ބީބީ ރަނަރސް އިން ލ. އަތޮޅުގައި ތިބި ކަސްރަތަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނުތަކެއް ފަށައިފިއެވެ.
އެ ގްރޫޕުގެ އިންސްޓްރަކްޓަރަކު ލ. ގަމަށް ގޮސް، ހިންގާ މި ތަމްރީނުތަކުގައި ލ. ގަމުން ފެށިގެން ފޮނަދޫ އާދެމެދުގެ އަވަށްތަކުން 100އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
ދުވުމާއި ކަސްރަތަށް ބޭނުންވާ ތަމްރީނު މުޅިން ހިލޭ ފޯރުކޮށްދޭ ބީބީ ރަނަރސް އިން އަންނަނީ މާލޭގައިވެސް މިފަދަ ތަމްރީނުތައް ބާއްވަމުންނެވެ.
އެ ގްރޫޕުން ބުނީ މިއީ އަންނަ އަހަރުގެ ޖެނުއަރީ 26 ގައި ލ. އަތޮޅުގައި ބާއްވާ 'ޓީއެފްޖީ ރަން އިން މޯލްޑިވްސް" ސީރީޒުގައި ހިމެނޭ 'ރަން އިން ލާމު' ގައި ދުވުމަށް ބޭނުންވާ ފަރާތްތަކަށް ތަމްރީނު ދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިންސްޓްރަކްޓަރަކު އެތަނަށް ގޮސް، އެ މަސައްކަތް މިހާރު ވަނީ ފަށާފަ. އަދި ދޭތެރެ ދޭތެރެއިން ކޮންމެވެސް މީހަކު އެކޮޅަށް ގޮސް ޓްރެއިނިންގ ކުރިއަށްދާގޮތް މޮނިޓަރ ކުރާނެ. ދެން އެކޮޅުގަ ހުންނާނެ އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓެއްވެސް. އޭނާގެ ބެލުމުގެ ދަށުން ކޮންމެ ދުވަހަކުވެސް ޓްރެއިނިންގ ކުރިއަށްދާނީ" ބީބީ ރަނަރސްގެ އޮފިޝަލަކު މިއަދުނޫހަށް ވިދާޅުވިއެވެ.
ލ. އަތޮޅުގައި ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި ދެ ޖިންސުގެ މީހުންނާއި ސްކޫލުކުދިން ވަނީ ބައިވެރިވެފައެވެ.
ބީބީ ރަނަރސް އަކީ ޢުމުރުން ދުވަސްވީ މީހުން (ޚާއްޞަކޮށް 40 އަހަރުން މަތީގެ) މީހުންނާއި ރާއްޖޭގެ ކުޑަކުދިންނާއި ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމާއި އެފަރާތްތަކަށް އެކި ފެންވަރުގައި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅިވަރުގެ ރޮގުން މަގުފަހިކޮށްދީ އެތުލީޓުން އުފައްދައި ރާއްޖެއާއި ރާއްޖެއިންބޭރުގައި ރާއްޖެ ތަމްސީލު ކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ ކުޅިވަރު ޖަމިއްޔާއެކެވެ.
އެ ގްރޫޕުން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ގިނަ ދުވުންތަކެއްގައި ބައިވެރިވެ، ފަޚުރުވެރި ވަނަތަކެއް ޙާޞިލު ކުރަމުންނެވެ. ޚާއްޞަކޮށް 40 އަހަރުން މަތީގެ ޢުމުރުފުރައިގާ ބީބީ އަންނަނީ ފާހަގަކުރެވޭ ނަތީޖާތަކެއް ހޯދަމުންނެވެ.