މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހުން ހިޖުރަކުރަންޖެހޭ މައްސަލަތަކަށް ހައްލު ހޯދުމަށާއި، ރަށްރަށުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ސާބިތުކަން އިތުރުކުރުމަށްޓަކައި ސައިންޓިފިކް މައުލޫމާތާއި، މާލީ އެހީތެރިކަމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސަރަޙައްދީ އެއްބާރުލުން ނުހަނު މުހިންމު ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ކޮޕް31 (COP31) ގެ ހަވާސާ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ހެއްކާއި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެއް (ޑޭޓާ-ޑްރިވަން އެޕްރޯޗަސް) ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ނާޒުކު ތިމާވެށިތަކުގައި ދިރިއުޅޭ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުގައި ދެމިތިބުމުގެ ހައްގު ކަށަވަރުކޮށްދީ، މުޖުތަމައުތަކުގެ ވިލުންވެރިކަން ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޫސުމީ ހިޖުރަކުރުމުގެ ނުރައްކާ ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުމާއި، އިންސާނީ ވަސީލަތްތަކާއި ފަންނީ ގާބިލުކަން އިތުރުކުރުމަކީ މިފަދަ ކަންކަމުގައި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޖަޒީރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، ރައްޔިތުން އެމީހުންގެ އުފަން ރަށްރަށުގައި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި އަބަދުވެސް ވަކާލާތު ކުރަމުން އަންނަ މުހިންމު ކަމެކެވެ.
ހަބަރު: ސަރުކާރު