ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން ސައުތު އޭޝިއަން ޔުނިވަރސިޓީގެ ރައީސާއެކު މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން ސައުތު އޭޝިއަން ޔުނިވަރސިޓީގެ ރައީސާއެކު މަޝްވަރާކުރައްވައިފި

ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރަށް ފުޅާކޮށް، ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) ގެ ރައީސް ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސައުތު އޭޝިއަން ޔުނިވަރސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އެންމެ ފަހި ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން ރާއްޖޭގެ ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އެސް.އޭ.ޔޫ އާއި ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާ ގުޅިގެން ގުޅިފައިވާ ޕްރޮގްރާމްތައް ހިންގުމާއި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މީގެއިތުރުން، ދެފަރާތުގެ މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން، ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު ޒުވާނުން ހޭލުންތެރިކުރުމާއި، އެ ދާއިރާތަކުން ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޒުވާނުން ބާރުވެރިކުރުމަށާއި ތަޢުލީމީ މައިދާނުން ޤައުމު ކުރިއެރުވުމަށްޓަކައި މިފަދަ ބައިނަލްއަޤްވާމީ މަތީ ތަޢުލީމީ މުއައްސަސާތަކާއެކު ބާއްވާ ގުޅުންތަކަކީ ނުހަނު ބޭނުންތެރި އަދި މުހިންމު ގުޅުންތަކެއްކަން ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން