ވުޟޫ ގެއްލުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން -

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ވުޟޫ ގެއްލުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން -

މިހާރަކަށް އައިސް ގިނަ ބައަކު ދިރިއުޅެނީ ވަރަށް ދަތި ގޮތަކަށެވެ. އެއީ ކުޑަތަންކޮޅެއްގައި ގިނަ ބައަކަށް އެކުގައި ދިރިއުޅެންޖެހިފައިވާތީއެވެ. ނަތީޖާއެއްގެ ގޮތުން ވުޟޫކޮށްގެން ހުއްޓައިވެސް ހިލޭ އަނހެނުންނާއި ފިރިހެނުން ބީހެވުން އޮންނަނީ ވަރަށް ގިނައިން ހިނގާކަމަކަށްވެފައެވެ. އެހެންކަމުން އެގޮތަށް ބީހެވުމުން ވުޟޫ ގެއްލޭނެތޯ ގިނަ ބައަކު ސުވާލުކުރާތީ ދަންނަވަމެވެ.

ތިރީގައިވާ ލިޔުމުން އެކަމުގެ ޙުކުމް ވަރަށް ރަނގަޅަށް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ   

6 ކަމަކުން ވުޟޫ ގެއްލެއެވެ. އެއީ: 

1.    ދެދޮރުން ކުރެ ދޮރަކުން [ކުރިމަތި ފަރާތުން ނުވަތަ ފުރަގަސް ފަރާތުން] އެއްޗެއް ބޭރުވުން.

2.    ހަށިގަނޑުގެ [ދެދޮރުން ނޫންތާކުން] ގިނައިން ނަޖިހެއް ބޭރުވުން.

3.    ނިދުމުން ނުވަތަ އެހެން ކަމަކުން ބުއްދިފިލާ ދިއުން.

4.    އަތުގެ ބަނޑުފުށުން ހުރަހެއްނެތި ފަރުޖުގައި ބީހުން – އެއީ ކުރިމަތީފަރާތުގައި ވިޔަސް ނުވަތަ ފުރަގަސްފަރާތުގެ [ނަޖިސް ބޭރުވާ ހިސާބުގައިވިޔަސް]ވެހެވެ.

5.    ޖަމަލު މަސް ކެއުން.

6.    އިސްލާމްދީނުން މުރުތައްދުވުން. – އަހަރެމެންނާއި އަދި އެންމެހާ މުސްލިމުން އެފަދަކަމަކުން ﷲ ތަޢާލާ ރައްކާތެރި ކުރައްވާށިއެވެ. 

ޞައްޙަގޮތަކީ މައްޔިތާ ހިނެވުމުން [ހިނެވިމީހާގެ] ވުޟޫއެއް ނުގެއްލޭނެކަމެވެ. އެއީ ޢިލްމުގެ އަހުލުވެރީންގެ ތެރެއިން ގިނަ ބޭފުޅުންގެ ބަހެވެ. އެއީ އެކަމަށް ދަލީލެއް ނެތުމުންނެވެ. ނަމަވެސް ހުރަހަކާނުލާ ހިނަވާ މީހާގެ އަތް މައްޔިތާގެ ފަރުޖުގައި ޖެހިއްޖެނަމަ އޭނާގެ މައްޗަށް ވުޟޫ ކުރުން ވާޖިބުވެއެވެ. 

އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ މައްޔިތާގެ ފަރުޖުގައި ބީހެން ޖެހިއްޖެ ހާލަތެއްގައިވެސް ހުރަހަކާނުލާ ނުބީހުމެވެ. ހަމަމިގޮތަށް ޝަހުވަތްތެރިކަމާއެކުވިޔަސް އަދި ޝަހުވަތްތެރިކަމާއެކު ނޫނަސް އަންހެނެއްގެގައިގައި ހަމައެކަނި ޖެހިގެން ވުޟޫއެއް ނުގެއްލޭނެއެވެ. އެއީ މިކަމުގައި ޢިލްމުވެރީންގެ މެދުގައި އޮތް ދެޤައުލުންކުރެ އެންމެ ޞައްޙަކަން ބޮޑު ޤައުލެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންނަށް ބޮސްދެއްވުމަށްފަހު ވުޟޫ ވުޟޫ އާނުކުރައްވަވައި ވަޑައިގެން ނަމާދުކުރެއްވިއެވެ. ނަމަވެސް އެއީ ބީހުމުގެ ސަބަބުން އެއްޗެއް ބޭރުނުވާނަމައެވެ. 

﴿ …أَوْ لامَسْتُمْ النِّسَاءَ… ﴾  [سورة النساء ٤٣ ، سورة المائدة ٦]

މާނައީ: "…ނުވަތަ އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ…" 

ނިސާ ސޫރަތާއި މާއިދާ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅުގައި "ބީހިއްޖެނަމަ"ގެ މުރާދަކީ: ޖިމާޢުވުމެވެ. އެއީ މިކަމުގައި ޢިލްމުވެރީންގެ މެދުގައި އޮތް ދެޤައުލުންކުރެ އެންމެ ޞައްޙަކަން ބޮޑު ޤައުލެވެ. އެއީ އިބުނު ޢައްބާސް رضي الله عنه އާއި އަދި ސަލަފުންނާއި އަދި ޚަލަފުންގެ ޖަމާޢަތެއްގެ ބަހެވެ.

والله ولي التوفيق 

- އަލްއުޚުތި އުންމު ޢަބްދިﷲ

 

މިއަދު އޮންލައިން