ހިތް ފަސާދަވާ 6 ކަމެއް! ތައުބާވުމުން ނިމުނީކަމަށް ބަލައިގެން ފާފަކުރުމަކީވެސް ސަބަބެއް!

ކިޔުމަށް ހޭދަވާނީ 5މ 8ސ
ހިތް ފަސާދަވާ 6 ކަމެއް! ތައުބާވުމުން ނިމުނީކަމަށް ބަލައިގެން ފާފަކުރުމަކީވެސް ސަބަބެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

ފާފަ ކުރުމަކީ އިންސާނާއަށް ކުރެވޭ ކަމެކެވެ. ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. ނަމަވެސް އެކަމަށް އަބަދުވެސް ތައުބާވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.  

އެންމެ އިސް ދީނީ ޢިލްމުވެރިންގެތެރޭގައި ހިމެނިވަޑައިގަންނަވާ އަލް ޙަސަނުލް ބަޞަރީ ވިދާޅުވަނީ އިންސާނާގެ ހިތް ފަސާދަވާ 6 ކަމެއްވެއެވެ. އެއީ:

--ތައުބާވުމުގެ އުއްމީދުގައި ފާފައަށް އަރައިގަތުމާއި،

--ޢިލްމު އުނގެނި އެއަށް ޢަމަލު ނުކުރުމާއި،

--އަޅުކަންކުރުމުގައި އިޚްލާޞްތެރިކަމެއް ނެތުމާއި،

--ﷲ  ދެއްވި ރިޒްޤުން ކައި، އެކަލާނގެއަށް ޝުކުރުވެރި ނުވުމާއި،

--އެކަލާނގެ މިންވަރާއި ޤަދަރަށް ނުރުހުންވުމާއި، ޖަނާޒާތަކުން ދިރިތިބީން ފިލާވަޅު ލިބިނުގަތުމެވެ. 

އެހެންކަމުން މިލިޔުމުގައި މިބަލާލަނީ ތައުބާވުމުގެ އުއްމީދުގައި ފާފައަށް އަރައިގަތުމަށެވެ.

ފާފަކުރުމަކީ އިންސާނާގެ ހިތުގައި ދަމިލަޖަހައި ހިތް ހަރުވެގެން ދާކަމެކެވެ. އޭގެ ސަބަބުން މީހާ ގެއްލި ހަލާކުވެގެން ދެއެވެ. މިހާރުގެ މުޖުތަމަޢުގައި ފެންނަ އެންމެ ބޮޑު ސިފައަކީ ތައުބާވުމުގެ އުއްމީދުގައި ފާފަތަކަށް އަރައިގަންނަ ތަނެވެ. ފަހުން ތައުބާވާން ހިތަށް އަރުވައިގެން ފާފަތައް ކުރާ މަންޒަރެވެ.  

ފާފަތަކަށް އަރައިގަތުމުގެ ސަބަބުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް އުދަނގޫކަމަކަށްވެއެވެ. ވަގުތު އިންސާނާގެ ޙަޔާތުގައި އޮތްކަމަށް ހީވިނަމަވެސް އިންސާނާގެ ޙަޔާތަކީ ވަރަށް ކުޑަ އެއްޗެކެެވެ. ހެޔޮ ޢަމަލުކުރުމަށް އަވަސްވެގަންނަން ޖެހޭނެއެވެ.  

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

"يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ"

މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ." 

މި ޙަދީޘް ބަސްފުޅަށް ބަލާލިކަމުގައިވިޔަސް ﷲ ތަޢާލާގެ ރަޙްމަތް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެހެންކަމުން ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުމެންނަށް ޙަޔާތުގައި ހެޔޮ ޢަމަލުތަކުގެ ތެރޭގައި ސުންނަތް ނަމާދުތަކާއި، ސުންނަތް ރޯދަ އާއި ޞަދަޤާތް ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.  

އެގޮތުން ﷲ ތަޢާލާ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

“وَتُوبُواْ إِلَى ٱللَّهِ جَمِيعاً أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ” (النور:31)

މާނައީ: "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲތަޢާލާއަށް توبة ވާށެވެ! ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." 

މީގެ އިތުރުން ފާފަ ފުއްސެވުމަށް އެދި ކުރާނެ ދުޢާތައް ވެސް އަމިއްލައަށް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އޭގެ ތެރެއިން ދެ ދުޢާއެއް މިލިޔުމުގައި ހިމަނާލާނަމެވެ. 

“أَسْتَغْفِرُ اللهَ الْعَظِيْمَ الَّذِيْ لاَ إِلٰهَ إِلاَّ هُوَ الْحَيُّ الْقَيُّوْمُ وَأَتُوْبُ إِلَيْهِ”

"މަތިވެރިވެގެންވާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ." 

“رَبِّ اغْفِرْ لِيْ رَبِّ اغْفِرْ لِيْ”

"މިއަޅާ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!"

މިއަދު އޮންލައިން