މާލޭގެ ޕޯޓަށްވުރެ 6 ގުނަ ބޮޑު ތިލަފުށީ ޕޯޓާއެކު އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
މާލޭގެ ޕޯޓަށްވުރެ 6 ގުނަ ބޮޑު ތިލަފުށީ ޕޯޓާއެކު އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ރައީސް

މާލޭގައި މިހާރު ހިންގަމުންދާ ވިޔަފާރި ބަނދަރަށްވުރެ 6 ގުނަ ބޮޑުކޮށް ތިލަފުށީގައި ތަރައްޤީކުރާ އައު ޕޯޓާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ތަރައްޤީއާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ހާސިލުކުރަމުންދާ މުހިންމު ލަނޑުދަނޑިތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާލޭގައި މިހާރު ހިންގަމުންދާ ތޮއްޖެހިފައިވާ ކުޑަ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެންމެ މުހިންމު އެއް އިޤްތިޞާދީ މަޝްރޫޢު ކަމަށެވެ. މާލޭގެ ޕޯޓާ އަޅައިބަލާއިރު ތިލަފުށީގެ އައު ޕޯޓުން 6 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެ ކަމަށާއި، މި ބޮޑު ބަދަލާއެކު ރާއްޖޭގެ ވިޔަފާރިތަކަށް މާހައުލު ތަނަވަސްވެ، ވިޔަފާރިތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ޕޯޓު ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ މި ޕޯޓާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 2.3 މިލިއަން މީޓަރުގެ ކީވޯލްއެއް ޤާއިމުކުރެވިގެންދާނެއެވެ.

މާލޭގެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޖާގައިގެ ދަތިކަމާއި ޓްރެފިކްގެ މައްސަލަތައް ދިމާވަމުންދާ މާލޭގެ ބަނދަރުގެ ބަދަލުގައި ތިލަފުށީގައި ޤާއިމުކުރެވޭ ބަނދަރުގެ ސަބަބުން ނޯތު ހާބަރުގައި މިހާރު ދިމާވަމުންދާ ބޮޑެތި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، މިއީ ރާއްޖޭގެ މުޅި އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ވިޔަފާރިވެރިންނަށް މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ލުއިތަކެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއްކަން ވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން