ބުރަމަސައްކަތުން ކުރާ އަޅުކަން ގެއްލި މީޒާން ތިމާއާ ދެކޮޅަށް ބުރަވާނެ މީހަކަށް ނުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ބުރަމަސައްކަތުން ކުރާ އަޅުކަން ގެއްލި މީޒާން ތިމާއާ ދެކޮޅަށް ބުރަވާނެ މީހަކަށް ނުވަމާ!

އަޅުގަނޑުމެންގެ ތެރެއިން ސުވަރުގެ އެދިގެން އަޅުކަންކުރާ މީހުންގެ ތެރޭގައިވެސް ތިމާކުރި އަޅުކަން ގެއްލި މީޒާން ތިމާއާއި ދެކޮޅަށް ބުރަވުމުގެ ފުރުޞަތު ބޮޑު ގިނަ ބައަކު އެބަ އުޅެއެވެ. އެހެންވެ މިގެނެސްދެނީ ހޭލުންތެރިވެލެއްވުން އެންމެ މުހިންމު ކަންތަކެވެ.   

ޣީބަ ބުނުމުގެ ނުބައިކަން ބަޔާން ކުރައްވަމުން އިބްނު ޙަޖަރުލް ޙައިޘަމީ ރަހިމަހުﷲ ވިދާޅު ވެފައި ވެއެވެ.  

” ހަމަކަށަވަރުން ޣީބަބުނުމަކީ އެކަމަކަށް ބޮޑުވެގެންވާ އަޛާބު ހުރިކަމެކެވެ. އަދި އެކަމަކީ ވަރުގަދަ ވެގެންވާ ގެއްލުމާއި ހަލާކު ހުރިކަމެކެވެ. އަދި ޣީބައަކީ އެންމެ ނުބައި ވެގެންވާ، ރިބާ ކަމުގައި ސައްހަ މަގުން ޘާބިތުވެގެން ވެއެވެ. ޣީބަ، ކަނޑުގެ ފެނާއި އެކުވެއްޖެ ކަމުގައި ވަނީނަމަ އެކަނޑެއް ކުނިވެ، ވަސް ތަޣައްޔަރު ވެދާފަދަ ނުބައި އެއްޗެކެވެ. އަދި ޣީބައިގެ އަހުލުވެރިންނަށް ނަރަކައިގައި، ކާންދެވޭނީ ކުނިވެފައިވާ ތަކެއްޗެވެ. އަދި އެބައި މީހުނަށް ގަބުރު ގައިވެސް އަޛާބު ދެވޭ ހުއްޓެވެ. ޣީބައަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެއްކަމުގައި ވުމުގެ ސަބަބަކަށް މިކަންކަން ވެސް ފުދެއެވެ." 

ޣީބަ ބުނުމުގައި ތިމާގެ އަގުހުރި ވަގުތުތައް ނަގާލާ މީހަކީ، އީމާން ކަމުގެ މީޒާނުގައި ބުރަދަނެއް ނެތް، ބަލިކަށި، މޮޔަޔަކަށް ނުނީ ނުވާނެއެވެ. އަދީ އޭނާ އެކުރަނީ ގެއްލުމާއި، ހަލާކު ހުރި ވިޔަފާރި އެކެވެ. އެކަމުގެ ސަބަބުން އެމީހާގެ ހެޔޮކަންތައް ހުސްވެ އޭގެ ބަދަލުގައި ނުބައި ކަންކަމުން އޭނާގެ މީޒާން ފުރިގެން ދެއެވެ. އެފަދަ މީހުންގެ މިސާލަކީ މެހީގެ މިސާލެވެ. މެއްސަކީ ވެސް ތާޒާ ކާތަކެތި ދޫކޮށް ކުނިވެ މުޅަވެފަ ހުއްނަ ތަކެތި ހޯދައި އެތަކެއްޗަށް ޖައްސާ އެއްޗެކެވެ. 

އެފަދައިން ޣީބަ ބުނުމަށް ޢާދަވެފައި ހުއްނަ މީހަކަށް މީސްތަކުންގެ ހެޔޮކަމެއް، އަދި ހެޔޮ ސިފައެއް ނުފެއްނަފަދައެވެ. އޭގެބަދަލުގައި މީސްތަކުނަށް ކުރެވޭ ގޯސް ކަންތައްތަކާއި، އެބައި މީހުންގެ ޢައިބު ތައް ނޫނީ ނުފެނެއެވެ. ހެޔޮކަމެއްގެ ބަދަލުގައި އަބަދުވެސް ކޮންމެސް ނުބައި ކަމެއްގެ ވާހަކަ ދެއްކުމުގައި އެބައި މީހުން އަވަދިނެތި އުޅެއެވެ. ނަމަވެސް މިކަމަކީ މުސްލިމަކު އޭނާގެ އަޚާއަށް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.  

ރަސޫލުﷲ صلى الله عليه و سلم ހަދީޘް ކުރައްވާފައި ވެއެވެ.

((كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ)) [رواه مسلم]

މާނައީ: "ކޮންމެ މުސްލިމެއްގެ މައްޗަށްވެސް، އަނެއް މުސްލިމެއްގެ ލެޔާއި، މުދަލާއި އަބުރު ޙަރާމްވެގެންވެއެވެ." 

ޣީބައަކީ ހަމައެކަނި ބުނެލާ ބަހަކުން ކުރެވޭ ކަމެއްނޫނެވެ. ނަމަވެސް އިޝާރާތުންނާއި، ހަނާއެޅުމާއި، މީހެއްގެ ހުރި އުނިކަމަކަށް ފާޑު ކިޔުމާއި، ލިޔުމުންނާއި، ކުރެވޭ ހަރަކާތުންވެސް ޣީބައިގެ މަގްސަދެއް އެކަމުގައި ވާނަމަ އެކަންކަން ޣީބައިގެތެރެއަށް ވަދެގެން ދެއެވެ. 

( دخلت علينا امرأة فلما ولَّت أومأت بيدي أنها قصيرة، فقال رسول الله : “اغتبتيها”) . 

އާއިޝާ رضي الله عنها ކިބައިން ރިވާވެގެން ވެއެވެ. ތިމަންކަމަނާގެ އަރިއަހަށް އަންހެން ބޭކަނބަލަކު ވަޑައިގަތެވެ. ދެންފަހެ އެކަނބުލޭގެ ދިއުމުން އެއީ ކުރު ބޭކަނބަލެއް ކަމުގައި ބުނުމަށް، ތިމަންކަމަނާ އަތުން އިޝާރާތެއް ކުރެއްވީމެވެ. އެހިނދު ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "ކަމަނާ އެ އަންހެނާގެ ޣީބަ ބުނެފިއެވެ."

(މިހަދީޘުން އެނގިގެން ދާގޮތުގައި އުއްމުލް މުއްމިނީނަ ޢާއިޝާ ރަޟިޔައްﷲ އަންހާ އެކަމަނާއަށް ނޭނގުމެއްގައި އެކުރެވުނު އިޝާރަތަކީ ވެސް ޣީބައިގެ ތެރެއިން ހިމެނިގެން ދިޔަ ކަމެއްކަމެވެ. ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމަ އެކަމަނާއަށް އެކަން ބަޔާން ކޮށްދެއްވިއެވެ.) 

=ނުނިމޭ= 

- އައްޝައިޚް އަޙްމަދު ޚާލިދް  

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް

 

މިއަދު އޮންލައިން