ތިން އަހަރުގެ ތެރޭގައި 4،000 އަށްވުރެ ގިނަ ޒުވާނުންނަށް ލުއި ލޯނު ދީފި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 25ސ
ތިން އަހަރުގެ ތެރޭގައި 4،000 އަށްވުރެ ގިނަ ޒުވާނުންނަށް ލުއި ލޯނު ދީފި: ރައީސް

މި ސަރުކާރަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 4،061 ޒުވާނަކަށް އެކި ބާވަތުގެ ލުއި ލޯނު ފެސިލިޓީތައް ހަމަޖައްސައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުން މާލީގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ފައިނޭންޝަލް ސްކީމާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ސްކީމުގެ އިތުރުން ޒުވާން ވިޔަފާރިވެރިންގެ ސްކީމާއި، 'ފަށާ މަދަދު' އަދި 'ތިޖާރާ ރަށު ފަތުރު' ފަދަ ތަފާތު އެކި ސްކީމްތަކުގެ ދަށުން ޖުމްލަ 4،061 ޒުވާނަކު ބާރުވެރިކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އެހީތަކާއެކު ގިނަ ޢަދަދެއްގެ ޒުވާނުން އަލަށް ކުދި ވިޔަފާރިތައް ފަށައި، އަދި ބައެއް ފަރާތްތަކުން މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އަމިއްލަ ފުދުންތެރިކަން ހޯދައިދީ، އާންމު ރައްޔިތުން މުއްސަނދި ބަޔަކަށް ހެދުން ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ (އެސްއެމްއީ) ވިޔަފާރިތަކަކީ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ ކަމަށްވުމާއެކު، އެ ދާއިރާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ޤަވާޢިދުތަކާއި އުޞޫލުތަކުގެ ތެރެއިން ފީޒިބިލިޓީ ބަލައި، ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދެމުންދާ ކަމަށާއި، އޭގެ ތެރޭގައި މުދާ ކްލިއާ ކުރުމުގައި ދިމާވާ ލަސްތަކަށް ޙައްލު ހޯދައިދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެސްއެމްއީ ދާއިރާއަށް އިތުރު ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް އިޢުލާނު ކުރެއްވިއެވެ. އެގޮތުން ޤާނޫނާއި ގަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތެރިކަމަށް އެތެރެކުރާ 'ރޯ މެޓީރިއަލް' ނުވަތަ ރޯދާ މުދަލުން ނަގާ ޑިއުޓީ ސުމަކަށް (0 އިންސައްތައަށް) ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ޓްރެޝްހޯލްޑް މިހާރު އޮތް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ނިންމަވާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައްޔިތުން އެދޭ ކަންކަމުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޢަމަލީ ގޮތުން ނަތީޖާ ނެރެދީ، ޤައުމުގެ ޒުވާނުންނާއި ވިޔަފާރިވެރިންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

 

މިއަދު އޮންލައިން