ދިވެހި ރައްޔިތުން ދުވަހުން ދުވަހަށް ކުރާ ތަފާތު މުއާމަލާތްތަކަށް ފަސޭހަކޮށްދޭ ސްމާޓް ފީޗާސްތަކެއް ހިމަނައިގެން، އައު ޖީލުގެ އައިޑީކާޑެއް އަންނަ އަހަރު ތެރޭގައި ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މި ސަރުކާރު އުފެދުނުތާ ތިން އަހަރު ފުރުމާ ގުޅިގެން ރޭ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ބޭނުންކުރަމުން އަންނަ ޕްލާސްޓިކް އައިޑީކާޑުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ އައު ކާޑެއް ތައާރަފުކުރުމުން ރައްޔިތުންނަށް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޕަބްލިކް ސެކްޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފައިސާ ދެއްކުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރުން ފަދަ ކަންކަން މި ކާޑު މެދުވެރިކޮށް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން މި ހޯދާ ޕަބްލިކް ސެކްޓާގައި އާންމުކޮށް ހޯދާ އެތައް ކަމަކަށް އެ އައިޑީކާޑު ބޭނުންކުރެވޭނެ. ޕޭމަންޓުތައް ވިޔަސް، ފައިސާ ދެއްކުން ކަމުގައިވިޔަސް ގިނަ ކަންތައްތައް. މިސާލަކަށް ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުންކުރާ އިރުގައި ވިޔަސް މިހެން ގޮސް އެތައް ކަމެއްގައި އެ އައިޑީކާޑު ބޭނުންކުރެވޭނެ ގޮތަށް ފަހިވެފައި އޮންނަ އައިޑީކާޑަކަށް ބަދަލުކުރެވިގެން މިދަނީ،" ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ދަތުރު
އައިޑީކާޑުގެ ޚިދުމަތް ޒަމާނީކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ފާއިތުވި މުއްދަތުގައި ކުރަމުންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. މިއީ މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތުމަށް ނިމުމެއް ގެނެސްދިން ބޮޑު ބަދަލެކެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަން ނުޖެހި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާޑު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިތުރުން ވިލިމާލޭގައި ވެސް ޕްރިންޓިންގ ސެންޓަރުތައް ގާއިމުކޮށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި ރާއްޖެއިން ބޭރުގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ސްރީލަންކާ އާއި މެލޭޝިއާގައި ތިބި ދިވެހިންނަށް ވެސް އެ ގައުމުތަކުގައި ތިބެގެން މި ޚިދުމަތް ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.
މީގެ އިތުރުން ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ލާމަރުކަޒީ ކުރުމުގެ ގޮތުން ކައުންސިލްތަކަށް ޚާއްސަކޮށް "ނާރެސް" ޕޯޓަލް ތައާރަފުކޮށް، އޮންލައިންކޮށް ފޯމު ހުށަހެޅުމާއި ފައިސާ ދެއްކޭނެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް 200 އަށްވުރެ ގިނަ ބަޔޯމެޓްރިކް ފިންގަރޕްރިންޓް ސްކޭނިންގ ޑިވައިސް ފޯރުކޮށްދީ، މި މަސައްކަތްތައް ހިންގުމަށް 20 ދާއިމީ ސިވިލް ރަޖިސްޓްރާރުން ވަނީ އައްޔަނުކޮށްފައެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް ވެށި އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޒަމާނީ އަދި ރައްކާތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.