކުރުމެއް ނެތްކަމެވެ.
ކައިވެނިކުރެވެންދެން ލޯބިވާން އޮތީ ހަމައެކަނި ހިތުންނެވެ. ޢަމަލުން ލޯބިވާކަން ދައްކަން ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. ލޯބިވާކަން ކައިވެނީގެ ކުރިން ދައްކަން ކުރަން އޮތް ހަމައެކަނި ކަމަކީ ތެދުވެރިވުމެވެ. އެންމެ ބޮޑަށް ތެދުވެރިވާންވީ ﷲ ތަޢާލާއަށެވެ. އެކަން ކުރެވޭނީ ކައިވެނީގެ ކުރިން އަނެކާގެ ގައިގައި ނުބީހުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން