ފަށްކުރުމެއް!: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުދިންބޭކަލުންނާއި ލިޔުއްވާބޭކަލުންނާއި ސަފީރުބޭކަލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 51ސ
ފަށްކުރުމެއް!: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުދިންބޭކަލުންނާއި ލިޔުއްވާބޭކަލުންނާއި ސަފީރުބޭކަލުން-

މުދިންބޭކަލުން: 

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަތަރު މުދިންބޭކަލުން ތިއްބެވިއެވެ. މިބޭކަލުންގެ ވަޟީފާއަކީ ބަންގި ގޮވުމެވެ. މިބޭކަލުންނަކީ، މަދީނާގައި ބިލާލް –ރަޟިޔަﷲ ޢަންހު- އާއި އިބްނު އުއްމު މަކްތޫމް –ރަޟިޔަﷲޢަންހު- އެވެ. އަދި މައްކާގައި އަބޫ މަޙްޒޫރާ –ރަޟިޔަﷲޢަންހު- އެވެ. އަދި ޤުބާގައި ސަޢްދުލް ޤަރަޡު –ރަޟިޔަﷲޢަންހު- އެވެ. 

ލިޔުއްވާބޭކަލުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށްގިނަ ލިޔުއްވާ ބޭކަލުން ތިއްބެވިއެވެ. އޭގެތެރޭގައި ހަތަރު ޚަލީފާއިން ހިމެނި ވަޑައިގަންނަވައެވެ. އެއީ އަބޫބަކުރު –ރަޟިޔަﷲޢަންހު- އާއި ޢުމަރު ބުނުލް ޚައްޠާބު –ރަޟިޔަﷲޢަންހު- އާއި ޢުޘްމާން ބުން ޢައްފާން –ރަޟިޔަﷲޢަންހު- އާއި ޢަލީ ބިން އަބީޠާލިބު –ރަޟިޔަﷲޢަންހު- އެވެ. އަދި މުޢާވިޔާ ބުން އަބީ ސުފްޔާން –ރަޟިޔަﷲޢަންހު- އާއި ޒައިދު ބުން ޘާބިތު –ރަޟިޔަﷲޢަންހު- އާއި ޢާމިރު ބުން ފުހައިރާ  –ރަޟިޔަﷲޢަންހު- އާއި ޢަބްދުﷲ ބުން އަލްއަރްޤަމް އައްޒުހުރީ –ރަޟިޔަﷲޢަންހު- އާއި އުބައްޔު ބުން ކަޢުބު –ރަޟިޔަﷲޢަންހު- ޘާބިތު ބުން ޤައިސް ބުން ޝައްމާސް –ރަޟިޔަﷲޢަންހު- އާއި ޚާލިދު ބުން ސަޢީދު ބުނުލް ޢާޞް –ރަޟިޔަﷲޢަންހު- އާއި ޙަންޡަލާ ބުން އައްރަބީޢު އަލްއަސަދީ –ރަޟިޔަﷲޢަންހު- އާއި ޝުރަޙްބީލް ބުން ޙަސަނަތު –ރަޟިޔަﷲޢަންހު- ވެސް އިތުރު އެކަލޭގެފާނުގެ ލިޔުއްވާ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މީގެތެރޭގައި ލިޔުއްވުމުގައި އަރާތިއްބެވި ބޭކަލުންނަކީ މުޢާވިޔާ ބިން އަބީ ސުފްޔާން –ރަޟިޔަﷲޢަންހު- އާއި ޒައިދު ބުން ޘާބިތު –ރަޟިޔަﷲޢަންހު- އެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުންނާއި އެކަލޭގެފާނުގެ ސަފީރު ބޭކަލުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްޕުޅު ތަކާއި މެސެޖުފުޅުތައް ރަށްރަށުގެ މަލިކުންނަށް ފޮނުއްވުމަށްޓަކައި އެކަލޭގެފާނުގެ ރަސޫލުންނާއި ސަފީރުބޭކަލުން ތިއްބެވިއެވެ. އެއީ ރަށްރަށުގެ ރަސްރަސްކަލުންނަށް އިސްލާމްދީނަށް ގޮވާލެއްވުމަށްޓަކައެވެ. 

މިގޮތުން ޙަބުޝްކަރައިގެ ރަސްގެފާނު ނަޖާޝީ ގެ އަރިހަށް  ޢަމްރު ބުން އުމައްޔަތު އައްޟަމްރީ –ރަޟިޔަﷲޢަންހު- ފޮނުއްވިއެވެ. އަދި އޭގެފަހުން ނަޖާޝީ އިސްލާމްވެވަޑައިގެންނެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ މައްޗަށް ޣައިބުގައި ކަށުނާމާދު ކުރެއްވިއެވެ. 

އަދި ދިޙްޔަތު ބުން ޚަލީފަތުލް ކަލްބީ –ރަޟިޔަﷲޢަންހު- ހިރަޤުލްގެ ގާތަށް ފޮނުއްވިއެވެ. އަދި އެކަލޭގެފާނު ހިރަޤުލް އަށް ދީނަށް ގޮވާލެއްވުމުން އެ ގޮވާލެއްވުމަކީ ޙައްޤު ގޮވާލެއްވުމެއްކަން ހިރަޤުލް އަށް ފަހުމްވިއެވެ. އެހެން ނަމަވެސް ހިރަޤުލްގެ ޤައުމުގެ މީހުން ހިރަޤުލްއާއި އެއްބަސްނުވުމުގެ ސަބަބުން އިސްލާމްވުމުން އެކަހެރިވެގަތެވެ. ހިރަޤުލްއަކީ ރޯމަނުންގެ ރަސްގެފާނެވެ. 

އަދި ޢަބްދުﷲ ބުން ޙުޒާފާ އައްސަހްމީ –ރަޟިޔަﷲޢަންހު- ، ފާރިސްކަރައިގެ ރަސްގެފާނު ކިސްރާގެ ގާތަށް ފޮނުއްވިއެވެ. އެހެން ނަމަވެސް ކިސްރާ ބޮޑާވެގަނެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވި ސިޓީފުޅު ވީދާލިއެވެ. ދެންފަހެ ﷲ ތަޢާލާ ކިސްރާގެ ވެރިކަމާއި އޭނާގެ ޤައުމުގެ ބާރުކަނޑުވާލައްވައި ބަލިކުރެއްވިއެވެ. 

އަދި އިސްކަންދަރިއްޔާ އާއި މިޞްރުގެ ރަސްގެފާނު އަލްމަޤޫޤިސް ގެ ގާތަށް ޙާޠިބު ބިން އަބީ ބަލްތަޢަތު އައްލުޚްމީ -ރަޟިޔަﷲޢަންހު- ފޮނުއްވިއެވެ. އަދި އެކަލޭގެފާނު ދީނަށްގޮވާލެއްވުމުން އެއީ ހެޔޮވާހަކަތަކެއް ކަމުގައި އޭނާ ބުންޏެވެ. އަދި އިސްލާމްދީނާ ގާތްވިއެވެ. އެހެނެއްކަމަކު އިސްލާމްދީން ޤަބޫލްކުރުމުން އެއްކިބާވިއެވެ.

އަދި ޢުއްމާންގެ ދެ ރަސްކަލުންގެ އަރިހަށް ޢަމްރު ބުނުލް ޢާޞް –ރަޟިޔަﷲޢަންހު- ފޮނުއްވިއެވެ. އަދި މިދެރަސްކަލުން އިސްލާމްވެވަޑައިގަނެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތު ޤަބޫލުކުރެއްވިއެވެ. 

އަދި ސަލީޠު ބުން ޢަމްރު އަލްޢާމިރީ –ރަޟިޔަﷲޢަންހު- ޔަމާމާއަށް ފޮނުއްވިއެވެ. އެއީ ހަވްޒަތު ބިން ޢަލީ އަލްޙަނަފީގެ ގާތަށެވެ. އޭނާ އަކަލޭގެފާނާއި ބައްދަލުކުރައްވައި ހެޔޮކޮށް ހިއްތެވިއެވެ. އެހެންނަމަވެސް އިސްމްވްވުމާއި ދުރުވެގަތެވެ. 

އަދި ޝާމްކަރައިގެ ބިމުގައިވާ ބަލްޤާއު ކިޔާރަށުގެ ރަސްގެފާނު އަލްޙާރިޘް ބުން އަބީ ޝަމިރު އަލްޣަސާނީ ގެ ގާތަށް ޝުޖާޢު ބުން ވަހްބު އަލް އަސަދީ -ރަޟިޔަﷲޢަންހު- ފޮނުއްވިއެވެ. އޭނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޓީފުޅު ކިޔުމަށްފަހު އެ ސިޓީފުޅު އުކާލިއެވެ.

އަދި ޔަމަނުގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްކަމުގައިވާ އަލްޙާރިޘް އަލްޙުމައިރީ ގެ ގާތަށް އަލްމުހާޖިރު ބުން އަބީ އުމައްޔާ އަލްމަޙްޒޫމީ –ރަޟިޔަﷲޢަންހު- ފޮނުއްވެވިއެވެ. އެ ރަސްގެފާނު އިސްލާމްދީނަށް ވަނުމާމެދު ހަދާނެގޮތެއް ނޭނގި ދީނަށް ވަނުމުން ދުރުހެލިވިއެވެ. 

އަދި ބަޙްރައިންގެ ރަސްގެފާނު އަލްމުންޒިރު ބުން ސާވާ އަލްޢަބްދީ ގެ އަރިހަށް އަލްޢަލާއު ބުން އަލްޙަޟަރުމީ ފޮނުއްވެވިއެވެ. އަދި އެރަސްގެފާނު އިސްލާމްދީން ޤަބޫލްކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރަސޫލުކަން ތެދުކުރެއްވިއެވެ. 

އަދި އަބޫ މޫސަލް ޢަޝްޢަރީ -ރަޟިޔަﷲޢަންހު- އާއި މުޢާޒު ބުން ޖަބަލް -ރަޟިޔަﷲޢަންހު-، ޔަމަނުގެ ޢާއްމުންނަށް ދީނަށް ގޮވާލައި ދީން އުގަންނަވައި ދިނުމަށްޓަކައި ފޮނުއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔަމަނުގެ ޢާމުންނާއި އެތަނުގެ ރަސްރަސްކަލުން އެއްވެސް ހަނގުރާމައަކާއި ނުލާ އިސްލާމްދީނަށް ވެންނެވިއެވެ. 

ޚާދިމުން: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންތައްތައް ކޮށްދެއްވުމަށަޓަކައި އެކަލޭގެފާނު ޚާދިމުން ތިއްބެވިއެވެ. އެކަލޭގެފަނުގެ ކަންކަން ރޭއްވެވުމަށްވެސްމެވެ. މިގޮތުން އަނަސް ބިން މާލިކު –ރަޟިޔަﷲޢަންހު- އާއި ހިންދު –ރަޟިޔަﷲޢަންހާ- އާއި އަސްމާ –ރަޟިޔަﷲޢަންހާ- އާއި ޙާރިޘަތުލް އަސްލަމީގެ ދަރިދަރިކަލުންނާއި ރަބީޢަތު ކަޢުބުލް އަސްލަމީ –ރަޟިޔަﷲޢަންހު- އާއި ޢަބދުﷲ ބުން މަސްޢޫދު (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފައިވާންޕުޅުގެ ސާހިބާ) –ރަޟިޔަﷲޢަންހު- އާއި ޢުގުބަތު ބުން ޢާމިރު އަލްޖުހަނީ –ރަޟިޔަﷲޢަންހު- އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖަމަލުކޮޅު ބަލަހައްޓަވާ ބިލާލް އިބްނު ރަބާޙު –ރަޟިޔަﷲޢަންހު- އާއި އަދިވެސް އިތުރުބޭފުޅުން ތިއްބެވިއެވެ. 

އަޅުން: 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށްގިނަ އަޅުން މިނިވަންކުރެއްވިއެވެ، އެބޭކަލުން ވީ އެކަލޭގެފާނުގެ އަޅުންގެ ގޮތުގައެވެ. އޭގެތެރޭގައި ޒައިދު ބުން ޘާބިތު –ރަޟިޔަﷲޢަންހު- އާއި އެކަލޭގެފާނުގެ ދަރިކަލުން އުސާމާ ބުން ޒައިދު –ރަޟިޔަﷲޢަންހު- ހިމެނިވަޑައިގަންނަވައެވެ. އަދި ޘަވްބާން ބުން ބުޖުދު –ރަޟިޔަﷲޢަންހު- އާއި އަބޫ ރާފިޢު –ރަޟިޔަﷲޢަންހު- އާއި އަބޫ މުވައިބިތު –ރަޟިޔަﷲޢަންހު- އާއި ސަފީނާ –ރަޟިޔަﷲޢަންހު- ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ ޢަދަދު ވަރަށްގިނައެވެ. ބުނެވޭ ގޮތުގައި މިބޭބޭކަލުންގެ ޢަދަދު 40 އެވެ.

 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

މިއަދު އޮންލައިން