ފަށްކުރުމެއް!: ޤުރައިޝުން ގެފުޅު އަލުން ބިނާކުރުމާ ﷲ ތަޢާލާ ރޯމުން ލަކުޑިއާ ވަޑިއަކު ފޮނުއްވެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ފަށްކުރުމެއް!: ޤުރައިޝުން ގެފުޅު އަލުން ބިނާކުރުމާ ﷲ ތަޢާލާ ރޯމުން ލަކުޑިއާ ވަޑިއަކު ފޮނުއްވެވުން

ޤުރައިޝުން ގެފުޅު އަލުން ބިނާކުރުން: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުމުރުފުޅުން 35 އަހަރުފުޅުގައި ޤުރައިޝުން ގެފުޅު އަލުން ބިނާކުރިއެވެ. މައްކާގެ ޙަރަމަށް ބޮޑު ސައިލެއް އަރައި ގެފުޅުގެ ފާރުތައް ބަލިކަށިވެ ވެއްޓެއް ކައިރިވެފައިވުމުން ޤުރައިޝުން އަލުން ގެފުޅު ބިނާކުރަން ނިންމީއެވެ. އެމީހުންގެ މެދުގައި ގެފުޅަށް ދެވިފައިވާ ޤަދަރެއްގެ ބޮޑުކަމުންނެވެ. އަދި ގެފުޅު ބިނާކުރުމަށްޓަކައި ޙަލާލް ގޮތުގައި ހޯދާފައިވާ މުދާ ފިޔަވައި އެހެން އެއްޗެއް ބޭނުން ނުކުރުމަށް އެމީހުން ނިންމިއެވެ.  

އެހެންކަމުން ހަށިވިއްކައިގެން ހޯދާފައިވާ ފައިސާއާއި ރިބާގެ މުޢާމަލާތްތަކުން ހޯދާފައިވާ މުދަލުންނާއި މީހުންގެ އަތުން އަނިޔާވެރިގޮތުގައި ފޭރިގެންފައިވާ މުދަލުން ގެފުޅު ބިނާކުރުމަށް ހޭދަ ނުކުރުމަށް އެމީހުން ނިންމިއެވެ. ގެފުޅު އަލުން ބިނާކުރުމަށްޓަކައި އޭރު ހުރި ފާރުތައް ތަޅާލަންޖެހުނެވެ. ނަމަވެސް ޤުރައިޝުންގެ މީހުން އެކަމާއި  ބިރުގަނެ ފަސްޖެހުނެވެ.  

މިހެން ތިއްބާ ވަލީދު ބުން މުޣީރަތުލް މަޚްޒޫމީ ކިޔާ މީހަކު ކޯރާޑިއެއް ހިފައިގެން އައިސްބުންޏެވެ. ﷲ ގަންދީބުނަމެވެ. އަހަރެން ހެވަކަށް މެނުވީ ނޭދެމެވެ. ދެން ގެފުޅު ތަޅަން ފެށިއެވެ. ދެން ޤުރައިޝުން މަންޒަރު ބަލަތިބެފައި ވަލީދަށް އެއްވެސް ނުބައިކަމެއް ދިމާ ނުވުމުން ޖެހިގެން އައިދުވަހު ކޯރާޑީތައް ހިފައިގެން އައިސް ގެފުޅު ތަޅަން ފަށައިފިއެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެޅުއްވި ބިންގަލާއި ހަމަޔަށް ދާންދެން ގުރައިޝުން ގެފުޅުތެޅިއެވެ. އަދި އެހާހިސާބުން ހުއްޓާލިއެވެ. އަދި ގެފުޅު ރޭނުމުގެ ކަންތައް ކުރިޔަށް ގެންދަނެގޮތެއް ނިންމިއެވެ. މިގޮތުން އެމީހުން ނިންމީ ކޮންމެ ޤަބީލާއަކުންވެސް ގެފުޅުގެ ވަކިތަންކޮޅެއް ރޭނުމަށެވެ. 

ކޮންމެ ޤަބީލާއަކުންވެސް އެބަޔަކު ރާނަންޖެހޭ ތަނަކަށް ވާ ވަރަށް ގާތައް އެއްކުރުމަށްފަހު ރާނަންފެށިއެވެ. އެމީހުން ރާނަމުންގޮސް ޙަޖަރުލް އަސްވަދު ހުންނަ ހިސާބަށް ފޯރުމުން ޙަޖަރުލް އަސްވަދު އޭގެ މަޤާމުގައި ބާއްވަން އެންމެ އައުލާކަން ބޮޑުވެގެންވަނީ ކާކަށް ކަމާއިމެދު އެމީހުންގެ މެދުގައި ޚިލާފު އުފެދިއްޖެއެވެ. އަދި މި ޚިޔާލުތަފާތުވުން އެތައްދުވަސްތަކަކަށް ދެމިގެން ހިނގައްޖެއެވެ. މިމައްސަލަ ބޮޑުވި މިންވަރަކީ ބަނޫ ޢަބްދުއްދާރާއި ބަނޫ ޢަދިއްޔު ދަރިކޮޅުގެ މީހުން ލެއިން ފުރިފައިވާ ރުނބައެއްގެ ތެރެޔަށް އަތް ލައި މަރުވަންދެން ހަނގުރާމަކުރުމަށް ހުވާވެސް ކުރިއެވެ. މިޙާލުގައު ޤުރައިޝުން މިމައްސަލައިގައި ގޮތެއް ނުނިންމިގެން 4 ރޭ ނުވަތަ 5 ރޭ ވަންދެން ތިއްބެވެ. 

ޤުރައިޝުންގެ މެދުގައި މަޝްވަރާކުރެވެމުންގޮސް ޚިޔާލެއް ހުށައެޅުނެވެ. އެ ޚިޔާލަކީ އެމީހުންގެ ތެރެއިން ޙުކުމް ކުރާނެ މީހަކު ކަނޑައެޅުމެވެ. އަދި އެމީހަކު ކުރާ ޙުކުމަކަށް އެންމެން ރުހުމެވެ. މިގޮތުން މިސްކިތުގެ ދޮރުން އެންމެ ފުރަތަމަ ވަދެގެން އަންނަ މީހަކާއި މި މައްސަލައިގައި ޙުކުމްކުރަން ޙަވާލުކުރާގޮތަށް އެމީހުން ނިންމިއެވެ. މިސްކިތުގެ ދޮރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަދެވަޑައިގެންނެވުމަށް ﷲ ތަޢާލާ އިރާދަކުރެއްވިހިނދު އެކަލޭގެފާނު ވަޑައިގެންފިއެވެ. ދެން ޤުރައިޝުންގެ މަޖުލީހާއި އެކަލޭގެފާނު ކައިރިވެވަޑައިގަންނަވާވަރަކަށް އެންމެންވެގެން "އަލްއަމީނޭ" "އަލްއަމީނޭ" ކިޔައި ގޮވައެވެ. އަދި ތިމަންނަމެން ރުހިއްޖެއީމޭވެސް އެމީހުން ބުންޏެވެ. އަދި އެއަށްފަހު ޙަޖަރުލް އަސްވަދު ބެހެއްޓުމުގެ މައްސަލައިގައި އެކަލޭގެފާނު ޙުކުމްކޮށްދެއްވުމަށް އެމީހުން އެދުނެވެ. ދެން އެކަލޭގެފާނު ޢަމަލުކުރެއްވިގޮތަކީ ރިދާއެއް ގެންނެވުމަށްފަހު އޭގެ މެދަށް ޙަޖަރުލް އަސްވަދު ލެއްވިއެވެ. އަދި ޤުރައިޝުންގެ މެދުގައި ޚިލާފުއުފެދިފައިވާ ޤަބީލާތަކުގެ އިސްވެރިން ލައްވައި ރިދާގެ ކަންކަނުގައި ހިއްޕަވައިގެން ގެފުޅާއި ހަމަޔަށް ޙަޖަރުލް އަސްވަދު އުފުލުވިއެވެ. އަދި އެހާ ހިސާބަށް އެމީހުންނަށް އާދެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދެއަތްޕުޅުން އެ ހިލަކޮޅު ނަންގަވައި އޭގެ މަޤާމުގައި އޭތި ބޭއްވިއެވެ. އަދި އެކަލޭގެފާނުގެ މި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަން ޤައުމުގެ އެންމެން ޤަބޫކޮށް ރުހިއްޖެއެވެ. 

އަދި ގެފުޅު ރާނާ ނުނިމެނީސް ޤުރައިޝުންގެ އަތުގައި ޙާލާލުގޮތުގައި ހޯދާފައިހުރި ލާރި ހުސްވެއްޖެއެވެ. އެހެންކަމުން ގެފުޅުގެ އުތުރު ފަރާތުން ބައެއް ފާރުގެ ބޭރަށްލިއެވެ. މިތަނަށް މިހާރު ކިޔަނީ ޙިޖުރެވެ. ގެފުޅުކައިރީގައި ވަށްކޮށް ހުންނަ ގާފޮޅަކީ މިތަނެވެ. މިތާގެ އެތެރޭގައިވާ ބިންކޮޅަކީ ގެފުޅުގެ ތެރެއިންވާ ތަންކޮޅެކެވެ. އަދި ޠަވާފުކުރާއިރު ބުރުއަޅަންވާނީ މި ގާފޮޅުގެ ބޭރުންނެވެ. ޤުރައިޝުން ގެފުޅު ބިނާކުރިއިރު ގެފުޅުގެ ދޮރުކޮޅުވެސ މައްޗަށް ޖެއްސިއެވެ. މިގޮތަށް ޢަމަލުކުރީ ހިތައްއެރި ކޮންމެ މީހަކަށް ގެފުޅަށް ނުވަދެވޭގޮތް ހެދުމަށްޓަކައެވެ. 15 މުށަށް ރޭނުމަށްފަހު ގެފުޅުގެ އެތެރޭގައި 6 ތަނބު ޖަހައި އޭގެ މައްޗަށް ގެފުޅުގެ ފުރާޅުއެޅިއެވެ. 

ގެފުޅު ރާނާ ނިމުނު ދުވަސްވަރު ރޯމް އިން ބޯޓެއް ފޮނުއްވުމަށް ﷲ ތަޢާލާ އިރާދަކުރެއްވިއެވެ. އަދި ޖިއްދާ އާއި ކައިރި ހިސާބެއްގައި އެ ބޯޓު ހަލާކުވިއެވެ. ދެން މިކަން އެނގިގެން އެބޯޓުން ލަކުޑި ހޯދުމަށް ޤުރައިޝުން ނިކުމެއްޖެއެވެ. އަދި އެމީހުން އެސަރަހައްދައް ދިޔައިރު އެ ބޯޓާއެކު ރޯމްގެ ވަޑާންކުރާ މީހަކުވެސް ވެއެވެ. އަދި އޭނާގެ ހުއްދައާއި އެކު އެމީހުން އެބޯޓުން ލަކުޑި ނެގިއެވެ. އަދި ލަކުޑިއާއި ވަޑާންކުރާ މީހާ ގޮވައިގެން މައްކާއަށްގޮސް އޭނާ ލައްވާ ގެފުޅުގެ މަތި ހެއްދިއެވެ. 

- ނުނިމޭ- 

-- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

މިއަދު އޮންލައިން