ޢަލީ އިޙްޞާން ފިރާޤް
ޔާސީންގެ މީސްތަކުން ނުވަތަ أصحاب القرية ގެ މީސްތަކުންނަކީވެސް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ޢިބްރަތްތެރި ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ، ޔާސީން ސޫރަތުގައެވެ. ބައެއް ތާރީޚު ލިޔުއްވުންތެރިން، އެބައިމީހުންނަށް ޔާސީންގެ އަހުލުވެރިންގެ ނަމުން ނަންދެއްވައިފައިވަނީ، އެބައިމީހުންގެ ވާހަކަ ޔާސީން ސޫރަތުގައި ބަޔާން ކުރައްވައިފައިވާ ކަމަށްޓަކައެވެ.
މިދެންނެވި، ޢިބްރަތްތެރި ވާހަކަ ފައްޓަވަމުން، އަރަހުށި މާތްﷲ، ޔާސީން ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ ﴿١٣﴾
މާނައީ: [ރަށެއްގެ أهل ވެރިންގެ ވާހަކަ مثال އެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް رسول ން ވަޑައިގަތްހިނދުގައެވެ.]
މި ދެންނެވި އާޔަތުގައި ނަންގެންވިގެންވާ ރަށުގެ ނަމަކީ، أنطاكية ކަމަށް ވަރަށް ވަރަށް ގިން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ސަލަފުންނާއި، ޚަލަފުންގެ މެދުގައި އެންމެ މަޝްހޫރުވެގެންވާ ގޮތަކީ އެއީ ކަމަށްވެސް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އެރަށުގެ ނަމަކީ أنطاكية ކަމަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ކަޢުބުލް އަޙްބާރާއި، ވަހަބު ބިން މުނައްބިހު ހިމެނިވަޑައިގަންނަވައެވެ.
ހަމަ އެބޭކަލުންގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. [ أنطاكية ގައި އޭރު ހުންނެވި ރަސްކަލަކީ انطيخس بن انطيخس އެވެ. އޭނާއަކީ ބުދަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އަރަހުށި މާތްﷲ، އޭނާގެ ގާތަށް ތިން ރަސޫލުން ފޮނުއްވިއެވެ. އެތިން ރަސޫލުންގެ ނަންފުޅަކީ صادق އާއި مصدوق އާއި شلوم އެވެ. ނަމަވެސް އޭނާ އެތިން ރަސޫލުންވެސް ދޮގުކުރީއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 11}
އެބައިމީހުންގެ ވާހަކަ އިތުރަށް ތަފްޞީލުކޮށް ދެއްވަމުން ޤުރްއާނުގެ، ޔާސީން ސޫރަތުގެ ސާދަ ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ ﴿١٤﴾
މާނައީ: [ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ދެ رسول ން ފޮނުއްވިހިނދެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ.]
شعيب الجبائي ވިދާޅުވެފައިވެއެވެ. [އެބައިމީހުންގެ ގާތަށް އެންމެ ފުރަތަމަ ފޮނުއްވުނު ދެ ރަސޫލުންގެ ނަންފުޅަކީ، شمعون އާއި يوحنا އެވެ. ތިންވަނަ ރަސޫލުގެ ނަންފުޅަކީ،بولص އެވެ. އަދި އެރަށަކީ أنطاكية އެވެ.] قتادة بن دعامة ވިދާޅުވެފައިވެއެވެ. [މި ރަސޫލުބޭކަލުންނަކީ، މަސީޙު ޢީސާގެފާނުގެ ފަރާތްޕުޅުން އެރަށުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމަށްޓަކައި، ވަޑައިގެންނެވި ބޭކަލުންނެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 179}
ކޮންމެއަކަސް، އެ ރަސޫލުބޭކަލުން ވަޑައިގެން އެރަށުގެ އަހުލުވެރިންނަށް ދެންނެވިއެވެ. [ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ.] އެރަށުގެ އަހުލުވެރިން ދެންނެވިއެވެ. [ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ.] {ޔާސީން 14-15}
ދެން، އެރަސޫލު ބޭކަލުން ވިދާޅުވިއެވެ. [ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންކަން، ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި بيان ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ.] އެބޭކަލުންގެ ވާހަކަފުޅުތައް އަޑުއަހައި، އެ ރަށުގެ މީސްތަކުން ދެންނެވިއެވެ. [ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަން ކަށަވަރެވެ.] {ޔާސީން 15-18}
އެރަށުގެ މީސްތަކުންގެ އިންޒާރުތަކާއި، ނުސިޔާނު ޖަވާބުތައް އަޑުއިވި ވަޑައިގަތުމުން، އެބޭކަލުން ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (حق ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.] {ޔާސީން،19}
ދެން، ކަންތައް ހިނގިގޮތް ބަޔާން ކުރައްވައި، ޤުރްއާނުގެ ޔާސީން ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ 27 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ ﴿٢٠﴾ اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ ﴿٢١﴾ وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ ﴿٢٢﴾ أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَـٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ ﴿٢٣﴾ إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ ﴿٢٤﴾ إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ ﴿٢٥﴾ قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ ﴿٢٦﴾ بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ ﴿٢٧﴾
މާނައީ: [އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ!ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ .އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ތިމަން ހިފަންވީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ.އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ކަޢުބުލް އަޙްބާރާއި، ވަހަބު ބިން މުނައްބިހުގެ އަރިހުން ރިވާވެގެންވެއެވެ. [އެ ރަށުގެ އަހުލުވެރިން އެބައިމީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުބޭކަލުންތައް ޤަތުލުކޮށްލުމަށް އުޅުނެވެ. އެ ޚަބަރު އިވުމުން ރަށުގެ ދުރުފަރާތުން މީހަކު ދުވެފައި އައިސް އެބައިމީހުން އެކަންތަކުން ދަފަރާކުރެވޭތޯ އުޅުނެވެ. އޭނާގެ ނަންފުޅަކީ حبيب އެވެ. އޭނާއަކީ ޖުޒާމު ބަލި ޖެހިފައިވާ މީހެކެވެ. ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ޞަދަޤާތް ކުރާ މީހެކެވެ. ސަލާމަތް ފިޠުރަތެއްގެވެރިއެއް މެއެވެ.] އެހެން ރިވާޔަތެއްގައި، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވަނީ، އޭނާގެ ފުރިހަމަ ނަންފުޅަކީ حبيبٌ النَّجَّار ކަމަށެވެ. އޭނާގެ ޤައުމުގެ މީސްތަކުން އޭނާ ޤަތުލުކޮށްލީކަމަށްވެސް، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 179}
ރިވާޔަތްތަކުން ޘާބިތުވަނީ، حبيبٌ النَّجَّار ރަށުގެ ދުރުފަރާތުން ދުވެފައި ވަޑައިގެން، އެ ރަށުގެ މީސްތަކުންނަށް ނަޞޭހަތް ދެއްވަން ފެއްޓެވުމުން އެބައިމީހުން އޭނާ ޤަތުލުކޮށްލީ ކަމަށެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ކަޢުބުލް އަޙްބާރާއި، ވަހަބު ބިން މުނައްބިހުގެ އަރިހުން ރިވާވެގެންވެއެވެ. [އެބައިމީހުންގެ އެންމެން އޭނާގެ ގައިކޮޅަށް އަރައިގަނެ، އޭނާ ޤަތުލުކޮށްލީއެވެ. އޭނާއަށް ރައްކާތެރިކަންދީ ޙިމާޔަތްކޮށްދޭނެ އެއްވެސް މީހަކު ނުވިއެވެ.] ޤަތާދާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. [އޭނާ މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ މިއަޅާގެ ޤައުމުގެ މީސްތަކުންނަށް ތެދުމަގު ދައްކަވާންދޭވެ. އެބައިމީހުންނަށް ހަމަ ނުވިސްނެނީއެވެ.] މިހެން އެކަލޭގެފާނު ދުޢާ ދަންނަވަން ފެށުމުން އެބައިމީހުން އެކަލޭގެފާނުގެ ގައިކޮޅަށް ހިލައުކަން ފަށައިފިއެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނު އަވަހާރަވިއެވެ. އޭރުވެސް އެކަލޭގެފާނު ހުންނެވީ އެބައިމީހުންގެ ހެވަށްޓަކައި ދުޢާ ދަންނަވަ ދަންނަވައެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 186-185}
މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުﷲ، ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [ އެ ޤައުމުގެ މީސްތަކުން، حبيبٌ النَّجَّار ގެ ގައިކޮޅަށް އެރިއެރީނުން އެކަލޭގެފާނުގެ ގޮހޮރު ނުކުމެގެން ދިޔައެވެ. އެވަގުތު މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. [ادْخُلِ الْجَنَّةَ ތިބާ ސުވަރުގެއަށް ވަންނާށެވެ.] ދެން، އެކަލޭގެފާނު ދުނިޔޭގެ އެންމެހައި، އަނިޔާތަކަކާއި، ހިތާމަޔާއި، ހިތްދަތިކަން ދޫކުރައްވައި، ސުވަރުގެއަށް ވަދެވަޑައިގެންނެވިއެވެ.]
{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 186}
އެރަށުގެ އަހުލުވެރިންގެ މިދެންނެވި ނުބައި ޢަމަލުގެ ސަބަބުންނާއި، ކާފިރުކަމުގައި ޙައްދު ފަހަނަ އަޅައި ދިޔުމުގެ ސަބަބުން، އަރަހުށި މާތްﷲ އެބައިމީހުންގެ ފަރާތުން އިންތިޤާމު ހިއްޕެވިއެވެ. އެބައިމީހުންގެ ފަރާތުން އިންތިޤާމު ހިއްޕެވުމަށް، އެކަލާނގެ ފޮނުއްވީ ގަދަފަދަ އަޑުފަށްގަނޑެކެވެ. މަލާއިކަތް ބޭކަލުންގެ ލަޝްކަރެއް ނޫނެވެ. މި ވާހަކައަށް އިޝާރާތް ކުރައްވައި ޔާސީން ސޫރަތުގެ 28 ވަނަ އާޔަތާއި، 29 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތްތަކެވެ.
وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ ﴿٢٨﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ ﴿٢٩﴾
މާނައީ: [އޭނާއަށްފަހު، ތިމަންރަސްކަލާނގެ އޭނާގެ قوم ގެމީހުންގެ މައްޗަށް އުޑުން (ملائكة ންގެ) لشكر އެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ (އެފަދަ لشكر އެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ.އެއުރެންގެ عقوبات އަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.]
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. [ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަރަހުށި މާތްﷲ، ޖިބްރީލުގެފާނު އެބައިމީހުންގެ ރަށަށް ފޮނުއްވެވިއެވެ. އެކަލޭގެފާނު ވަޑައިގެން އެރަށުގެ ދޮރާށިގެ ތަނބުތަކުގައި ހިއްޕަވައި، ބާރު އަޑުފުޅުން ހަޅޭފުޅު ލައްވައިގަތެވެ. އެކަމުގެ ސަބަބުން، އެބައިމީހުންގެ އެންމެންގެ ފުރާނަތައް ހަށިތަކާ ވަކިވެ އުދުހިގެން ހިނގައްޖެއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 186}
މިކަމެއް ދިމާވި ރަށަކީ أنطاكية ކަމަށާއި، އެރަށަށް ވަޑައިގެންނެވި ރަސޫލުބޭކަލުންނަކީ، ޢީސާގެފާނުގެ ފަރާތްޕުޅުން ވަޑައިގެންނެވި ބޭކަލުންކަމަށް ކުރިންވާނީ ދެންނެވިފައެވެ. އެއީ ޤަތާދާ ރަޙިމަހުﷲ އާއި އެނޫންވެސް ބައެއް ބޭކަލުން ވިދާޅުވެފައިވާ ފަދައިންނެވެ. ނަމަވެސް އިބްނު ކަޘީރު މި ރިވާޔަތަކީ، ބަލިކަށި ރިވާޔަތެއްކަމަށް ތިން ރޮނގަކުން ބަޔާން ކުރައްވައިފައިވެއެވެ.
އޭގެ ތެރެއިން ފުރަތަމަ ރޮނގަކީ، އެބައިމީހުންނަކީ، މަސީޙު ޢީސާގެފާނު ފޮނުއްވި ޙަވާރީންގެ ތެރެއިން ބޭކަލުންނަމަ، އެކަމަށް ޤުރްއާނުގައި އިޝާރާތް ކުރައްވައިފައިވީސްކަން ކަށަވަރެވެ. ނަމަވެސް މިވާހަކައިގެ، ސީޣާ އައިސްފައިވާ ގޮތުންނާއި، އާޔަތްތަކުގެ ޡާހިރީ މާނައިން އެބޭކަލުންނަކީ އެއްވެސް ވާޞިޠާއަކާ ނުލައި، މާތްﷲ ފޮނުއްވި ރަސޫލު ބޭކަލުންކަން ދޭހަވެއެވެ. އެގޮތުން إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ ﴿١٤﴾ އާޔަތުން ފެށިގެން وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ ﴿١٧﴾ ނިޔަލަށް ހުރި އާޔަތްތަކުން އެބޭކަލުންނަކީ ކަނޑައެޅިގެން މާތްﷲ ފޮނުއްވި ރަސޫލުބޭކަލުންކަން ދޭހަވެއެވެ.
މީގެ އިތުރަށް އެ ރަސޫލުބޭކަލުންނަކީ، މަސީޙު ޢީސާގެފާނުގެ ފަރާތްޕުޅުން ފޮނުއްވުނު ރަސޫލު ބޭކަލުންކަމުގައި ވަނީނަމަ، އެބައިމީހުންނަކަށް މި ދަންނަވާ ފަދައިން ބުނާކަށް ނުޖެހުނީ ހެވެ. قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَـٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ﴿١٥﴾ މާނައީ: [އެއުރެން ބުނޫއެވެ. ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ.]
އޭގެ ތެރެއިން ދެވަނަ ރޮނގަކީ، މަސީޙު ޢީސާގެފާނު ފޮނުއްވެވި ރަސޫލުބޭކަލުންގެ ބަސްތައް أنطاكية ގެ މީސްތަކުން ޤަބޫލުކުރިއެވެ. އެއީ އެންމެ ފުރަތަމަ، ޢީސާގެފާނަށް އީމާންވި މީސްތަކުންގެ ރަށެވެ. އެރަށަކީ، ކްރިސްޓިޔަން ފާދަރުން ޢައްޔަން ކުރެވިފައިވާ ބޮޑެތި ބޮޑެތި ހަތަރު ރަށުގެ ތެރެއިން އެއްރަށެވެ. އޭގެ ތެރެއިން ހިމެނޭ ފުރަތަމަ ރަށަކީ، ބައިތުލް މަޤުދިސެވެ. އެރަށަކީ ޢީސާގެފާނުގެ އަމިއްލަފުޅު ވަޒަނެވެ. ދެވަނަ ރަށަކީ ކުރިން ދެންނެވުނު أنطاكية އެވެ. އެރަށަކީ ޢީސާގެފާނަށް އެންމެ ފުރަތަމަ އީމާންވި މީސްތަކުން އުޅުނު ރަށެވެ. ތިންވަނަ ރަށަކީ، އިސްކަންދަރިއްޔާއެވެ. އެރަށަކީ، ނަޞާރާއިންގެ ދީނީ ފަނޑިޔާރުންނާއި، ރާހިބުންނާއި، ނާއިބުން ޢައްޔަން ކުރުމަށް އެއްބަސްވެފައިވާ ރަށެވެ. ހަތަރު ވަނަ ރަށަކީ ރޫމިއްޔާއެވެ. އެރަށަކީ، ނަޞާރާއިންގެ ދީނަށް ނަޞްރުދިނުމަށްޓަކައި، އެންމެ ބޮޑަށް އަތްބާރު އަޅައިދިން ރަސްގެފާނު قسطنطين ހުންނަވާ ރަށެވެ. އޭނާ قسطنطينية ބިނާކުރުމަށްފަހު އެތަނަށް ނަޤުލުވެވަޑައިގަތުމުން، ކްރިސްޓިޔަން ފާދަރުންވެސް އައިސް އެތަނުގައި ވަޒަންވެރިވިއެވެ. މި ވާހަކަތައް ނަޞާރާއިންގެ ތާރީޚު ޢިލްމަށް މަޝްހޫރު سعيد بن بطريق އާއި އެނޫންވެސް މީހުން ބަޔާންކޮށްފައިވެއެވެ. މި ދެންނެވި ވާހަކަތަކަށް ބަލާއިރު أنطاكية ގެ މީސްތަކުންވަނީ މަސީޙު ޢީސާގެފާނު ފޮނުއްވެވި ރަސޫލުންނަށް އީމާންވެފައެވެ. ނަމަވެސް ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ވާހަކައިގެ މީސްތަކުންވަނީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުބޭކަލުން ދޮގުކޮށްފައެވެ. އޭގެ ސަބަބުން އަރަހުށި މާތްﷲ ވަނީ އެބައިމީހުން ހަލާކު ކުރައްވައިފައެވެ.
ތިންވަނަ ރޮނގަކީ، أنطاكية އަށް ޢީސާގެފާނުގެ ޙަވާރީން ވަޑައިގެންނެވީ ތައުރާތު ބާވައިލެއްވުމުގެ ފަހުންނެވެ. ނަމަވެސް އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހާއި، ސަލަފުންގެ ބޭކަލުން ވިދާޅުވާ ގޮތުގައި، ތައުރާތު ބާވައިލެއްވުމުގެ ފަހުގައި، އަރަހުށި މާތްﷲ، އެއްވެސް ބަޔެއްގެ މައްޗަށް ޢަޛާބެއް ފޮނުއްވައިގެން ހަލާކު ކުރައްވައިފައެއް ނެތެވެ، ނަމަވެސް އެކަލާނގެ މުއުމިނުންނަށް އަމުރު ކުރައްވައިފައިވަނީ، ކާފިރުންނާ ހަނގުރާމަކޮށް އެބައިމީހުން ބަލިކުރުމަށެވެ. މި ބޭކަލުންގެ ދަލީލަކީ ޤަޞަޞު ސޫރަތުގެ 43 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިނެވެ.
وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣﴾
މާނައީ: [އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.]
އެހެންކަމުން، މިދެންނެވި ދަލީލުތަކަށް ބުރަވާއިރު، ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ރަށަކީ، أنطاكية ނޫން ކޮންމެވެސް އެހެން ރަށެކެވެ. ނުވަތަ އެއީ أنطاكية އޭ ކިޔުނު އެހެން ރަށެއްގެ މީސްތަކުންނެވެ. ޢީސާގެފާނު ޙަވާރީން ފޮނުއްވައިގެން އިސްލާމް ކުރުވި أنطاكية އެއް ނޫނެވެ. އެހެނީ، އެންމެންގެ ތެރޭގައި މަޝްހޫރު أنطاكية ޢީސާގެފާނުގެ ކުރީންވެސް އަދި ފަހުންވެސް ހަލާކު ކުރެއްވި ކަމަކަށް ދަލީލުކުރާ އެއްވެސް ދަލީލެއްނެތެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 190}
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް