ޚުޠުބާ: އަޅުކަންކުރެވޭ ޙާލުގަ ހުރުމަށްޓަކާވެސް ޞިއްޙަތަށް ރައްކައުތެރިވާންޖެހޭނެ! ޞިއްޙަތަށް ގެއްލުންލިބިދާނެ އެއްވެސް ކަމެއްކުރުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 41ސ
ޚުޠުބާ: އަޅުކަންކުރެވޭ ޙާލުގަ ހުރުމަށްޓަކާވެސް ޞިއްޙަތަށް ރައްކައުތެރިވާންޖެހޭނެ! ޞިއްޙަތަށް ގެއްލުންލިބިދާނެ އެއްވެސް ކަމެއްކުރުން ހުއްދައެއް ނޫން!

މުސްލިމް އަޚުންނޭވެ! ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެކެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި، ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދު ވެސް ހިނގަހިނގައި ހުރެއެވެ. އެ ކަމުގެ އަގު ވަޒަންކުރެވެނީ، އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ----  މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށް ވެސް މަދުންނެވެ." ޝުކުރުވެރިވުމަކީ، އަބަދުމެ މާތް ﷲ ހަނދުމަކޮށް، ކިޔަމަންތެރިކަމުގައި  ދެމިތިބުމެވެ. 

މުސްލިމް އަޚުންނޭވެ! އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވައިފައިވާ މަތިވެރި އަމާނާތެކެވެ. ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ތިޔަބައިމީހުން قتلނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ނުހަނު އޯގާވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." މާތް ﷲ ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު، އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ޙަވާލުކުރެއްވިއެވެ. ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. 

މުސްލިމް އަޚުންނޭވެ! މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫނެވެ. ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިމަންރަސްކަލާނގެ އެ މީހެއްގެ ޢުމުރު ދިގުކުރައްވާ މީހާ(ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ.     (އެބަހީ: އާރެއް ބާރެއް ނެތް ގޮތުގައި ފެށިގެން އައިސް ޒުވާންކަމުގެ ދައުރު ނިމި، އެންމެ ފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީހެއްޔެވެ؟" ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަކަށް ލިބިގެންނެއް ނުވެއެވެ. 

މުސްލިމް އަޚުންނޭވެ! ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު، މުއުމިނު އަޅާގެ ޙާލަތު ބަޔާންކުރައްވައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَثَلُ الْـمُؤْمِنِ كَمَثَلِ خَامَةِ الزَّرْعِ يَفِيْءُ وَرَقُهُ، مِنْ حَيْثُ أَتَتْهَا الرِّيْحُ تُكَفِّئُهَا، فَإِذَا سَكَنَتِ اعْتَدَلَتْ، وكَذَلِكَ الْـمُؤْمِنُ يُكَفَّأُ بِالْبَلَاءِ، وَمَثَلُ الْكَافِرِ كَمَثَلِ الأَرْزَةِ صَمَّاءَ مُعْتَدِلَةً حَتَّى يَقْصِمَهَا اللهُ إِذَا شَاءَ)[1] މާނައީ: "މުއުމިނު އަޅާގެ މިސާލަކީ، ފަތްތައް ހެލިލަހެލިލާ ހުންނަ ޅަނދޮޅު ގަހެއްގެ މިސާލެވެ. ޖެހޭ ވައިރޯޅިއާ އެކު އެ ގަސް ލެނބެއެވެ. އަދި ވައި މަޑުވުމުން އެ ގަސް ސީދާވެއެވެ. މުއުމިނު އަޅާ މުޞީބާތުގެ ތެރޭގައި ވަނީ ހަމަ އެފަދައިންނެވެ. އަދި ކާފިރު މީހާގެ މިސާލަކީ، މާތް ﷲ އިރާދަކުރައްވައިފި ހިނދަކު މުލުން ލުހެލައްވައިފުމަށްދާންދެން ވަޔާ ނުލެނބި ސީދަލަށް ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ މިސާލެވެ.  އީމާންކަމަކީ ތަދު އިޙުސާސްނުވުމެއް ނޫނެވެ. މުއުމިނު އަޅާގެ ހަޤީޤީ ބާރަކީ، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުމެވެ. 

މުސްލިމް އަޚުންނޭވެ! ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫނެވެ. އެއީ މާތް ﷲއަށް ކުއްތަންވުމަށާއި، ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެކެވެ. ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ގޮވައިލާން ދިޔުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. މާނައީ: "(އެކަލާނގެ ވަޙީކުރެއްވިއެވެ.) އޭ رسولންނޭވެ! حلال ރަނގަޅު ތަކެތީން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عملކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ރަނގަޅު ޙަލާލު ކާބޯތަކެތިން ހަށިގަނޑަށް ބާރު ލިބުމާ އެކު، އެ ބާރާއި ކުޅަދާނަކަން ހޭދަކުރެވެނީ ކޮންކޮން ކަންތައްތަކެއްގައިތޯ އަމިއްލަ ނަފުސާ ސުވާލުކުރާށެވެ! 

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް ދަމަހައްޓަވައި ދެއްވާނދޭވެ! އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށާއި، އެންމެ ފުރިހަމަ ގޮތުގައި އަޅުކަން ކުރުމަށް އަޅަމެންނަށް މަގުފަހިކޮށްދެއްވާނދޭވެ! ދުނިޔެއާއި އާޚިރަތުގައި ފާފަފުއްސެވުމާއި، ޢާފިޔަތާއި ސަލާމަތްތެރިކަން އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އާމީން!  

މުސްލިމް އަޚުންނޭވެ! ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (نِعْمَتَانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: اَلصِّحَّةُ وَالْفَرَاغُ)[2] މާނައީ: "ގިނަ ބަޔަކު އެ ދެ ނިޢުމަތަކާ މެދު ޣާފިލުވެފައިވާ ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ." މި ޙަދީޘުގައި އައިސްފައިވާ "مَغْبُوْنٌ" މި ބަހުގެ މުރާދަކީ، އަތުގައިވާ މުހިންމު ރައުސްމާލެއްގެ ޙަޤީޤީ އަގު ވަޒަންނުކުރެވި، ގެއްލުމުގެ ތެރެއަށް އެ ދޫކޮށްލެވުމެވެ. މިއަދު ފުރިހަމަ ސިއްޙަތެއްގައި ހުރެ، ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ނުހިފައި، ފަރުވާކުޑަކޮށްލެވެނީ ކިތައްކިތައް މީހުންނަށްހެއްޔެވެ؟ މާދަމާ މާތް ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރު، އެކަލާނގެ އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ދެއްވި ވަގުތާއި، ހަށިގަނޑުގައި ލެއްވި ބާރުގެ ބޭނުންކުރި ގޮތާ މެދު ދޭނީ ކޮންޖަވާބެއްހެއްޔެވެ؟ މާތް ﷲ ދެއްވައިފައިވާ ޞިއްޙަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އަދި  މި މަތިވެރި ނިޢުމަތް ބީވެދިޔުމުގެ ކުރީން އެ ކަމަށް ޝުކުރުވެރިވުމުގެ ހެޔޮ ނަޞީބުދެއްވާނދޭވެ!

މިއަދު އޮންލައިން