ކައިވެނިކޮށްގެން އަނބިމީހާ ގެންދެވޭގެއަކީ ހުތުރުބަސްތަކާ ހަރުކަށިބަސްތައް ބުނެއުޅޭ ގެއެއްނަމަ ކިތަންމެ ލޯބިވިޔަސް އެގެއެއްގަ ކެތްނުކުރެވޭ އަނބިން ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައިވެނިކޮށްގެން އަނބިމީހާ ގެންދެވޭގެއަކީ
ހުތުރުބަސްތަކާ ހަރުކަށިބަސްތައް ބުނެއުޅޭ ގެއެއްނަމަ ކިތަންމެ ލޯބިވިޔަސް
އެގެއެއްގަ ކެތްނުކުރެވޭ އަނބިން ވަރަށް ގިނަ!


ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެންދަންވާނީ

އެގެއެއްގައި އޭނާއަށް ހަމަޖެހިލައިގެން އުޅެވޭނެ މާޙައުލެއް އޮތްނަމައެވެ. ނެތްނަމަ އެފަދަ މާޙައުލެއް އުފައްދުވައިފައެވެ. ނޫންނަމަ ކެތްތެރިނުވާ އަނބިން ވަރަށް ގިނައެވެ. މިބަޔާންކުރަނީވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ބައެއް ޢާއިލާތަކުގައި އޮންނަ މައްސަލައެކެވެ.  

ކޮންމެ ގެއެއްގައި ކަންތައްތައް ހުންނާނީ އެއްގޮތަކަށް ނޫނެވެ. ބައެއް ގޭގޭގައި މާބޮޑު މައްސަލައެއް ނުޖެހުނު ކަމުގައިވީނަމަވެސް ހަރުކަށި ބަސްތައް ބުނެވެއެވެ. އެފަދަ ޢާއިލާތަކުގައި އެއީ ޢާންމުކަމަކަށްވުމުން އެކަމަކަށް މާބޮޑު ސަމާލުކަމެއްވެސް ނުދެއެވެ. އެކަން ވެފައި އޮންނަނީ ޢާންމު ކަމަކަށެވެ. ހުތުރުބަސްތައް ބުނެވޭ ގެތަކުގައިވެސް ހަމަމިގޮތަށް ކަންކަން މެދުވެރިވެއެވެ.  

ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ މިއީ ރަނގަޅު އާދައެއްވެސް ނޫނެވެ. ނުރަނގަޅު އާދައެކެވެ. އެކަން އިތުރަށް ގޯސްވެގެންދާ ޙާލަތެއްވެސް ކުރިމަތިވެއެވެ. އެއީ ކައިވެނިކޮށްގެން ގެއަށް އިތުރު މީހަކު ގެނެވޭ ހިސާބެވެ. އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސްމެއެވެ.  

ބޭރުން ގެއަށް ގެނެވުނު މީހާގެ ޢާއިލާގެ ތެރޭގައި އެކަންކަން ނެތްނަމަ އެކަންކަން ބަލައިގަންނަން އޭނާއަކަށް ފަސޭހައެއް ނުވާނެއެވެ. އެކަން އޭނާއަށް ފެންނާނީ ވަރަށް ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައެވެ. އެޢާއިލާ އާއިމެދުގައިވެސް އޭނާއަށް ބެލެވޭނީ ވަރަށް ދަށުދަރަޖައިގެ ޢާއިލާއެއްގެ ގޮތުގައެވެ.  

އެހައި ދަށުދަރަޖައިގެ ޢާއިލާއެއްގެ ތެރޭގައި ނުއުޅެންވެގެން ވަކިވެގެންދާ މީހުންވެސް މަދެއް ނޫނެވެ. ގިނައިން ދަނީ އަނބިންނެވެ. ފިރިންވެސް ދެއެވެ. އަދި ބައެއް މީހުން މަޑުކޮށްލައިގެން ތިއްބައި އެނުބައި އާދަ އެމީހުންގެ ގައިގައިވެސް ހަރުލައެވެ. އެހިސާބުން އޭނާ ބުނާ ބަސްތައް މާހަރުކަށިވެފައިވެސް އެބަހުއްޓެވެ. އެހެންވެ ޢާއިލާއިން އެމީހަކަށް ނަފްރަތުވެސް އެބަކުރެއެވެ.  

މިކަމަށް އޮތް ޙައްލަކީ ޢާއިލާގެ އެންމެންނަކީވެސް އަޚްލާޤީ ގޮތުން ނަމޫނާބައަކަށްވުމެވެ. ހަރުކަށި ނުބައި ބަސްތައް ނުބުނުމެވެ. ޚާއްޞަކޮށް ބޭރުން ގެއަށް ގެނެވޭ މީހާއަށް އެފަދަ އެއްވެސް ކަމެއް ނުދެއްކުމެވެ. 

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން