އްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާނާއެކު، އެ މީހުންގެ ސައްޙަ އަދަދު ފުރިހަމައަށް ދެނެގަނެވިފައިވާ ކަމަށާއި، މި ފެންވަރަށް މި މަސައްކަތް ކާމިޔާބު ކުރެވިފައިވަނީ ދުނިޔޭގެ މަދު ޤައުމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ ސާފު އަދަދެއް އެއްވެސް އިރަކު އެނގިފައި ނުވާ ކަމަށެވެ. އަދި ވޭތުވެދިޔަ އެކި ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރާނެ ކަމަށް ބުނެ ވާހަކަދެއްކި ނަމަވެސް، މި ސަރުކާރުން މިކަން ކުރަމުންދަނީ ނުހަނު އިޚުލާސްތެރިކަމާއެކު، އަމަލީ ސިފަ ގެނެސްދެމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ ދަފުތަރު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު ރާއްޖޭގެ ތިބި 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ނަގާ ނިމިއްޖެ. ބާކީ އެންމެ އިންސައްތައެއް. މިއަދަދަކީ، ދުނިޔޭގެ އެންމެ 1 އިންސައްތަ ޤައުމުން ހާސިލުކުރެވިފައިވާ އަދަދެއް. އެކަމަކު ރާއްޖެއިން މިއޮތީ ހާސިލުކޮށްފައި،" ކަމަށެވެ.
މީގެއިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅުނު ފިޔަވަޅުތަކާއެކު، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13,000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށްވެސް އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.