އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 11: ރަސޫލާ ﷺ އާއެކު ކުރެއްވި ދަތުރުފުޅުތަކާއި ދިމާވި ޙާދިޘާތައް-

ކިޔުމަށް ހޭދަވާނީ 6މ 24ސ
އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 11: ރަސޫލާ ﷺ އާއެކު ކުރެއްވި ދަތުރުފުޅުތަކާއި ދިމާވި ޙާދިޘާތައް-

ޢަލީ އިޙްޞާން ފިރާޤް

 

މާތް ނަބިއްޔާ صلّى اللّـه عليه وسلّم ހަނގުރާމައަކަށް ނުވަތަ ދަތުރުފުޅަކަށް ވަޑައިގަންނަވާނަމަ، އަނބިއަނބިކަނބަލުންގެ މެދުގައި ގުރުއަތުލައްވައެވެ. ގުރުއަތުން ހޮވޭ ބޭކަނބަލަކު ދަތުރުފުޅުގައި ބައިވެރިކުރައްވައި، ހަނގުރާމައިގެ ޣަނީމާއިން އެ ބޭކަނބަލަކަށް ޙައްޤުވާ މިންވަރު ދެއްވައެވެ. ޞަފިއްޔަތު ބިންތު ޙުޔައްޔު رضي الله عنها ރަސޫލާ صلّى اللّـه عليه وسلّم އާއެކު ކުރެއްވި ދަތުރުފުޅުތަކުގައި، ޢިބުރަތްތެރި ގިނަ ޙާދިޘާތަކެއް ހިނގާފައިވެއެވެ (މުޞްޢަދު، 2001، ޞ 173).

އިބްނު ސަޢުދު ރިވާކުރައްވާފައިވާ ގޮތުގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި ދަތުރުފުޅެއްގައި އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ދެ އަނބިކަނބަލެއް ކަމުގައިވާ އުއްމު ސަލަމަތުގެފާނާއި ޞަފިއްޔަތުގެފާނު ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުމަތީގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އޮޅިވަޑައިގެން، އުއްމު ސަލަމަތުގެފާނުގެ ދުވަހުގައި ޞަފިއްޔަތުގެފާނުގެ ހައުދަޖު ގެ ކައިރިއަށް ވަޑައިގަންނެވުނެވެ. އެކަލޭގެފާނު އިރުކޮޅަކު ޞަފިއްޔަތުގެފާނާ ވާހަކަފުޅު ދައްކަވަން މަޑުކޮށްލެއްވިއެވެ. އެތަން އުންމު ސަލަމަތުގެފާނަށް ފެނިވަޑައިގަތުމުން އެކަމަނާގެ ހިތްޕުޅުގައި ޣީރަތްތެރިކަން އުފެދުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް ވަޑައިގަތުމުން ދެންނެވިއެވެ. [އަޅުގަނޑުގެ ދުވަހުގައި، އެ ޔަހޫދީމީހާގެ އަންހެން ދަރިޔާ ވާހަކަފުޅު ދައްކަވަން ހުންނެވީ ކީއްކުރަންތޯއެވެ؟] 

އުއްމު ސަލަމަތުގެފާނު ވިދާޅުވެފައިވެއެވެ. [އެދުވަހު އެހެން ޞަފިއްޔާގެ ވާހަކަ ބުނެވުނީތީ ތިމަންކަމަނާ ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ތިމަންކަމަނާގެ ފާފަ ފުއްސެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް އެދުނީމެވެ. އެދުވަހު އެހެން ބުނެވުނީ ތިމަންކަމަނާގެ ޣީރަތްތެރިކަމުގެ ބޮޑުކަމުންނެވެ] (މުޞްޢަދު، 2001، 173: އިބްނު ސަޢުދު، 1995، ޞ. 67).  

އިމާމު އަޙްމަދާއި އިބްނު ސަޢުދު ރިވާކުރައްވާފައިވެއެވެ.  މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި އެހެން ދަތުރުފުޅެއްގައި ޞަފިއްޔަތުގެފާނު ސަވާރުވެވަޑައިގެން އިންނެވި ޖަމަލު ބަލިވިއެވެ. އެ ދަތުރުފުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއް ކަމުގައިވާ ޒައިނަބު ބިންތު ޖަޙްޝްވެސް ބައިވެރިވެވަޑައިގަތެވެ. އެކަމަނާގެ އަތްޕުޅުގައި އިތުރު ޖަމަލު ހުއްޓެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޒައިނަބުގެފާނަށް ޙަދީޘް ކުރެއްވިއެވެ. [ޞަފިއްޔާގެ ޖަމަލު ބަލިވެއްޖެއެވެ. ކަމަނާގެ ޖަމަލުތަކުގެ ތެރެއިން ޖަމަލެއް އެކަމަނާއަށް ދެއްވުން ކީއްތޯއެވެ؟] 

ވަރަޢަވެރިކަމުގައި މިސާލު ޖެހެވޭ ޒައިނަބުގެފާނު އެދުވަހު ޖަވާބު ދެއްވީ ވަރަށް ތަފާތު ޢިބާރާތަކުންނެވެ. އެކަމަނާ ވިދާޅުވިއެވެ. [އަޅުގަނޑުގެ ޖަމަލު އެ ޔަހޫދީއަށް ދޭންވީތޯއެވެ؟] ޒައިނަބުގެފާނު އެފަދަ ގޮތަކަށް ޖަވާބު ދެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ޛުލްޙިއްޖާ މަހާއި މުޙައްރަމް މަސް އެއްކޮށް، ދެމަސް ނުވަތަ ތިން މަސްދުވަސް ވަންދެން ޒައިނަބުގެފާނުގެ އަރިހަށް ވަޑައިނުގެން ހުންނެވިއެވެ.

ޒައިނަބުގެފާނު ވިދާޅުވެފައިވެއެވެ. [ތިމަންކަމަނާ މުޅިން މާޔޫސްވެ، އެކަލޭގެފާނު ވަޑައިގަންނަވާނެކަމުގެ އުއްމީދު ގެއްލި، ތިމަންކަމަނާގެ އެނދުދާންކޮޅުވެސް އެހެން ދިމާލަކަށް ބަދަލުކުރީމެވެ (ރަސޫލާ صلّى اللّـه عليه وسلّم އޮށޯވެވަޑައިގަންނަވާ ރަޖާކޮޅު ފައްޖަހާލައި އެއްފަރާތުގައި ބޭއްވީމެވެ). އެޙާލުގައި އުޅެނިކޮށް އެއްދުވަހެއްގެ މެންދުރު ވަގުތެއްގައި، ކުއްލިއަކަށް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިޔަނިފުޅު ތިމަންކަމަނާގެ ގެކައިރިން ފެނިއްޖެއެވެ. އެކަލޭގެފާނު ވަޑައިގަންނަވަނީކަން އެނގިއްޖެއެވެ.](މުޞްޢަދު، 2001، 173: އިބްނު ސަޢުދު، 1995، ޞ. 90). 

މި ޙާދިޘާގައި، ޒައިނަބުގެފާނު ބޭނުންކުރެއްވި ބަސްފުޅުގެ ސަބަބުން މާތް ރަސޫލާ صلّى اللّـه عليه وسلّم އިންތިހާއަށް ކޯފާވެވަޑައިގަތީ ސީދާ ﷲ ގެ ދީނަށްޓަކައެވެ. އެހެނީ، އެކަލޭގެފާނަކީ ހަމައެކަނި ﷲ އަށް ބިރުވެތިވެވަޑައިގަންނަވާ ބޭކަލަކަށް ވެފައި، އެއްވެސް މީހަކަށް ކުރެވޭ އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކަށް ނުވަތަ ދެރަބަހަކަށް ދުވަހަކުވެސް ރުހިވަޑައިނުގަންނަވާނެތީއެވެ. ރަސޫލާ صلّى اللّـه عليه وسلّم ބޭނުންކުރެއްވި މި ހަރުކަށި ފިޔަވަޅަކީ ޒައިނަބުގެފާނަށް ލިބިގެންދިޔަ މަތިވެރި ތަރުބަވީ ފިލާވަޅެކެވެ. މިއިން މުސްލިމް އުންމަތަށް ދަސްވެގެންދިޔައީ، މީހެއްގެ ނަސްލަށް ނުވަތަ ކުރީގެ ދީނަށް ނިސްބަތްކޮށް ދެރަބަސް ބުނުމަކީ އިސްލާމްދީނުގައި އެއްވެސް ވަރަކަށް ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ (މުޞްޢަދު، 2001، 174).  

އިސްވެދެންނެވުނު ދަތުރުފުޅުތަކުގައި ހިނގާދިޔަ ޙާދިޘާތަކަކީ، އުންމަހާތުލް މުއުމިނީންގެ މަތިވެރި އަޚްލާޤާއި ޝަރަފަށް އުނިކަމެއް އަންނާނެ ކަންތައްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، މިއިން ހާމަކޮށްދެނީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުންނާނެ ތަބީޢީ ބަލިކަށިކަމެވެ. ޚާއްޞަކޮށް ލޯބިވާ ފިރިއެއްގެ މައްޗަށް އަނބިންގެ ހިތުގައި ހުންނަ ޣީރަތްތެރިކަމެވެ. އުންމަހާތުލް މުއުމިނީންނަކީ މާތް، ތަޤްވާވެރި ބޭކަނބަލުން ކަމުގައިވިޔަސް، އެބޭކަނބަލުންނަކީވެސް އިޙްސާސްތައް ހުންނަ އިންސާނުންނެވެ. އެކަނބަލުން، މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ މައްޗަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނާއި، ދަތުރުމަތީގެ ބުރަކަމުގެ ތެރޭގައި އެފަދަ ބަސްފުޅުތަކެއް ވިދާޅުވެވުމަކީ އިންސާނީ ފިޠުރަތުގެ ތެރެއިން ހިނގާފައިވާ ކަންކަމެވެ. 

މި ޙާދިޘާތައް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ސިއްރެއް ނުކުރައްވައެވެ. ސީރަތުގެ އަޞްލު މަޞްދަރުތަކުގައި މިފަދަ ޙާދިޘާތައް ރިވާވެގެންވުމުގެ އެންމެ މުހިންމު ޙިކުމަތަކީ މުސްލިމް އުންމަތަށް ޢަމަލީ ތަރުބިއްޔަތެއް ދެއްވުމެވެ. ރަސޫލާ صلّى اللّـه عليه وسلّم، ޒައިނަބުގެފާނަށް ދެއްވި ދެމަސް ނުވަތަ ތިންމަސް ދުވަހުގެ އަދަބަށްފަހު، އެކަމަނާގެ ކިބައިން ފެނުނު މާޔޫސްކަމާއި ތައުބާވުމުގެ ސިފައާއި، އަދި އުއްމު ސަލަމަތުގެފާނު ކުރެއްވި ހިތާމައާއި އެދިވަޑައިގަތް ދުޢާއިން އެނގެނީ، އުންމަހާތުލް މުއުމިނީންނަކީ ކުށެއް ކުރެވުމުން އެކަން ޤަބޫލުކުރައްވައި، ތައުބާވެވަޑައިގަތުމުގައިވެސް މަތިވެރި ނަމޫނާ ދެއްކެވި ބޭކަނބަލުންކަމެވެ. ރަސޫލާ صلّى اللّـه عليه وسلّم އެ ބޭކަނބަލުންގެ ކުށްތައް އިޞްލާޙުކޮށްދެއްވި ޙިކުމަތްތެރި އުޞޫލުން، މުސްލިމް ޢާއިލާތަކުގެ ތެރޭގައި ދިމާވާ މިފަދަ މައްސަލަތައް ޙައްލުކުރާނެ ނަބަވީ މަންހަޖު އުންމަތަށް ދަސްވެގެންދިޔައެވެ.

މިއަދު އޮންލައިން