ރަސޫލް ޞޢވ ގެ އަނބިކަނބަލުން ޞަފިއްޔަތުގެފާނުގެ ވާހަކަ- 5: މާތް ރަސޫލާ، ޞަފިއްޔަތުގެފާނު މިނިވަންކުރައްވާ ކާވެނި ބައްލަވައިގަތުން

ކިޔުމަށް ހޭދަވާނީ 3މ 55ސ
ރަސޫލް ޞޢވ ގެ އަނބިކަނބަލުން ޞަފިއްޔަތުގެފާނުގެ ވާހަކަ- 5: މާތް ރަސޫލާ، ޞަފިއްޔަތުގެފާނު މިނިވަންކުރައްވާ ކާވެނި ބައްލަވައިގަތުން

ޢަލީ އިޙްޞާން ފިރާޤް

 

ކައިވެނިފުޅު: 

އިބްނު ސަޢުދު ލިޔުއްވައިފައިވާ ގޮތުގައި، ޚައިބަރު ހަނގުރާމައިގެ ޣަނީމާ މުދާ ބެއްސެވިއިރު، ޞަފިއްޔަތުގެފާނު ލިބިވަޑައިގަތީ ރީތިފުޅުކަމުގައި މިސާލުޖެހެވޭ ޞަޙާބީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށެވެ. އަނަސްގެފާނު ވިދާޅުވެފައިވެއެވެ. ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އެކަމަނާ ގެންދެވުމުން، މީސްތަކުން އައިސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެކަމަނާއަށް ތަޢުރީފުކޮށް ވާހަކަދައްކަން ފެށިއެވެ. އެބޭކަލުން ދެންނެވިއެވެ. [އަޅުގަނޑުމެން އަސީރުންގެ ތެރެއިން އެފަދަ ދެވަނައެއް ނެތްފަދަ (މާތް، ރީތި) އަންހެނަކު ދެކެފީމުއެވެ.] ދެން މާތް ރަސޫލާ އެކަމަނާ ބަލައި ފޮނުއްވައިގެން ގެންނެވިއެވެ. އެއަށްފަހު، ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށް އެކަށީގެންވާ ބަދަލެއް ދެއްވިއެވެ (އިބްނު ސަޢުދު، 1995، ޞ. 88). ޞަޙީޙު މުސްލިމްގައިވަނީ، މާތް ރަސޫލާ އެކަލޭގެފާނަށް ހަތް އަޅުން ދެއްވުމަށްފަހު، ޞަފިއްޔަތުގެފާނު އެކަލޭގެފާނުގެ ބަޔަށް ނެންގެވީ ކަމަށެވެ (ޞަޙީޙް މުސްލިމް، ކިތާބުއް ނިކާޙް، ޙަދީޘް: 3328). 

އިބްނު ސަޢުދު ލިޔުއްވައިފައިވެއެވެ. ޞަފިއްޔަތުގެފާނު، މާތް ރަސޫލާގެ އަރިހަށް ޙާޒިރުކުރެއްވުމަށްފަހު، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ކަމަނާގެ ބައްޕައަކީ ޔަހޫދީންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ އަދާވާތްތެރިކަން ބޮޑު އެކެކެވެ. މާތް ﷲ އޭނާ ނިކަމެތި ކުރައްވައި ޤަތުލުކުރައްވައިފުމަށް ދާންދެން، އޭނާ ހުރީ އެގޮތުގައެވެ.] ޞަފިއްޔަތުގެފާނަކީ ވަރަށް ވިސްނުންފުޅު ތޫނު، ބުއްދިފުޅު ފުރިހަމަ ބޭކަނބަލެކެވެ. އެކަމަނާ މާތް ރަސޫލާއަށް ދެންނެވިއެވެ. [أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ އެކަކު ކުރާ ކުށުގެ ޒިންމާ އަނެކަކު އުފުލާކަށް ނުޖެހޭނޭ ވާހަކަ، ކަލޭގެފާނަށް ﷲ ބާވައިލެއްވި ޤުރްއާނުގައި އޮވޭނޫންތޯއެވެ؟] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އިޚްތިޔާރު ކުރައްވާށެވެ! އިސްލާމްވެގެން ތިމަންކަލޭގެފާނުގެ އަރިހުގައި އިންނެވުމަށް ޚިޔާރު ކުރައްވައިފިނަމަ ބައިންދަވާހުށީމެވެ. ޔަހޫދީ ދީނުގައި އިންނެވުމަށް ޚިޔާރު ކުރައްވައިފިނަމަ، މިނިވަންކުރައްވައި ކަމަނާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ފޮނުއްވާހުށީމެވެ]. 

ޞަފިއްޔަތުގެފާނު ދެންނެވިއެވެ. [އޭ މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު މިއިނީ ކަލޭގެފާނުގެ އަރިހަށް ޙާޒިރުކުރުމުގެ ކުރީންވެސް އިސްލާމްދީން ޤަބޫލުކޮށްގެންނެވެ. ކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށް އީމާންވެގެންނެވެ. ޔަހޫދީ ދީނަށް އަޅުގަނޑުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އަދި އެދީނުގެ މަތީގައި އަޅުގަނޑުގެ ބައްޕައަކުވެސް އަޚަކުވެސް ނެތެވެ. އިސްލާމްކަމާއި ކާފިރުކަމާ ދެކަމުންކުރެ ކަމެއް ޚިޔާރުކުރަން ދެއްވައިފީމުއެވެ. މިނިވަންވެގެން އަޅުގަނޑުގެ ޤައުމުގެ މީހުންގެ ގާތަށް ދިޔުމަށްވުރެ، އަޅުގަނޑަށް ލޮބުވެތިކަން ބޮޑީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ.] (އިބްނު ސަޢުދު، 1995، ޞ 87-88). 

ޞަފިއްޔަތުގެފާނު އެކަމަނާގެ ޢިއްދަ ހަމަކުރެއްވީ އަނަސުގެފާނު ގެ މައިކަނބަލުން އުއްމުސުލައިމުގެ އަރިހުގައި އިންނަވައިގެންނެވެ. ރަސޫލާ އެކަމަނާއާ ކާވެނިބައްލަވައިގެން ވަލީމާ ދެއްވުމަށް އެންމެ ފުރަތަމަ ގަސްތުކުރެއްވުމުން، ޞަފިއްޔަތުގެފާނު އެކަމާ އިންކާރު ކުރެއްވިއެވެ. ލަޝްކަރު ދަތުރުކުރަމުން ގޮސް، ޞަހްބާ އޭ ކިޔުނު ހިސާބަށް ދެވުމުން، ރަސޫލާ صلّى اللّـه عليه وسلّم އުއްމު ސުލައިމަށް އަމުރުކުރައްވައިގެން، ކާވެނިފުޅަށް ޞަފިއްޔަތުގެފާނު ތައްޔާރުކުރައްވައި، ޒީނަތްތެރި ކުރައްވައިގެން ގެންނެވިއެވެ.  މާތް ރަސޫލާ އެރޭ އެކަމަނާގެ އަރިހުގައި ރޭކުރެއްވުމަށްފަހު، ހެނދުނުވުމުން އެކަމަނާ ނާނޭފުޅު ފިއްލެވުމަށް އުއްމު ސުލައިމްގެ އަރިހަށް ވަޑައިގެންނެވިއެވެ. 

އެހިނދު، އުއްމު ސުލައިމް އެރޭގެ ވާހަކައާ ބެހޭގޮތުން ޞަފިއްޔަތުގެފާނާ ސުވާލުކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ރޭގައި ރަސޫލާ ތިމަންކަމަނާއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ލަޝްކަރު އެންމެ ފުރަތަމަ މަންޒިލު ކުރިތަނުގައި ކާވެނީގެ ރަސްމުތައް ފުރިހަމަކުރަން އެދުމުން، އިންކާރު ކުރެއްވީ ކީއްވެތޯއެވެ؟ ތިމަންކަމަނާ ދެންނެވީމެވެ. އެއީ އެތަނަކީ ޔަހޫދީންނާ ދާދި ގާތުގައިވާ ތަނެއް ކަމުގައިވުމުން، އެބައިމީހުންގެ ފަރާތުން ނުރައްކަލެއް އަތުވެދާނެތީ އަޅުގަނޑު ބިރުގަތީއެވެ. އިބްނު ސަޢުދު ބަޔާންކުރައްވާ ގޮތުގައި، އެކަމަނާގެ މި ވާހަކަތަކުގެ ސަބަބުން، ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެކަމަނާގެ ޤަދަރު އުފުލިގެންދިޔައެވެ (އިބްނު ސަޢުދު، 1995، ޞ 87-86).

މިއަދު އޮންލައިން