ޢަލީ އިޙްޞާން ފިރާޤް
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ތިރުމިޒީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
"މާތްالله سبحانه وتعالى ބިންގަނޑު ހެއްދެވުމުން އެބިންގަނޑު ތެޅިފޮޅިގަތެވެ. ދެން އެކަލާނގެ ފަރުބަދަތައް ހައްދަވައި އެފަރުބަދަތަކަށް ވަޙީ ކުރެއްވިއެވެ. އެބިންގަނޑަށް ޘާބިތުކަން ދޭށެވެ. އެހިނދު އެބިންގަނޑުގެ ތެޅިފޮޅުން ހުއްޓި ޘާބިތުވެއްޖެއެވެ. މިތަންދެކެ، މަލާއިކަތްބޭކަލުން އަޖާއިބުފުޅުވެވަޑައިގެން އުޅުއްވެވިއެވެ. އެބޭކަލުން މާތްﷲ ގެ ޙަޟްރަތުގައި ދެންނެވިއެވެ. [އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ. ފަރުބަދައަށް ވުރެ ވަރުގަދަ މަޚްލޫޤެއް އިބަރަސްކަލާނގެ މަޚްލޫޤުތަކުންގެ ތެރެއިން ވޭތޯއެވެ؟] ވަޙީ ކުރެއްވިއެވެ. [އާއެކެވެ. އެއީ ދަގަނޑެވެ.] މަލާއިކަތް ބޭކަލުންދެންނެވިއެވެ. [އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ. ދަގަނޑަށްވުރެ ވަރުގަދަ މަޚްލޫޤެއްވޭތޯއެވެ؟] ވަޙީ ކުރެއްވިއެވެ. [އާއެކެވެ. އަލިފާނެވެ.] މަލާއިކަތް ބޭކަލުންދެންނެވިއެވެ. [އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ. އަލިފާނަށްވުރެ ވަރުގަދަ މަޚްލޫޤެއްވޭތޯއެވެ؟] ވަޙީ ކުރެއްވިއެވެ. [އާއެކެވެ. ފެނެވެ.] މަލާއިކަތް ބޭކަލުންދެންނެވިއެވެ. [އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ. ފެނަށްވުރެ ވަރުގަދަ މަޚްލޫޤެއްވޭތޯއެވެ؟] ވަޙީ ކުރެއްވިއެވެ. [އާއެކެވެ. ވަޔެވެ.] މަލާއިކަތް ބޭކަލުންދެންނެވިއެވެ. [އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ. ވަޔަށްވުރެ ވަރުގަދަ މަޚްލޫޤެއްވޭތޯއެވެ؟] ވަޙީ ކުރެއްވިއެވެ. [އާއެކެވެ. އާދަމުގެދަރިޔާ އޭނާގެ ކަނާއަތުން ދޭ ޞަދަޤާތް ވާއަތަށްވެސް ނޭނގޭގޮތަށް ދޭނަމަ އެއީ ވަޔަށްވުރެ ވަރުގަދަ އެއްޗެކެވެ.]
{جامع الترمذي/كتاب تفسير القرآن عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 3369/ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ.}
އުޑުތަކާއި ބިން ހެއްދެވުމަށްފަހު، މާތްالله سبحانه وتعالى މިބިންމަތީގައި ތަފާތު ބާވަތްބާވަތުގެ ގަސްގަހާގެއްސާއި ފަތްޕިލާވެލި ފެޅުއްވިއެވެ. ތަފާތު ބާވަތްތަކުގެ ކުލަތައް ތަފާތު މޭވާތަށް އަޅާ ގަސްތަށްފެޅުއްވިއެވެ. ފެންކޯރުތަކާއި ފެންއާރުތައް މިބިންމަތީގައި ހިންގެވިއެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއް ނަޙްލުގެ ދިހަވަނަ އާޔަތާއި، އެގާރަވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
هُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ﴿١٠﴾ يُنبِتُ لَكُم بِهِ الزَّرْعَ وَالزَّيْتُونَ وَالنَّخِيلَ وَالْأَعْنَابَ وَمِن كُلِّ الثَّمَرَاتِ ۗإِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿١١﴾
މާނައީ: "ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ. އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، فكر ކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ."
މިދެންނެވި ފަދައިން، މާތްالله سبحانه وتعالى އިންސާނުންނާއި ޖަނަވާރުންނަށް އެތަކެތީގެ ރިޒްޤު ހޯދޭނެފަދަ ގޮތްތައް މި ބިންމަތީގައި ލެއްވިއެވެ. ކީރިތި ޤުރުއާނުގެ އިބްރާހީމު ސޫރަތުގެ 31 ވަނަ އާޔަތުން 33 ވަނަ އާޔަތުގެ ނިޔަލަށް މާތްالله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ.
اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ الْفُلْكَ لِتَجْرِيَ فِي الْبَحْرِ بِأَمْرِهِ ۖ وَسَخَّرَ لَكُمُ الْأَنْهَارَ ﴿٣٢﴾ وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾ وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗإِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴿٣٤﴾
މާނައީ: "اللَّه އީ، އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ވާރޭ ވެއްސެވިއެވެ. ފަހެ، އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް رزق އެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެކަލާނގެ إذن ފުޅާއެކު، އެ ތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށްޓަކައި ނާފަހަރު خدمة ތެރި ކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ކޯރުތައް خدمة ތެރިކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ. އަދި އެކަލާނގެ حضرة އަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكر ކުރުން ނެތްމީހެކެވެ."
މި ބިމުގައި މާތްالله
سبحانه وتعالى ލައްވައިފައިވާ، އެންމެހައި ތަކެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްޓަކައެވެ. އެތަކެތީގެ ބޭނުން ޝަރީޢަތުގައި ހުއްދަކުރައްވާފައިވާ ފަދައިން ބޭނުން ކުރުމަށްޓަކައެވެ. ބިމުގައިލެއްވި ތަކެތި ހެޔޮގޮތުގައި ބޭނުންކޮށް އެ ނިޢުމަތައް ޝުކުރުވެރިވުމަށްޓަކައެވެ.
- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް