ޤުރްއާން ބާވައިލެއްވެވިއިރު ސައިންސްވެރިންނެއް ނެތެވެ. ޓެސްޓްތައް ހަދައި
ތަޙްލީލްތައްކުރާނެ ލެބޯޓްރީއެއްވެސް ނެތެވެ. އެކަން ކުރެވޭނެ ގޮތެއްވެސް ނެތެވެ. އެހެންކަމާއިއެކުވެސް ތަޙްލީލްތައް ކުރުމުން މިއަދު ޔަޤިންކަންލިބޭ އެއް ކަމަކީ އެއީ ފައިޑާހުރި އެއްޗެއްކަމަށް ޤުރްއާނުގައި ބަޔާންވެގެންވާ ކޮންމެ އެއްޗަކީވެސް ފައިޑާހުރި އެއްޗެއް ކަމެވެ.
ޤުރްއާނުގައިވާ މިފަދަ ތަކެތީގެ ތެރެއިން މާމުޔަށް ބަލައިލަމާ!
ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ދުނިޔޭގެ ގިނަ ބައަކު މިއަދު ބަލަނީ ކޮންމެ އަގެއް ދީފައި ނަމަވެސް ވީހައި ފެންވަރު ރަނގަޅު މާމުއި ހޯދުމަށެވެ. ކީރިތި ޤުރްއާން ޤަބޫލުނުކުރާ މާގިނަ މީހުން އެއިގެ ތެރޭގައި ހިމެނޭކަން ފާހަގަކުރަން ޖެހެއެވެ. އެނގެމުން މިދަނީ އެމީހުން ކީރިތި ޤުރްއާން ޤަބޫލުނުކުރިނަމަވެސް ކީރިތި ޤުރްއާނުގައިވާ މިފަދަ އެތައް ކަންކަމެއް އެމީހުން ޤަބޫލުކުރާކަމެވެ.
ކުޅަނދުރުތައް މޭވާފަދަތަކެތި ކައި އުޅެއެވެ. މާމަލުން ފޮނި ބޮއި އުޅެއެވެ. އެތަކެތި ކުޅަދުރުގެ
ބަނޑުން ނުކުންނަނީ އިންސާނުންނަށް ޝިފާ ލިބޭ ބުއިމެއްގެ ގޮތުގައެވެ. ބަލިތަކަށް ޝިފާ ލިބޭ ބޭހެއްގެ ގޮތުގައެވެ.
ރަސޫލް (ﷺ) އެންމެ ގިނައިން ފަރިއްކުޅުއްވެވި ތަކެތީގެ ތެރޭގައި މާމުއި، ކަދުރު، ބަރަބޯ އަދި ކިރު ހިމެނެއެވެ.
"ދެން ތިއަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިއަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބައަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ." (ނަޙްލް: 69)
ކީރިތި ޤުރްއާން ބާވައިލެއްވެވީ ކީގެ 1450 ވަރަކަށް އަހަރު ކުރިންނެވެ. ސައިންސްވެރިން ކިޔާ ބައަކު ނުވެސް ނެތް ޒަމާނެއްގައެވެ. ތަޙްލީލްކުރާނެ ލެބޯޓްރީއެއް ހުވަފެނުންވެސް ނުފެންނަ ޒަމާނެއްގަގައެވެ.
މާމުއިން ލިބޭފައިތަކުގެ ތެރޭގައި ފަސޭހައިން ފާރުހިކުމާއި ފިހޭތަންތަން ދަސޭހަވުންވެސް ހިމެނެއެވެ. އަދި އެންޓިބައޮޓިކެއްގެ ގޮތުގައިވެސް ބޭނުން ކުރެއެވެ. މާމުއިން ޞިއްޙަތަށް ލިބޭ އެތައް ބައިވަރު ފައިދާތަކެއް މިއަދު މިވަނީ ހޯދިފައެވެ. މިއަދުގެ ސައިންސްވެރިން އެއްބަސްވާ ގޮތުގައި ޞިއްހަތަށް އެކައްޗަކުން އެންމެ ގިނަ ފައިދާ ކުރާ އެއްޗަކީ މާމުއެވެ.
2017 ވަނަ އަހަރުގެ ހިސާބުތަކަށް ބަލައިފިނަމަ ދުނިޔޭގެ އެކި ޤައުމުތަކުގައި 1.9 މިލިއަން ޓަނުގެ މާމުއި ވަނީ އުފައްދައިފައެވެ. އެންމެ ގިނައިން މާމުއި އުފައްދާ ޤައުމަކީ މި އަދަދުގެ 29 އިންސައްތަ އުފެއްދި ޗައިނާއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން