ސަލާމްކުރުމަށް އަތްދިއްކުރަން އޮތީ ސަލާމް ގޮވައި ހެޔޮދުޢާކުރަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 31ސ
ސަލާމްކުރުމަށް އަތްދިއްކުރަން އޮތީ ސަލާމް ގޮވައި ހެޔޮދުޢާކުރަމުން!

މުސްލިމުންގެ ސަލާމްގެ އެންމެ މުހިންމުކަމަކީ "އައްސަލާމް ޢަލައިކުމް" ކިޔުމެވެ. އެއިރުން އެދެވެނީ ތިމާގެ ކިބައިން އަނެކާއަށް ރައްކައުތެރިކަން ލިބިގެންވާކަމުގެ ޔަޤީންކަމެވެ. އިތުރަށް ފުރިހަމަކުރަން ކިޔަން އޮތީ "ވަރަޙުމަތުﷲ ވަބަރަކާތުހޫ" އެވެ. އެއީ ދުޢާއެކެވެ. އަނެކާއަށް ބަރަކާތާއި ރަހްމަތް ލެއްވެވުން އެދި ކުރާ ދުޢާއެކެވެ.   

ވީމާ މީހަކާއި ބައްދަލުވުމުން އަތްދިއްކުރުމަކުން ނުވަތަ މީސްތަކުގެ ތެރޭގައި ސަލާމަށް އަތްދިއްކުރަމުން ހިނގުމަކުން ނުފުދެއެވެ. ފުރަތަމަ ކަމަކީ ސަލާމް ގޮވައި އޭނާއަށް ހެޔޮދުޢާކުރުމެވެ.  

އަދިވެސް ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ސަލާމްގޮވައި ހެޔޮދުޢާކުރާއިރު އަނެކާގެ މައްޗަށް ތިމާގެ ހިތް ސާފުވެގެންވުމެވެ. ހިތުގައި އެވެސް ވަރަކަށް ރުޅިވެރިކަމާއި ޙަސަދަވެރިކަން ނެތުމެވެ. އެކަންކަން ހިތުގައި ބާއްވައިގެން ސަލާމްގޮވަމުން ހިނގުމަކީ މުނާފިޤުންގެ ސިފައެކެވެ.  

ސަލާމްކުރުމާއިބެހޭގޮތުން އެނގެންޖެހޭ ކަންކަން:  

މުސްލިމުން މުސލިމުންނާ ބައްދަލުވާހިނދު އެހެންދީންތަކުގެ މީހުން ބުނެއުޅޭފަދަ ބަސްތައް ބުނުމަކުން ނުފުދެއެވެ. އެހެނީ މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާހިނދު އިސްލާމްދީނުގެ ސަލާމުން ސަލާމްކުރުމަކީ މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ފުރަތަމަ ޙައްޤު ކަމުގައިވާތީއެވެ.  

މިހާރަކަށް އައިސް މުސްލިމުންގެ ތެރެއިން ގިނަބައަކު ދަނީ މި ޙައްޤު އަދާކުރުމުގައި ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ. އިސްލާމް ދީނުގެ ސަލާމުން ސަލާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ދަރިންނަށް އަންގައިދިނުމުގައި ދަނީ ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ. އެކަމުގެ ސަބަބުން ދަރިންނަށް ބޮޑެތިވަމުން އަންނަނީ އެކަމުގެ ޙުކުމްތަކާއި އެކަމުން ލިބޭނެ މަންފާ ނުވެސް އެނގިތިބެއެވެ.

ސަލާމްގައި ހިމެނިގެންވަނީ ލޯތްބާއި އޯގާތެރިކަމުގެ ކަލިމައެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތަޙިއްޔަތަކީ ސަލާމެވެ. 

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» [رواه مسلم / كتاب: الإيمان / باب: بيان أنه لا يدخل الجنة إلا المؤمنون / رقم: 93 – (54)] 

މާނައީ: "ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ." 

ސަލާމަކީ ހިތްތަކުގައިވާ ލޮބުވެތިކަމުގެ ތަޅުދަނޑިއެވެ. އަދި އެއީ ކޮންމެ ދޮރަކަށްވާ އިޛުނައިގެ ތަޅުދަނޑިއެވެ. އަދި ބަރަކާތާއި އިތުރުވުމުން ޙަޔާތަށް ކާނާ ލިއްބައިދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61] 

މާނައީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!" 

ސަލާމަކީ އަމާންކަމުގެ ގޮވާލުމެކެވެ. އަދި އަމާންކަމުގެ އަހުލުވެރިންގެ ޢަލާމާތެކެވެ. އޭގެ މާނަ އެނގިއްޖެމީހާ އެއަށް ޤަދަރުކުރެއެވެ. އަދި އޭގެ ޙަޤީޤަތާއި މަތިވެރިކަން އެނގިއްޖެމީހާ އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ ސުލޫކު ރަނގަޅުކުރެއެވެ. އަދި ދީނީގޮތުންނާއި ދުނިޔަވީގޮތުން އޭނާގެ މުޖުތަމަޢު ކުރިއަރައި ދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ﴾ [المائدة: 16] 

މާނައީ: "ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގު ދައްކަވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެބައިމީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން