އެއަށްފަހު ތަމީމުވަންހައިގެ ޒުވާން ކުދިންނަށް ވިދާޅުވިއެވެ. [އޭ ކަނޑިހެވިކަމަށް މޮޅު ޒުވާނުންނޭވެ! އެތްތަކުގެ ގާތަށް ގޮސް، އެތްތަކުގެ މަތީގައި ބަހައްޓައިފައިވާ ހައުދަޖުތައް އައްސައިފައިވާ ވައުތައް ކަނޑައިލާށެވެ. އޭރުން އޭގައި ތިބި ހަނގުރާމަވެރިންނާއެކުގައި ހައުދަޖުތައް ވެއްޓޭނެއެވެ.]
ހަނގުރާމަ އެންމެ ހޫނުވެފައި އޮތީ އަސަދުވަންހައިގެ މީހުން ތިބި ދިމާލުގައެވެ. ޢާޞިމް ބިން ޢަމްރު އެތަނަށް ވަޑައިގެން، އެބައިމީހުންގެ ދިފާޢުގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ފެއްޓެވިއެވެ. މުސްލިމް ޒުވާން މުޖާހިދުން ގެންދިޔައީ އެބައިމީހުންގެ އަމާޒުފަތްގަނޑަކަށް ދުޝްމަނުންގެ އެތްތައް ހަދަމުންނެވެ. އެ ކުދިންގެ ހިތްމަތާއި މިންނަތުން ހުރިހާ އެތްތަކެއްގެ ވާތައް ކަނޑައިލައި، އެތްތައް މަތީގައިވާ ހައުދަޖުތައް ވައްޓައިލައިފިއެވެ. އެތްތަކަށް ސަވާރުވެގެން ތިބި ދުޝްމަނުންވެސް ޤަތުލުކޮށްފިއެވެ. އެ ދުވަސް ނިމުނުއިރު އެތްތަކުގެ އުނގަދަލުން މުސްލިމުން ސަލާމަތްވެއްޖެއެވެ. މުސްލިމުން ވަރަށް ވަރުގަދައަށް ހަނގުރާމަކޮށް، ދުޝްމަނުންގެ ލަޝްކަރު ފަހަތަށް ޖައްސައިލައިފިއެވެ. އިރުއޮއްސި ރޭގަނޑުން ބަޔަކާ ހަމައަށް ހަނގުރާމަ ކުރިއަށްދިޔައެވެ.
ހަނގުރާމައިގެ ފުރަތަމަ ދުވަހަކީ އަސަދުވަންހައިގެ މީހުންނަށް ޚާއްޞަ ދުވަހެކެވެ. ތަމީމުވަންހައިގެ މީހުން އެ މީހުންގެ ވެރިޔާ ޢާޞިމް ބިން ޢަމްރުއާއެކު ކުރި ހިތްވަރަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެ ދުވަހު އަސަދުވަންހައިގެ މީހުން ދުޝްމަނުންގެ ކިބައިން ސަލާމަތްކުރުމަށްޓަކައި ތުލައިޙާ ބިން ޚުވައިލިދު ކުރެއްވި މަސައްކަތްޕުޅަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ. އަސަދުވަންހައަކީ އެކަލޭގެފާނު ނިސްބަތްވާ ވަންހައެވެ. އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން ގޮވައިލެއްވިއެވެ.
[އޭ އަހަރެންގެ މީހުންނޭވެ. ތިޔައި އަސަދުވަންހައިގެ މީހުންނެވެ. ތިޔަބައިމީހުންނަށް އަސަދު އޭ ކިޔުނީ ތިޔަބައިމީހުން ރުޅިވެރި ސިންގާތަކެއް ފަދައިން ތިޔަބައިމީހުންގެ ދުޝްމިނުންނާ ހަމަލަދޭތީއެވެ. ތިޔަބައިމީހުން ހިތްވަރުކޮށް ފުރިހަމަ ބާރާއެކު ދުޝްމިނުންނާ ހަނގުރާމަކުރާށެވެ. އެބައިމީހުންނާ ވަރުގަދައަށް ހަނގުރާމަކުރާށެވެ. ހަނގުރާމައިގެ މައިދާނުން ފިލަން ނުދުވާށެވެ. ޝިކާރަކުރަން އުޅޭ ސިންގާއެއް ޖެހިގަންނަހެން ދުޝްމިނުންގެ މައްޗަށް ހަމަލަދޭށެވެ. الله ގެ ނަންފުޅު ގަނެއްފައި ހަމަލަދޭށެވެ. الله ތިޔަބައިމީހުންނަށް ވާގިވެރިވެވޮޑިގެންވާށިއެވެ.] އެއަށްފަހު ތަމީމުވަންހަ އާއި އަސަދުވަންހައިގެ މީސްތަކުން ނުހަނު ޖޯޝާއި ފޯރީގައި ހަނގުރާމަކުރިއެވެ.
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ހަނގުރާމައިގެ ފުރަތަމަ ދުވަހަށް اليوم أرماث އޭ ކިޔުނެވެ. أرماث ގެ މާނައަކީ ދެ އެއްޗެއް އެއްވުމެވެ. އެދުވަހުގެ ހަނގުރާމައިގައި ފަތަޙަ އާއި ބަލިވުން އެކުލެވިގެން ވާކަމަށްޓަކައި اليوم أرماث އޭ ކިޔުނީއެވެ.
ފުރަތަމަ ދުވަހު ކުރެވުނު ހަނގުރާމައިގައި 500 މުސްލިމު މުޖާހިދުން ޝަހީދުވިއެވެ. އެތައް ބޭކަލަކު ޒަޚަމްވެވަޑައިގަތެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި 400 އަށްވުރެ ގިނަ ބޭކަލުން ނިސްބަތްވަނީ އަސަދުވަންހައަށެވެ. އީރާނުގެ ލަޝްކަރަށް ލިބުނު ގެއްލުން އަދި ވަކީން ބޮޑެވެ. އެމީހުންގެ 2000 އަށްވުރެ ގިނަ މީހުން ޤަތުލުވިއެވެ. އެތައް ބަޔަކު ޒަޚަމްވިއެވެ.
ރޭގަނޑުވުމުން ދެލަޝްކަރު ހަނގުރާމަ ހުއްޓައިލައިފައި ފޭލިގެތަކަށް ހިނގައްޖެއެވެ. ރޭގަނޑުގެ ވަގުތު އެއްވެސް ހަނގުރާމައެއް ނުހިނގައެވެ. އެރެއަށް ނަންދެވިގެންވަނީ ليلة الهَدْأَة ގެ ނަންމުންނެވެ. ހަމަހިމޭންކަމުގެ ރޭ ނުވަތަ އަރާމުކުރުމުގެ ރޭގެ ނަމުންނެވެ.
ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު ވަނީ މުސްލިމުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން، ޝަހީދުވެފައިވާ މުޖާހިދުންގެ ހަށިތައް އެއްކުރުމަށް ފޮނުއްވައިފައެވެ. އެ ބޭކަލުންގެ ހަށިތައް ވަޅުލެއްވީ އިސްލާމީ ލަޝްކަރުގެ ފަހަތުގައެވެ. އެތަނުގައި މުޖާހިދުންގެ އަނބިއަނބިކަނބަލުން ތިއްބެވިއެވެ. އެ ބޭކަނބަލުން އެތަނުގައި ޒަޚަމްވާ މުޖާހިދުންނަށް ޞިއްޙީ ފަރުވާ ދެއްވަމުން ގެންދެވިއެވެ. މީގެ އިތުރަށް އެ ބޭކަނބަލުން ގެންދެވީ ޝަހީދުވާ ބޭކަލުން ވަޅުލެއްވުމަށްޓަކައި ކަށްވަޅު ކޮންނެވުން ފަދަ ބުރަ މަސައްކަތްޕުޅުތައްވެސް ކުރައްވަމުންނެވެ. މިފަދަ ބުރަ މަސައްކަތްޕުޅުތަކަކީ އެ ބޭކަނބަލުން އާދަވެގެންކޮށް އުޅުއްވި ކަންތައްތަކެއް ނޫނެވެ. ނަމަވެސް އިސްލާމީ އުންމަތުގެ ފަޚުރުވެރި ކަނބަލުން އެ ދަނޑިވަޅުގައިވެސް ދެއްކެވީ ހިސާބެއް ނެތްފަދަ ކެތްތެރިކަމެވެ. އެ ކަނބަލުންގެ އީމާންކަމުގެ ޖޯޝުގެ ވަރުގަދަކަމެވެ. ޝަހީދުވެފައިވާ ބޭކަލުން ވަޅުލަމުން ގެންދެވިއިރު، ގިނަ ފަހަރު އެ ބޭކަނބަލުންގެ އަތްޕުޅުން އުފަންބޭފުޅުންނާއި، ފިރިކަލުންނާއި، އަޚުންވެސް ވަޅުލައްވަން ޖެހޭލެއް މަދެއް ނޫނެވެ. ނަމަވެސް އެ ބޭކަނބަލުން ދެއްކެވީ ފަރުބަދައެއް ފަދަ ސާބިތުކަމާއި ކެތްތެރިކަމުގެ މިސާލެކެވެ.
މި ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޚަންސާއު ބިންތި ޢަމްރު ރަޟިޔަ ﷲ ޢަންހާގެ ބާއްޖަވެރި ހަތަރު ދަރިކަލުން ހިމެނިވަޑައިގަންނަވައެވެ. ޚަންސާއު ބިންތި ޢަމްރުއަކީ މުސްލިމް ކަނބަލުންގެ މައްޗަށް ނަމޫނާއަކަށް ފުދޭވަރުގެ އީމާންތެރި ބޭކަނބަލެކެވެ. އެކަމަނާ އިންނެވީ އެކަމަނާގެ ހަތަރު ދަރިކަލުން އިސްލާމްދީނަށްޓަކައި ޤުރުބާންކުރައްވަން ތައްޔާރަށެވެ. އެކަމަނާއަކީ ޢަރަބީންގެ މޮޅު ޅެންވެރިއެކެވެ. ހިތްވަރުފުޅުގަދަ ކަންކަމުގައި ކެރިވަޑައިގަތުމުގެ ހަރުދަނާ ގޮތް ހުރި ބޭކަނބަލެކެވެ. އެކަމަނާގެ ހަތަރު ދަރިކަލުންނަކީވެސް ހަނގުރާމައިގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި އަސްވާރުންނެވެ. އެކަމަނާގެ ހަތަރު ދަރިކަލުން ކައިރިއަށް ގެންނެވުމަށްފަހު ވިދާޅުވިއެވެ.
- ނުނިމޭ-