ހެޔޮލަފާ ޞާލިހުންދެކެ އެންމެންވެސް ލޯބވެއެވެ. އެކަމަކު އޭނާއަކީ ﷲ ތަޢާލާގެ މަގަށް ގޮވާލައި އިޞްލާޙަށް މަސްއްކަތްކުރަންފަށާ ހިސާބުން މީސްތަކުންގެ ތެރެއިން ބައަކު އޭނާދެކެ ނުރުހުންތެރިވެ ރުޅިއަންނަން ފަށައެވެ. ސަބަބަކީ ﷲ ތަޢާލާގެ މަގުގައި އިޞްލާޙަށް މަސައްކަތްކުރާމީހާ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ އެދުންތަކަކާއި ވިސްނުންތަކާއި ދެކޮޅުހަދާކަމެވެ.
ރަސޫލާ ﷺ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހްލުވެރިން އެކަލޭގެފާނުދެކެ ލޯބިވިއެވެ. ސަބަބަކީ އެކަލޭގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލަކަށްވުމުންނެވެ. ތެދުވެރި އަމާނާތްތެރިޔާގެ ލަގަބު ރަސޫލް ﷺ އަށް އެރުވީ އެމީހުންނެވެ. އެމީހުން އަމިއްލައަށެވެ. ނަމަވެސް އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމާއިއެކު އެބައިމީހުން އެކަލޭގެފާނާއި ދެކޮޅުވެގަތެވެ.
ސަބަބަކީ އެކަލޭގެފާނު އިޞްލާޙަށް މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެހިސާބުން އެކަލޭގެފާނަކީ ދޮގުވެރިއެކޭ ސިޙުރުވެރިއެކޭ ގޮވަންފެށިއެވެ.
ވީމާ ﷲ ތަޢާލާގެ މަގުގަި ޙައްޤުބަސްބުނާ އަޅުންނަށް ތަކްލީފްތައް ކުރިމަތިކުރުވާނެކަން ޤަބޫލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރާށެވެ! ނަޞްރާއި ކާމިޔާލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.
ހައްޤު މަގަށް ގޮވާލައި މީސްތަކުން އިޞްލާޙްކުރަން މަސައްކަތްކުރާނަމަ އެމީހަކު މަރުވާ ވަޤުތުން ފެށިގެން އެމީހަކަށް އޮތީ އުފާވެރިކަމެވެ. އެއުފާވެރިކަމަށް ނިމުމެއްވެސް ނެތެވެ. ﷲ ތަޢާލާގެ މަގު ދޫކޮށްލައި ހަމައެކަނި މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރާނަމަ އެމީހަކު މަރުވުމުން އޮތީ ނިމުމެއް ނެތް ހިތާމައެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައި ނުވުމަށެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެ ތިބުމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން