ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ. ދިއްދޫގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ. ދިއްދޫގައި ހުޅުވައިފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިއްޔެ ހުޅުވައިފިއެވެ. މި މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.

މި މައުރަޒު ބާއްވަނީ 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ، އަލްމަރުޙޫމް ޢުމަރު އަޙްމަދުގެ ޒިކުރާއާއި، އެ ދުވަހު ޤައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒުގައި ޢުދުވާނީ ހަމަލާ ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންކަން ވަގުތު ފީތާއެއްގެ ގޮތުގައި ފެންނާނެހެން ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރު އަދި ލިޔުންތައް ހިމަނާފައިވެއެވެ. މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 13އިން 14އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 22:00އަށެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު ޝާއިޢުކުރާ "އައްޑަނަ މަޖައްލާ"ގެ 40ވަނަ ޢަދަދު ވަނީ ނެރެދެއްވާފައެވެ. އެ މަޖައްލާ ނެރެދެއްވީ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މީގެ އިތުރުން ދިއްދޫގައި މައުރަޒު ބޭއްވުމަށް ކައުންސިލުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް، އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމް ވަނީ ދިއްދޫ ކައުންސިލްގެ ރައީސް އުޘްމާން ރަޝީދަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ސިފައިންނާއި، ދިއްދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އާންމު ރައްޔިތުން އަދި ސްކޫލް ދަރިވަރުން ބައިވެރިވިއެވެ.

މި މައުރަޒުގެ އިތުރުން ނޮވެންބަރު 14ވަނަ ދުވަހު އިތުރު ހަރަކާތްތަކެއް ވެސް ދިއްދޫގައި ކުރިއަށްދާނެއެވެ. އެގޮތުން ހެނދުނު 10:00އިން 12:00އަށް ދިއްދޫ ބަނދަރު ސަރަހައްދުގައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން" އުޅަނދަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:00ގައި ދިއްދޫ އިސްލާމީ މަރުކަޒު ކައިރީގައި އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް އޮންނާނެއެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ޝަހީދުންގެ ޒިކުރާ އާކޮށް، ޤައުމީ ފަޚުރާއި އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމެވެ.

މި މައުރަޒު ނޮވެންބަރު 20 އަދި 21ވަނަ ދުވަހު ހއ. ބާރަށުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހއ. ބާރަށަކީ 1988 ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.

މިއަދު އޮންލައިން