ޢަލީ އިޙްޞާން ފިޜާޤް
ޙައްޖަތުލް ވަދާއުގައި ބައިވެރިވެވަޑައިގަތުން:
ހިޖުރައިން 10 ވަނަ އަހަރު ރަސޫލާ صلّى اللّـه عليه وسلّم ޙައްޖަތުލް ވައްދާއުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ އެކުގައި އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާވެސް ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުމަތީގައި ޞަފިއްޔަތުގެފާނު ސަވާރުވެވަޑައިގެން އިންނެވި ޖަމަލު ބަލިވިއެވެ. އެކަމުގެ ސަބަބުން އެކަމަނާއަށް ކީރިތިކުރެއްވެން ފެށުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم މުޅި ޤާފިލާ މަޑުކުރެއްވުމަށް އެންގެވިއެވެ. އެއަށްފަހު އެކަމަނާގެ އަރިހަށް ވަޑައިގެން، އެކަމަނާގެ ކަރުނަފޮދު އެކަލޭގެފާނުގެ އަތްޕުޅުންނާއި ފޭރާންކޮޅުން ފޮއްސަވައިދެއްވައި ހިތްވަރު ދެއްވިއެވެ (މުޞްޢަދު، 2001، ޞ. 176). އަންހެނުންނަށް އޯގާތެރިވުމާއި އަޅާލުމަކީ ބޮޑު ޢައިބެއް ކަމުގައި ދެކެވެމުންދިޔަ ޒަމާނެއްގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އުންމަތަށް ދެއްކެވީ އާދަޔާ ޚިލާފު މަތިވެރި ނަމޫނާއެކެވެ.
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ މި މާތް ދަތުރުފުޅަކީ އެކަލޭގެފާނުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ޙައްޖެވެ. ރަސޫލާ صلّى اللّـه عليه وسلّم ބޭނުންފުޅުވީ މީސްތަކުން ޙައްޖުގެ އަޅުކަންތައް ފުރިހަމައަށް ދަސްކޮށް، ހިތްތަކުގައި ހަރުލެއްވުމަށެވެ. އެހެންކަމުން ކޮންމެ މަރުޙަލާއެއްގައިމެ އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ރަބީޢާ ބިން އުމައްޔާ ބިން ޚަލަފް (ރަޟިޔަﷲ ޢަންހު) ލައްވައި، ރަސޫލާ صلّى اللّـه عليه وسلّم ވިދާޅުވާ ބަސްފުޅުތައް ބާރު އަޑުން މީސްތަކުންނަށް އިއްވަވަމުން ގެންދެވިއެވެ. ޙައްޖުގެ ދުވަސްތައް ނުހަނު ބާއްޖަވެރިކަމާއެކު ނިމިގެންދިޔައެވެ. އަދި އެތައް ހާސް ޞަޙާބީންނަކާއެކު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙައްޖުގެ މާތް އަޅުކަމުގެ ޝަރަފު ހޯއްދެވުމަށްފަހު، އަނބުރާ މަދީނާއަށް ވަޑައިގަތުމުގެ ދަތުރުފުޅު ފެއްޓެވިއެވެ. މުހާޖިރުންނާއި އަންޞާރުންގެ ބޮޑު ލަޝްކަރާއެކު، ނުހަނު އުފާވެރިކަމުގައި މަދީނަތުލް މުނައްވަރާއަށް ވަޑައިގަތުމަށް މިޞްރާބު ޖެއްސެވިއެވެ.
ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި، އަޅުކަމާއި ދީނީ ކަންކަމުގައި މަސްޣޫލުވެ، ނަފްސާނީ އެދުންތަކާއި ދުނިޔޭގެ ލައްޒަތުތަކުން ދުރުހެލިވެ، اللَّه ގެ ރުހުން ހޯދުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ އަޚްލާޤީ ގޮތުން މަތިވެރި މީހެކެވެ. އެމީހެއްގެ ހަށިގަނޑާއި ރޫޙާނީ ދިރިއުޅުން ވަރުގަދަ އަސާސްތަކެއްގެ މަތީގައި ބިނާވެފައިވާނަމަ، ދުނިޔަވީ އެއްވެސް ބަދަލަކުން އެމީހަކު ގުޑައެއް ނުލާނެއެވެ.