ދަރިންނަށް ބުނެވޭ ނުބައިބަސްތައް ބަދުދުޢާއަށްވެ ކިޔެވުމަށާ ތަރުބިއްޔަތަށް ދެރަ ގޮތްތައް މެދުވެރިވޭ!

ކިޔުމަށް ހޭދަވާނީ 3މ 14ސ
ދަރިންނަށް ބުނެވޭ ނުބައިބަސްތައް ބަދުދުޢާއަށްވެ ކިޔެވުމަށާ ތަރުބިއްޔަތަށް ދެރަ ގޮތްތައް މެދުވެރިވޭ!

ޢާއިޝަތު ރަފާޙް ޢަލީ 

ދަރިން ތަރުބިއްޔަތުކުރުމުގަ ﷲ ތަޢާލާގެ ފަރާތުން މަދަދަށް އެދުމާއި ދަރީންނަށް ބަދު ދުޢާ ނުކުރުން: 

ﷲ ތަޢާލާއަކީ ހުރިހާ ކަމަކަށް ކުޅަދުއްވަންތަ ރަސްކަލާނގެއެވެ. އަދި ކޮންމެ ކަމެއް ކުރުމުގެ ކުރީންވެސް ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދި ދުޢާ ކުރަން ވާނެއެވެ. ހުރިހާ ކަމެއްވެސް ވާނީ ﷲ ތަޢާލާ އިރާދަކުރެއްވުމުންނެވެ. މީގެ އިތުރުން މައިންބަފައިން އެމީހުންގެ ދަރީންނަށް ތެދުމަގު ދެއްކެވުން އެދި އަބަދުވެސް ދުޢާ ކުރަން ވާނެއެވެ. 

ބަދު ދުޢާ ކުރުމަކީ ދަރީންނަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާ ކަމެކެވެ. ދަރީންނަށް ކުރާ ބަދު ދުޢާވެސް ﷲ ތަޢާލާ އިޖާބަކުރައްވަވަތެވެ. އެހެންކަމުން ބަދު ދުޢާ ކުރުމުން ރައްކާތެރިވާން ޖެހެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވަވާފައިވެއެވެ. 

لَا تَدْعُوا عَلَى أَنْفُسِكُمْ ، وَلَا تَدْعُوا عَلَى أَوْلادِكُمْ ، وَلَا تَدْعُوا عَلَى أَ

مْوَالِكُمْ ، لَا تُوَافِقُوا مِنْ اللَّهِ سَاعَةً يُسْأَلُ فِيهَا عَطَاءٌ فَيَسْتَجِيبُ لَكُمْ

މާނައީ: “ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރީންގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. ﷲ ގެ ޙަޟްރަތުގައި ކަމަކަށް އެދި އެވަޤުތުގައި ދެންނެވުމުން އިޖާބަކޮށްދެއްވާ ވަޤުތަކާ ދިމާ ނުވުމަށްޓަކައެވެ. ފަހެ، އެފަދަ ވަޤުތަކާ ދިމާވެއްޖެނަމަ އެދުޢާ ތިޔަބައިމީހުންނަށް އިޖާބަކުރައްވާނެއެވެ. "

ދަރީންނަށް ބަދު ދުޢާ ކުރުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ނަހީ ކުރައްވާފައިވެއެވެ. މުދަލާއި ނަފްސުތަކުގެ މައްޗަށްވެސް ބަދު ދުޢާ ކުރުން ނަހީ ކުރައްވާފައިވެއެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.  

( ثَلاثُ دَعَوَاتٍ يُسْتَجَابُ لَهُنَّ لا شَكَّ فِيهِنَّ : دَعْوَةُ الْمَظْلُومِ ، وَدَعْوَةُ الْمُسَافِرِ ، وَدَعْوَةُ الْوَالِدِ لِوَلَدِهِ )

މާނައީ "ތިން މީހެއްގެ ދުޢާ އިޖާބަވުމާމެދު ޝައްކެއްނެތެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއާއި،  ދަތުރުވެރިޔާގެ ދުޢާ އާއި ބައްޕަ ދަރިފުޅަށް ކުރާ ދުޢާއެވެ."  

ވީމާ ދަރިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތެއް ހޯދައިދޭން މަސައްކަތްކުރަމުން އެކަމަށް އެދިގެން ދުޢާކުރުން ގިނަކުރަންވާނެއެވެ. އަދި ނުބައި ބަސްތައް ބުނުމުން ދުރުހެލިވާންވާނެއެވެ.

މިއަދު އޮންލައިން