އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 12: ރަސޫލާ ﷺ ގެ ގެކޮޅުގައި ޞަފިއްޔަތުގެފާނުގެ ދިރިއުޅުއްވެވުން-

ކިޔުމަށް ހޭދަވާނީ 6މ 53ސ
އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާހަކަ- 12: ރަސޫލާ ﷺ ގެ ގެކޮޅުގައި ޞަފިއްޔަތުގެފާނުގެ ދިރިއުޅުއްވެވުން-

ޢަލީ އިޙްޞާން ފިރާޤް

 

މާތް ރަސޫލާގެ އަރިހުގައި: 

އުންމަހާތުލް މުއުމިނީންގެ މެދުގައި ހިނގާދިޔަ މިފަދަ ޙާދިޘާތަކަކީ އިންސާނީ ތަބީޢަތާ ގުޅިފައިވާ ކަންކަމެވެ. އެފަދަ ކަންކަން ހިނގާފައި ނުވިނަމަ، މުސްލިމް އަންހެނުންނަށް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޢާއިލީ ޙަޔާތްޕުޅުން ޢަމަލީ ގޮތެއްގައި ދަސްކުރުމުގެ ފުރުޞަތެއް ނުލިބުނީހެވެ. އެހެންކަމުން، މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ޢާއިލީ ދިރިއުޅުއްވުމަކީ މުޅި އުންމަތަށް އޮތް ދިރިހުރި މަތިވެރި ނަމޫނާއެކެވެ. ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުންގެ މެދުގައި ޣީރަތްތެރިކަން ހުރި ނަމަވެސް، އެ ބޭކަނބަލުންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމުގެ ގުޅުމާއި ވާޖިބުތައް ފުރިހަމައަށް ދެނެވަޑައިގަންނަވައެވެ. އެ ބޭކަނބަލުން ދިރިއުޅުއްވީ ނަބަވީ އިރުޝާދުތަކަށް ކިޔަމަންތެރިވެ، ހިތްތަކުގައި އެކަކު އަނެކަކަށް ނުބައި ޝުޢޫރެއް ނުބާއްވައި، ލޯބިވެތި އަމާން މާޙައުލެއްގައެވެ. 

މި ޙަޤީޤަތް ސާބިތުކޮށްދެއްވުމުގެ ގޮތުން އުންމުލް މުއުމިނީން ޢާއިޝަތު رضي الله عنها ރިވާކުރައްވާފައިވާ މުހިންމު ޙާދިޘާއެއްވެއެވެ. އެއްފަހަރަކު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ، ޞަފިއްޔަތުގެފާނުގެ ދެކެ ކޮންމެވެސް ކަމަކާ ކޯފާވެވަޑައިގަތެވެ. އެހިނދު ޞަފިއްޔަތުގެފާނު، ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ތިމަންކަމަނާއަށް މާފުކުރައްވާނެ ގޮތެއް ހައްދަވައިދެއްވިދާނެތޯއެވެ؟ އެކަމުގެ ބަދަލެއްގެ ގޮތުން ތިމަންކަމަނާއަށް ލިބިގެންވާ ދުވަސް (ރަސޫލާ صلّى اللّـه عليه وسلّم  އެކަމަނާގެ އަރިހުގައި ހުންނަވާ ދުވަސް) ކަމަނާއަށް ހަދިޔާކުރާނަމެވެ.] ޢާއިޝަތުގެފާނު އެކަމަށް އެއްބަސްވެވަޑައިގަތެވެ. އެއަށްފަހު، ޢާއިޝަތުގެފާނު ރީނދޫކުލައިގެ ފޭރާންކޮޅެއް ތުރުކުރައްވައި، މީރުވަސްދުވާ ތަކެތި ބޭނުންކުރެއްވުމަށްފަހު ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހަށް ވަޑައިގެން  އިށީންދެވަޑައިގަތެވެ. ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘްކުރެއްވިއެވެ. [އޭ ޢާއިޝާއެވެ! ތިމަންކަލޭގެފާނާ ދުރަށް ޖެހިވަޑައިގަންނަވާށެވެ. މިއަދަކީ ކަމަނާގެ ދުވަހެއް ނޫނެވެ.] ޢާއިޝަތުގެފާނު ދެންނެވިއެވެ. [މިއީ ﷲ ގެ ދީލަތިވަންތަކަމެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް އެކަން ދެއްވައެވެ.] އެއަށްފަހު، ހިނގާދިޔަ ހުރިހާ ވާހަކައެއް ރަސޫލާ صلّى اللّـه عليه وسلّم  އަށް ދެންނެވުމުން، އެކަލޭގެފާނު ޞަފިއްޔަތުގެފާނަށް މާފުކުރެއްވިއެވެ (މުޞްޢަދު، 2001، ޞ 174). 

މި ޙާދިޘާއިން އެނގެނީ، އުންމަހާތުލް މުއުމިނީންގެ މެދުގައި ދިމާވާ ކުދިކުދި ޚިޔާލުތަފާތުވުންތަކަށްވުރެ، އެ ބޭކަނބަލުންގެ މެދުގައި އޮތް ކުލުނާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް މާފުކުރުމުގެ ރޫޙު މާ ބޮޑުކަމެވެ. ކުށެއް ކުރެވުމުން ނުވަތަ ރަސޫލާ صلّى اللّـه عليه وسلّم  ކޯފާވެވަޑައިގަތުމުން އެކަން ޙައްލުކުރުމަށްޓަކައި އެންމެ ގާތް އަނބިކަނބަލުންގެ އެހީތެރިކަމަށް އެދުމާއި، އެ އެހީތެރިކަން ފުރިހަމައަށް ދެއްވުމުން އެނގެނީ އެ ގެކޮޅުގައި އޮތް ދީނީ އަދި އަޚްލާޤީ މަތިވެރި ތަރުބިއްޔަތެވެ. 

އަޒްވާޖުއް ރަސޫލް ގެ މެދުގައި އާންމުގޮތެއްގައި އޮންނަނީ ލޯތްބާއި، އޯގާތެރިކަމާއި، އަދި ހެޔޮ ސުލޫކެވެ. ނަމަވެސް ބައެއް ފަހަރު އިންސާނީ ތަބީޢަތުގައި ހުންނަ ކަންކަމުގެ ސަބަބުން ކުދިކުދި ބަސްތައް ބުނެވުމަކީ ހިނގާ ކަންކަމެވެ. އެއްފަހަރަކު، ޢާއިޝާ އައްޞިއްދީޤާ (ރަޟިޔަﷲ ޢަންހާ)، ޞަފިއްޔާ (ރަޟިޔަﷲ ޢަންހާ) ގެ އިސްކޮޅުފުޅުގެ ކުރުކަމާ ބެހޭގޮތުން އިޝާރާތްކުރައްވާ އެއްޗެއް ވިދާޅުވުމުން، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘްކުރެއްވިއެވެ. [ކަމަނާ ތިޔަ ވިދާޅުވީ (ނުބައި) ބަހެކެވެ. އެ ބަސް ކަނޑުގެ ފެނާ އެއްކޮށްލި ކަމުގައި ވިޔަސް، ކަނޑުގެ ފެނުގެ ކުލަޔާއި ރަހަ ބަދަލުކޮށްލާނެއެވެ] (އައްނަވަވީ،ރިޔާޟުއްޞާލިހީން، ޙަދީޘް 1525). 

ޞަފިއްޔަތު ބިންތު ޙުޔައްޔު ރަޟިޔަﷲ ޢަންހާ އަކީ ނަބަވީ ގެކޮޅުގެ އެތެރޭގެ ކަންކަމުންނާއި އަނބިއަނބިކަނބަލުންގެ މެދުގައި ހިނގާ އިޖުތިމާޢީ މުޢާމަލާތްތަކުން ބޭރުކޮށް، އެކަހެރިކުރެވިފައިވާ ބޭކަނބަލެއް ނޫނެވެ. އޭގެ ބަދަލުގައި، އެހެން އަނބިއަނބިކަނބަލުން ކުރައްވާ ކަންކަމުގައި އެކަމަނާ ބައިވެރި ކުރައްވައެވެ. މި ޙަޤީޤަތް ސާބިތުކޮށްދޭ އެންމެ ވަރުގަދަ އެއް ހެކި ފެންނަން އޮތީ ޞަޙީޙުލް ބުޚާރީގައި އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ މަޝްހޫރު ޙާދިޘާއެއްގައެވެ. އެއީ މަޝްހޫރު މާމުއިގެ ޙާދިޘާއެވެ. އެވާހަކަ ޙަފްޞާ ރަޟިޔަﷲ ޢަންހާގެ ސީރަތުގައި ބަޔާންކުރެވިއްޖެއެވެ. 

އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމް އައްޠަބަރާނީ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. 

އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم  (ތިމަންކަމަނާގެ އަރިހަށް) ވަޑައިގެން ޙަދީޘްކުރެއްވިއެވެ. [އޭ ޙުޔައްޔުގެ ދަރިކަނބަލުންނެވެ! ކަމަނާގެ އަތުގައި ކާނެ އެއްޗެއް އެބަހުރިތޯއެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަނޑުހައިވެއްޖެއެވެ.] ތިމަންކަމަނާ ދެންނެވީމެވެ. [ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ދެ މުއްދެއްގެ ގޮދަން ފިޔަވައި އެހެން އެއްޗެއް މިގެއަކު ނެތެވެ.] އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [އެ ގޮދަންތައް ތައްޔާރުކޮށްލާށެވެ.] ދެން ތިމަންކަމަނާ އެ ގޮދަންތައް ތެއްޔަކަށް އަޅައި، ރަނގަޅަށް ކެއްކީމެވެ. އަދި ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކެއުން ތައްޔާރުކޮށް ނިމިއްޖެއެވެ.] 

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [އަބޫބަކުރުގެ ދަރިކަނބަލުން (ޢާއިޝާ) ގެ ގިތެޔޮ ކޮތަޅުގައި ގިތެޔޮ ހުރިކަން ކަމަނާއަށް އެނގޭތޯއެވެ؟] ތިމަންކަމަނާ ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ތިމަންކަމަނާއަކަށް ނޭނގެއެވެ.] އެކަމަނާ ވިދާޅުވިއެވެ. [ދެން އެކަލޭގެފާނު އަމިއްލަފުޅަށް ޢާއިޝާގެ ގެއަށް ވަޑައިގެންނެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އޭ އަބޫ ބަކުރުގެ ދަރިކަނބަލުންނެވެ! ކަމަނާގެ ގިތެޔޮ ކޮތަޅުގައި އެއްޗެއް އެބަހުރިތޯއެވެ؟] އެކަމަނާ (ޢާއިޝާ) ދެންނެވިއެވެ. [އޭގައި އެއްޗެއް ނެތެވެ. ހުރީ ވަރަށް ކުޑަ އެތިކޮޅެކެވެ.] 

ދެން އެކަލޭގެފާނު އަމިއްލަފުޅަށް އެ ކޮތަޅު ހިއްޕަވައިގެން ވަޑައިގަތެވެ. އަދި އޭގެ އަރިއަރި މައްޗަށް ފިއްތަވައި، (އޭގައި ބާކީ ހުރި ގިތެޔޮތައް) ތެލީގެ ތެރެއަށް އޮއްސަވައިލެއްވިއެވެ. އެއިން ބޭރުވި އެއްޗެހި ސީދާ ތިމަންކަމަނާ ދުށީމެވެ. އެއަށްފަހު އެކަލޭގެފާނުގެ އަތްޕުޅު (އެ ކެއުމުގެ މަތީގައި) ބާއްވަވައި، [ބިސްމިﷲ] އޭ ޙަދީޘްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. [ކަމަނާގެ އުޚުތުންނަށް (ނަބިއްޔާގެ އެހެން އަނބިއަނބިކަނބަލުންނަށް) ދަޢުވަތު އަރުވާށެވެ! ފަހެ، ހަމަކަށަވަރުން އެކަނބަލުންނަށްވެސް ތިމަންކަލޭގެފާނަށް މި އިޙްސާސްކުރެވޭ ފަދަ ބަނޑުހައިހޫނުކަމެއް އިޙްސާސްކުރަންޖެހިފައިވާނެކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.] ދެން ތިމަންކަމަނާ އެކަނބަލުންނަށް ދަޢުވަތު އެރުވީމެވެ. އަދި ތިމަންމެން އެންމެން ބަނޑުފުރެންދެން ކެއީމެވެ. އެއަށްފަހު އަބޫ ބަކުރުގެފާނު ވަޑައިގެން ވަދެވަޑައިގަތެވެ. ދެން ޢުމަރުގެފާނު ވަޑައިގެން ވަދެވަޑައިގަތެވެ. އެއަށްފަހު އެހެން ބޭކަލަކުވެސް ވަޑައިގަތެވެ. ފަހެ، އެބޭކަލުންވެސް ބަނޑުފުރެންދެން ފަރީއްކުޅުއްވިއެވެ. އަދި އެއިން ބާކީވެ އިތުރުވެސްވިއެވެ (އަލްހައިޘަމީ، 1994، ވޮލިޔުމް 8، ޞ 309). 

މި ރިވާޔަތުގެ ސަނަދާމެދު އިމާމް އަލްހައިޘަމީ ލިޔުއްވާފައިވެއެވެ. މި ޙަދީޘް ރިވާކުރެއްވީ އައްޠަބަރާނީ އެކަލޭގެފާނުގެ [އަލްމުޢުޖަމުލް އައުސަޠު] ގައެވެ. މި ރިވާޔަތުގެ ސަނަދުގައި ޙުދައިޖު ބިން މުޢާވިޔާ ނަމަކަށް ކިޔާ ރާވީއަކުވެއެވެ. އޭނާއަކީ ބަލިކަށި (ޟަޢީފު) ރާވީއެއް ކަމަށް ބެލެވުނު ނަމަވެސް، ބައެއް ޢިލްމުވެރިން އޭނާއަކީ އިތުބާރު ހުރި (ޘިޤާ) ރާވީ ކަމަށް ވިދާޅުވެފައިވެއެވެ. ސަނަދުގެ ބާކީ ތިއްބެވި ހުރިހާ ރާވީންނަކީ އިތުބާރު ހުރި (ޘިޤާ) ބޭކަލުންނެވެ.

މިއަދު އޮންލައިން