ޢަލީ އިޙްޞާން ފިރާޤް
މަދީނާގެ ފުރަތަމަ ދުވަސްކޮޅު:
ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެން، އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ އެންމެ ފުރަތަމަ ބޭންދެވީ ޙާރިޘަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހުގެ ގެކޮޅުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނާ ކައިވެނި ބައްލަވައިގަތް ޚަބަރު ލިބިވަޑައިގަތުމުން، އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުންގެ ހިތްޕުޅުގައި ބޮޑު ޣީރަތްތެރިކަމެއް އުފެދިގެންދިޔައެވެ. އެހެންކަމުން، ޞަފިއްޔަތުގެފާނު ދެކެވަޑައިގަތުމަށްޓަކައި އެ އަނބިއަނބިކަނބަލުން ޙާރިޘަތު ބިން ނުޢުމާންގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނާއި، ޙަފްޞަތުގެފާނާއި، ޖުވައިރިއްޔަތުގެފާނާއި، ޒައިނަބު ބިންތު ޖަޙްޝް ހިމެނިވަޑައިގަންނަވައެވެ. އެބޭކަނބަލުން އެތަނަށް ވަޑައިގަތީ މޫނުބުރުގާ ތުރުކުރައްވައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެއީ އެބޭކަނބަލުންކަން ފަސޭހައިން ދެނެނުގަނެވޭނެ ފަދަ ގޮތަކަށް ނިވާވެވަޑައިގެންނެވެ (އިބްނު ސަޢުދު، 1995، ޞ. 90).
އިބްނު ސަޢުދުގެ އެހެން ރިވާޔަތަކުން އެނގޭ ގޮތުގައި ޞަފިއްޔަތުގެފާނު މަދީނާއަށް ވަޑައިގަތުމުން މަދީނާގެ އަންޞާރިއްޔަ ބޭކަނބަލުންނަށް އެކަމަނާގެ ރީތިފުޅުކަމުގެ ޚަބަރު ލިބުނެވެ. ރަސޫލާގެ އަނބިއަނބިކަނބަލުންނާއެކު އަންޞާރިއްޔަ ބޭކަނބަލުންވެސް ޞަފިއްޔަތުގެފާނު ދެކެވަޑައިގަތުމަށްޓަކައި ޙާރިޘަތު ބިން ނުޢުމާންގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ (އިބްނު ސަޢުދު، 1995، ޞ. 90-89).
އުންމު ސިނާން އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [ތިމަންމެން މަދީނާއަށް ގޮސް ތިމަންމެންގެ އަމިއްލަ ގެތަކަށް ވަނީ، ޞަފިއްޔާ އެކަމަނާގެ ގެކޮޅަށް ގެންގޮސް ލައިދިނުމަށްފަހުގައެވެ. މުހާޖިރިއްޔަ ބޭކަނބަލުންނާއި އަންޞާރިއްޔަ ބޭކަނބަލުން އެކަމަނާ ދެކެވަޑައިގަތުމަށްޓަކައި އެ ގެކޮޅަށް ވަރަށް ގިނައިން ޒިޔާރަތްކުރައްވައި އުޅުއްވިއެވެ. އެގެއަށް އައިސް އުޅުއްވި ބޭކަނބަލުންގެ ތެރެއިން މޫނުބުރުގާ ތުރުކުރައްވައިގެން ތިއްބެވި ރަސޫލާ صلّى اللّـه عليه وسلّم ގެ ހަތަރު އަނބިކަނބަލަކު ތިމަންކަމަނާއަށް ފާހަގަކުރެވުނެވެ. އެއީ ޒައިނަބު ބިންތު ޖަޙްޝްއާއި، ޙަފްޞާއާއި، ޖުވައިރިއްޔާއާއި، ޢާއިޝާއެވެ.
އެވަގުތު ޒައިނަބު ބިންތު ޖަޙްޝް، ޖުވައިރިއްޔާއަށް މުޚާޠަބުކުރައްވައި ވިދާޅުވާ އަޑު ތިމަންކަމަނާ އެހީމެވެ. [އޭ ޙާރިޘްގެ ދަރިކަނބަލުންނޭވެ! ތިމަންކަމަނާއަށް ހީވަނީ މި އަންހެންކުއްޖާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިތްޕުޅު (އަދި ވަގުތު) އެކަމަނާގެ މައްޗަށް އެއްކޮށް އަނބުރާލައްވައި، އަހަރެމެންގެ މައްޗަށް ކުރިހޯއްދަވާފާނެހެންނެވެ.] އެހިނދު ޖުވައިރިއްޔާ ޖަވާބުގައި ވިދާޅުވިއެވެ. [ނޫނެކެވެ. ފެންނަ ފެނުމަށް އެކަމަނާއަކީ ފިރިންގެ ކަންކަމުގައި އެފަދަ ބޮޑު ނަޞީބެއް (ކުރީގެ ކައިވެނިތައް ރޫޅިފައިވުމުން) ހުރި ކުއްޖެއްހެނެއް ހީއެއްނުވެއެވެ] (އިބްނު ސަޢުދު، 1995، ޞ. 90).
ޢަޠާ ބިން ޔަސާރުގެ އަރިހުން ރިވާވެގެންވެއެވެ. އުންމުލް މުއުމިނީން ޢާއިޝަތު رضي الله عنها މޫނުބުރުގާ (ނިޤާބު) ތުރުކުރައްވައިގެން ޞަފިއްޔަތުގެފާނުގެ އަރިހަށް ވަޑައިގަތެވެ. ނަމަވެސް، ރަސޫލާ صلّى اللّـه عليه وسلّم އަށް އެއީ ޢާއިޝަތުގެފާނުކަން އެނގިވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެ ގެކޮޅުން ނިކުމެވަޑައިގަތުމުން، ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ ފަހަތްޕުޅުން ވަޑައިގެން ސުވާލުކުރެއްވިއެވެ. [އޭ ޢާއިޝާއެވެ! ކަމަނާއަށް އެކަމަނާ (ޞަފިއްޔަތުގެފާނު) ފެނިވަޑައިގަތީ ކިހިނެއްތޯއެވެ؟]
ޢާއިޝަތުގެފާނު ޖަވާބުގައި ދެންނެވިއެވެ. [އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ.] އެހިނދު ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް ނަޞޭޙަތްތެރިވެވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. [ތިޔަހެން ވިދާޅުނުވާށެވެ. ޞަފިއްޔާވަނީ ތެދު ހިއްޕުޅަކުން އިސްލާމްވެފައެވެ. އެއީ ރަނގަޅު މުސްލިމު އަންހެނެކެވެ] (އިބްނު ސަޢުދު، 1995، ޞ. 90-89).
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޚައިބަރު ފަތަޙަކުރައްވައި، އުންމުލް މުއުމިނީން ޞަފިއްޔާ (ރަޟިޔަﷲ ޢަންހާ) އާ ކައިވެނިބައްލަވައިގެން މަދީނާއަށް ވަޑައިގެންނެވިއިރު، ޙަބަޝާގައި ތިއްބެވި މުސްލިމުންގެ ޖަމާޢަތްވެސް ވަނީ މަދީނާއަށް ހިޖުރަކޮށްފައެވެ. އޭގެ ތެރޭގައި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުން އުންމުލް މުއުމިނީން އުންމު ޙަބީބާ (ރަޟިޔަﷲ ޢަންހާ) ވެސް ހިމެނިވަޑައިގަންނަވައެވެ. އުންމު ޙަބީބަތުގެފާނާ ރަސޫލާ صلّى اللّـه عليه وسلّم ކައިވެނި ބެއްލެވީ ޞަފިއްޔަތުގެފާނުގެ ކުރިން (އެކަމަނާ ޙަބަޝާގައި އިންނަވަނިކޮށް) ކަމުގައިވިޔަސް، އެކަމަނާއާ މާތް ރަސޫލާ صلّى اللّـه عليه وسلّم ބައްދަލުވެވަޑައިގަތީ ޞަފިއްޔަތުގެފާނާ ކައިވެނިބައްލަވައިގެން މަދީނާއަށް ވަޑައިގަތް ފަހުންނެވެ. ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނު ގޮވައިގެން މަދީނާއަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ އިންތިޒާރުގައި އުންމުލް މުއުމިِނީން އުންމު ޙަބީބާ (ރަޟިޔަﷲ ޢަންހާ) އިންނެވިއެވެ.