ހަނދުމަކޮށްދިނުމެއް!: ދަރިން ޢިލްމްވެރިކުރުވާށެވެ! ވިސްނަންވީ ކިތަންމެ މަތީ އަދި ކިތަންމެ ގިނަ ފާސްތަކެއް ހޯދައިދިނަސް އެންމެ މުހިންމު ކަންތަކަށް ގިނަ މައިންބަފައިން އިހްމާލްވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ހަނދުމަކޮށްދިނުމެއް!: ދަރިން
ޢިލްމްވެރިކުރުވާށެވެ! ވިސްނަންވީ ކިތަންމެ މަތީ އަދި ކިތަންމެ ގިނަ ފާސްތަކެއް
ހޯދައިދިނަސް އެންމެ މުހިންމު ކަންތަކަށް ގިނަ މައިންބަފައިން އިހްމާލްވޭ!


އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންބަފައިންގެ ބޭނުމަކަށްވެފައި އޮންނަނީ ދަރިންނަށް ވީހައި ރަނގަޅު، މަތީ ތަޢުލީމެއް ޙާޞިލްކޮށްދިނުމެވެ. ތައުލީމީ ގޮތުން ރާއްޖެވެސް ކުރިއަރއިދިއުމުން ޕީއެޗްޑީ ފެންވަރަށް ކިޔަވައިދެވުމުން ނޫނީ މައިންބަފައިންނަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެއީ ހަމަ ވަރަށް ރަނގަޅު މަސައްކަތެކެވެ.  

ހަމައެއާއެކު ވިސްނައިލަން އޮތްކަމަކީ ދަރިންނަށް ޕީއެޗްޑީ ޙާޞިލްކޮށްދެވުނު ނަމަވެސް އެދަރިފުޅަށް ތަޖްވީދުމަގުން ޤުރްއާން ކިޔަވަން ދަސްކޮށް ނުދެވުނުނަމަ ޙާޞިލުކޮށްދެވުނު ޕީއެޗްޑީގެ އޮތީ ކޮން ބޭނުމެއްތޯއެވެ؟ އެދަރިފުޅުގެ ނަމާދުވެސް ފުރިހަމަ ގޮތުގައި ކުރެވޭނީ ތަޖްވީދު މަގުން ޤުރްއާން ކިޔަވަން އެނގިގެން ކަމަށްވާތީއެވެ.  

އެކަން ޤަބޫލުކޮށް ދަރިންނަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކޮށްދޭން ގަދައަޅައި ސައްކަތްކުރާ ބެލެނިވެރިންގެ އަދަދު އިތުރުވަމުން އަންނަކަން އެއީ އުފަލާއިއެކު ފާހަގަކުރަންޖެހޭނެ ކަމެކެވެ. ހިތާމައަކީ ނިޞްބަތުން ބަލައިފިނަމަ ގިނަ ބެލެނިވެރިން އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދޭކަމެވެ.  

މިކަމުގައި އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ އެއްކަމަކީ ތުއްތުއިރު ތަޖުވީދުމަގުން ޤުރްއާން ކިޔަވަންދަސްކޮށްދީފައި ފަހުން އަޅައިނުލެވޭކަމެވެ. ކުއްޖާ ބޮޑުވަމުން އަންނައިރު އެކަމަށް ސަމާލުކަން ނުދެވޭ ކަމެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ދަރިން ތިމާގެ ބެލެނިވެރިކަމުގައި ތިބިހައި ދުވަހަކު އެކަމަށް ސަމާލުކަންދޭންޖެހޭނެއެވެ.  

ދަރިން ބޮޑުވާވަރެއް، ކިޔަވަންދަނީ ސްކޫލަކަށްކަމެއް ނުވަތަ ޔުނިވަރސިޓީއަކަށް ކަމެއް ބަލާކަށް ނުޖެހެއެވެ. ކުއްޖާ ލައްވައި ކޮންމެ ދުވަހަމުވެސް ކޮންމެވެސް މިންވަރަކަށް ކިޔުއްވުމަށް މަސައްކަތްކުރަންވާނެއެވެ. ކުއްޖާގެ ޅަ އުމުރުގައި އެ އާދަ އަށަގެންނެވިއްޖެނަމަ އެކަމުގެ ފައިދާ ކުއްޖާގެ މުޅި އުމުރުގައިވެސް ކުރާނެއެވެ. އިން ޝާ ﷲ  

މިކަމަކީ ބެލެނިވެރިންވެސް އިތުރަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. މުފްތީ މެންކު ކުރައްވާފައިވާ މި އަގުހުރި އިލްތިމާސް ހާމަކޮށްމިލަނީ ހަމައެކަމުގެ މުހިންމުކަންބޮޑުކަމުންނެވެ. ފުރިހަމަ ގޮތުގައި ނަމާދުކުރެވިގެން ނޫނީ ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެ މަގުއް ނެތުމުން މިކަމަކީ ގިނަގިނައިން ހަނދާންކޮށްދޭންޖެހިފައިވާ ކަމަކަށްވާތީއެވެ.

މުފްތީ މެންކް ވިދާޅުވެފައިވެއެވެ.  

"އުއްމުލްޤްރްއާން" މިއީ ހުރިހާ މުސްލިމުންވެސް ވަރަށް ގިނައިން އަޑުއަހާ ނަމެކެވެ. ނަމަވެސް އެ ބުނަނީ ކީކޭކަން ނުއެނގޭ އެތައް މިލިއަން މުސްލިމުން ތިބިކަން އެއީ ހިތާމަހުރި ކަމެކެވެ.

ދުނިޔަވީ ޙަޔާތަށް ބެލި ނަމަވެސް މަންމަ އަކީ އެމީހަކު އެންމެ އިހްތިރާމް ކުރަން ޖެހޭ މީހާއެވެ. އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މީހާއެވެ. ނަމަވެސް އެމީހާގެ ފަރުވާ ކުޑަކަމުން އެމީހަކަށް އެމީހެއްގެ މަންމަ އަކީ ކާކުކަން ނުއެނގޭނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟  

"އުއްމުލްޤްރްއާން" އެވެ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤްރްއާނުގެ މަންމައެވެ. މިނަން ދެވިފައިވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތަށެވެ. ސޫރަތުލްފާތިހާ (އަލްހަމްދު)އަށެވެ. އެސޫރަތަށް ކީރިތި ޤްރްއާނުގެ ހުރިހާ ސޫރަތްތަކުގެ މަންމަކަމުގައި ވެސް ބުނެވެއެވެ.

 

މިތާ އެއްވެ މިތިބަ މީހުންގެ ތެރެއިން ތަޖުވީދުމަގުން އަލްހަމްދު ކިޔަވަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެ ސޫރަތުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ ނުގުނައި ޖަވާބުދެވޭނީ ކިތައް މީހުންނަށްބާވައެވެ! އަދި އެންމެ 6 ނުވަތަ 7 އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

 

އަލްޙަމްދުގައި 7 އާޔަތް ހަމަވާނީ ބިސްމި އާއިއެކުގައެވެ. އާޔަތްތައް އެހައިމެ ކުރެވެ. ނަމާދަށް ފުރިހަމަކަން ލިބޭނީ އަލްޙަމްދުގެ މާނަވެސް އެނގިގެންނެވެ. ނަމަވެސް މިއީ މިއަދު އަހަރެމެންގެ ހާލު ހުރިގޮތެވެ. އިޞްލާޙްކުރުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ.

 

ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އެ ސޫރަތް އެބަކިޔަވަމުއެވެ. ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް މެއެވެ. އެ ސޫރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ.   ވީމާ އުމުރުން ކިތަންމެ ދޮށިވެފައިހުރިނަމަވެސް ޤާރީން ގާތަށް ގޮސްގެން ނަމަވެސް، ރެކޯޑިންގ އަޑުއަހައިގެން ނަމަވެސް ތަޖުވީދުމަގުން އަލްޙަމްދުކިޔަން ދަސްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

 

--މިއަދުނޫސް

މިއަދު އޮންލައިން