ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ މުމްތަޙިނާ ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِن شَيْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ﴿٤﴾
މާނައީ: إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ. إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަފުއްސެވުންއެދި ތިމަންކަލޭގެފާނު دعاء ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) اللَّه ގެ حضرة ން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (4)
އިބްރާހީމްގެފާނަކީ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ގާތަށް ދީނަށް ގޮވާލެއްވުމަށް ފޮނުއްވެވި ބޭކަލެކެވެ. ނަމަވެސް އެބައިމީހުން އިބްރާހީމްގެފާނުގެ ދަޢުވަތު ޤަބޫލެއް ނުކުރިއެވެ. ދަޢުވަތު ޤަބޫލު ނުކުރި މީހުންގެ ތެރޭގައި އިބްރާހީމްގެފާނުގެ ބައްޕާފުޅުވެސް ހިމެނެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ޤައުމުގެ މީހުން ދަޢުވަތު ޤަބޫލު ނުކުރުމުންވެސް އޯގާތެރިކަމާއެކު އެބައިމީހުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރެއްވިއެެވެ.
އެގޮތުން މުމްތަޙިނާ ސޫރަތުގެ 4 ވަނަ އާޔަތުން ވެސް އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އިބްރާހީމް ޢަލައިހިއްސަލާމް ވަރަށް އޯގާތެރިކަމާއެކު އެބައިމީހުންނަސް ވިސްނައި ދެއްވަމުން ގެންދެވިއެެވެ. އަދި ބައްޕާފުޅު ވެސް ދަޢުވަތު ޤަބޫލު ނުކުރުމުން ބައްޕާފުޅާ އޮންނަ ގުޅުން ކަނޑައެއް ނުލައްވައެވެ. ނަމަވެސް ވިސްނައި ދެއްވަން މަސައްކަތް ކުރެއްވިއެވެ.
ދެވަނައަށް މިއާޔަތުން ލިބޭ ފައިދާއަކީ ޙައްޤުގެ މަގަށް މަގުދައްކައިދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރަން ޖެހޭނީ ގާތްތިމާގެ މީހުންނަށެވެ.
އެގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ތަޙްރީމް ސޫރަތުގެ 6 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. (6)
މީގެ އިތުރުން އިބްރާހީމް ޢަލައިހިއްސަލާމް އަކީ އުލްލް ޢަޒްމުގެ ބޭކަލުންގެ ތެރެއިން ބޭކަލަކަށެވެ.
ﷲ ތަޢާލާ އަޙްޤާފް ސޫރަތުގެ 35 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ﴿٣٥﴾
މާނައީ: "ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعد ކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسق ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ. (35)"